ޚަބަރު

މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަކީ ޤައުމަށް ގައްދާރުވުން ކަމަށް މުއިއްޒު ސިފަކޮށްފި! މުއިއްޒު ވަނީ ޤާނޫނުއަސާސީއަށް ގޮންޖައްސަވާފައި!

ދިޔަވަރު
މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަކީ ޤައުމަށް ގައްދާރުވުން ކަމަށް މުއިއްޒު ސިފަކޮށްފި! މުއިއްޒު ވަނީ ޤާނޫނުއަސާސީއަށް ގޮންޖައްސަވާފައި!

ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލުމުގެ ރައްޔިތުންނާއި ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ނިންމުމަކީ ޣައްދާރުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ޤާނޫނީ އަސާސީއިން ރައްޔިތުންނަށް ލިބިދޭ ފުރިހަމަ ބާރާއި އިޚްތިޔާރުގެ ތެރެއިން މުއިއްޒުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުން ނެގުމުގެ މަޝްވަރާތައް ހިނގަމުން ދަނިކޮށް އެކަމަށް އިޝާރާތް ކޮށް އެއީ ޤައުމަށް ގައްދާރުވުން ކަމަށް ސިފަކުރުމަށެވެ.

ދިވެހި ޤައުމަކީ އެންމެ މީހެއް ނޫނެވެ. ޤައުމުގެ މަސްލަހަތަކީ އެންމެ މީހެއްގެ މަސްލަހަތަށްވުރެ ބޮޑު އެއްޗެކެވެ. މުއިއްޒަށް އިތުބާރު ނެތް ނެތުމަކީ، ޤައުމާއި ޤައުމިއްޔަތާއި، ޤައުމަށް ގައްދާރުވުމާއި ކުޑަވެސް ގުޅުމެއް ނެތް ކަމެކެވެ. ނަމަވެސް ރައްޔިތުންނަށް އޮޅުވާލުމަށް އާދައިގެ މަތިން އެމަނިކުފާނުވަނީ މިރޭ ބޭއްވި ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން "ތިމާމެންގެ އާރާއި ބާރު ދައްކާލަން ބޭނުންވީމާ" ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ޣައްދާރުވުން ކަމަށެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމަށް ވޯޓު ނެގުމަކީ ޤައުމަށް ކޮންމެ ކަމެއް ވުމަށް ވަރިކަމަ ކަމަށް ނިންމުމެއްވެސް ނޫނެވެ. މުއިއްޒު އެ ދެއްކެވި ވާހަކައަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި، ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީއިން ލިއްބަދޭ މަޖިލީހުގައި ވޯޓުލުމުގެ ބާރު ނިގުޅައިގަތުމަށް ދައްކާ މަކަރުވެރި ހީލަތްތެރި ވާހަކައެކެވެ. އަދި އެއީ ސީދާ ޤާނޫނު އަސާސީ އަށް ގޮންޖައްސަވާ ދެއްކެވި ވާހަކައެކެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރެވޭނެ ފަސޭހަ މަގެއް ހޯދުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތަކެއް ވަނީ ދާދި ފަހުން ކޮށްފައެވެ.

މުއިއްޒު ވެރިކަމަށް އައިސްފައިވަނީ ދޮގާއި މަކަރު ހަދައި ރައްޔިތުންނަށް އޮޅުވާލައިގެންނެެވެ، ހަތިޔާރު އެޅި އެތައް ހާސް އިންޑިޔާ ސިފައިންނެއް ތިބި ކަމަށް ބުނެ އިންޑިޔާއާއި މެދު ނަފްރަތު އުފައްދައިގެންނެވެ. މުއިއްޒު ވެރިކަމަށް އައީ ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ތަކުރާރުކޮށް ބުނެ ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލައިގެން ހީލަތްތެރިކޮށެވެ.

އަދިވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް އޮޅުވާލުމަށެވެ. އިންޑިޔާ ބަދުނާމު ކޮށް އަނެއްކާވެސް ދޮގު ވާހަކަތައް ދައްކަން ފަށައިފިއެވެ. ރައްޔިތުންގެ އަޑު ކަނޑުވާލުމަށް އިންޑިޔާގެ ނަން ބޭނުން ކޮށްގެން، މިހާރުވެސް ދަނީ ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ފިތުނަވެރި ކެމްޕެއިނެއް ހިންގަމުންނެވެ.

"ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރާބާރު ދައްކާލާން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް،" މުއިއްޒާއި ދެކޮޅަށް ނަގާވޯޓަކީ ރައްޔިތުންގެ ކަމެއްކަމަށް ހެދުމަށް މުއިއްޒު އޮޅުވާލަމުން ވިދާޅުވި އެވެ.