ޚަބަރު

ފާއިތުވި މަހު ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެގޮތް ނެތިގެން ބޭންކު އޮފް މޯލްޑިވްސްއިން 700 މިލިއަން ރުފިޔާ ވަނީ ލޭންދޭނަށް ނަގާފަ!

ދިޔަވަރު
ފާއިތުވި މަހު ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެގޮތް ނެތިގެން ބޭންކު އޮފް މޯލްޑިވްސްއިން 700 މިލިއަން ރުފިޔާ ވަނީ ލޭންދޭނަށް ނަގާފަ!

ރާއްޖޭގެ މާލީ ހާލަތު ދަށްވެ, ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތިގެން, ދައުލަތުގެ މުވައްޒަފުނަށް ނޮވެމްބަރުމަހުގެ މުސާރަދޭން ފިނޭންސް މިނިސްޓްރީން ބޭންކު އޮފް މޯލްޑިވްސްއިން 700 މިލިއަން ރުފިޔާ ބޮރޯ ކޮށްފައިވާމަށް (ލޭންދޭނަށް ނަގާފައިކަމަށް) "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާ ސަރުކާރު އިންތިޚާބު ވުމަށްފަހުވެސް ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލް ނުކުރެވި, އާންމު ރައްޔިތުންގެ ޑިޕޮޒިޓް ފައިސާއިން (ބޭންކު އޮފް މޯލްޑިވްސްއިން) ސަރުކާރަށް ލޭންދޭނަށް ފައިސާ ނަގަން ޖެހުނީ, ފައިސާ ޗާޕު ކުރެވޭނެ ގޮތެއް ނެތިގެންނެވެ. އެއީ ފައިސާ ޗާޕްކުރުމަށް މުއިއްޒުގެ ސަރުކާރުން ކުރި މަސައްކަތްތައް އެމްއެމްއޭއިން ފުރުސަތު ދޭން ބޭނުން ނުވެގެންނެވެ.

ދައުލަތުގެ މާލީ ހާލަތު ދަށްވެ, ރައްޔިތުންގެ ޑިޕޮޒިޓަރީން މުސާރަ ދޭން ހޭދަ ކޮށްފައިވާއިރު, ބޭންކު އޮފް މޯލްޑިވްސްއިންވެސް އަދި ފިނޭންސް މިނިސްޓްރީންވެސް މިކަމާގުޅޭގޮތުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މާލީ ތަޖުރިބާކާރަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތި ދީފައިވާ ގޮތުގައި ބޭންކުން ބޮރޯ ކޮށްގެން މުސާރަދޭން ފިނޭންސް މިނިސްޓްރީއަށް މަޖުބޫރުވީ އާ ސަރުކާރުން ކެމްޕޭންގެ ތެރޭގައި ވައުދުވީ ގޮތަށް, ސަރުކާރުގެ ބޭކާރު ޚަރަދުތައް ކޮންޓްރޯލް ނުކުރެވި، ބަޖެޓު ޑެފިސިޓް އިންތިހާއަށް ބޮޑުވުމާއެކު, ސަރުކާރުގެ ތެރޭގައި އިސްރާފާއި ކޮރަޕްޝަން ބޮޑުވުމާއި ދައުލަތުގެ މާލިއްޔާގެ ކަންކަން ޒިންމާދާރު ގޮތެއްގައި ނުބެލެހެއްޓިގެން ކަމުގައެވެ.

ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދޭން ބޭންކު އޮފް މޯލްޑިވްސްއިން 700 މިލިއަން ރުފިޔާ ބޮރޯ ކޮށްފައިވާއިރު, ރައީސް މުއިއްޒު އަދިވެސް ގެންދަވަނީ ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންނެވެ. އެގޮތުން މި ސަރުކާރަށް ދޮޅުމަސް ވެގެން ދާއިރު, ރައީސް ސާލިހުގެ 5 އަހަރުގެ އައްޔަން ކޮށްފައިވާ މަގާމްތަކަށްވުރެ މި ސަރުކާރުން އައްޔަން ކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ އަދަދު މިޙާރު ވަނީ މަތިވެފައެވެ.