ޚަބަރު

ޑރ. ޖަމީލް މުއިއްޒު ސިފަ ކުރެއްވީ ބޮޑު މުނާފިގެއްގެ ގޮތުގައި!

ދިޔަވަރު
ޑރ. ޖަމީލް މުއިއްޒު ސިފަ ކުރެއްވީ ބޮޑު މުނާފިގެއްގެ ގޮތުގައި!

ރައީސް ޔާމިންގެ ވެރިކަމުގައި ނާއިބު ރައީސްކަން ކުރެއްވި, ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައީސް މުއިއްޒު މުނާފިގެއްގެ ގޮތުގައި ސިފަ ކޮށްފިއެވެ.

ޑރ. ޖަމީލް ރައީސް މުއިއްޒު މުނާފިގެއްގެ ގޮތުގައި ސިފަ ކުރައްވާފައިވަނީ ވެރިކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދު ކަމަށްވާ, ރައީސް ޔާމިން މިނިވަން ކުރުމުގެ ވައުދު މިއަދާއި ހަމައަށްވެސް ފުއްދަވާފައި ނުވާކަމަށް ވިދާޅުވަމުންނެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ, ރައީސް ޑރ. މުއިއްޒު ރަސޫލާގެ ޙަދީޘު ބައްލަވާކަމީ އުފާވެރިކަމެއް ކަމަށާއި, 'ތިމާގެ ނަފުސް ދެކެ ލޯބިވާ ފަދައިން ތިމާގެ އަޚާދެކެ ލޯބިވުމަށް ދާންދެން ފުރިހަމަ މުސްލިމަކަށް ނުވާނެ' މާތް ނަބިއްޔާގެ މި ހަދީސްގެ މަހުފޫމް ޝެއިޚު ލަތީފުމެންފަދަ ޢާލިމުންނަށް އެނގިވަޑައިގަންނަވާނެ ކަމުގައެވެ.

ކޮބާތޯ ނުޙައްގު އަނިޔާލިބޭ ކަމަށް ވިދާޅުވި ރ. ޔާމީން؟ ކޮބައިތޯ އެވަޢުދު؟ ކޮބައިތޯ ޙަދީޘްފުޅު؟ އައްޞަފު ސޫރަތުގެ 2 އަދި 3 ވަނަ އާޔަތް ބައްލަވާ. ‘ތިޔަބައި މީހުން ނުކުރާ ކަންތަކުގެ ވާހަކަ ދައްކަނީ ކީއްވެހޭ؟’ މިއަދު ތިޔައީ ރައީސް. އާރާއި ބާރުގެ ވެރިޔާ . ޑރ. މުއިއްޒުގެ އަޚު ރ. ޔާމީނަށް ލުޔެއްގެ މިންވަރުވެސް ނުދެވިގެން އުޅެނީ ކީއްވެތޯ؟ މޫނު ދިމާކޮށް ޝުކުރު އަދާ ނުކުރެވިގެން އުޅެނީ ކީއްވެތޯ؟ ރ. ޔާމީން އަދި ޕީޕީއެމާ ނުލައި މަނިކުފާނަށް ތިޔަ ވެރިކަން ދުވަހަކުވެސް ނަސީބު ނުވީސް. މިވާހަކަ ދެނެއް އިތުރަށް ބަދަލު ނުކުރެވޭނެ. މުނާފިގުންގެ ސިފަ ތިޔަ ވިދާޅުވަނީ ރަނގަޅަށް. ގިނަ ބަޔަކު ވޯޓްދިނީ ރައީސް ޔާމީން މިނިވަންކުރަން. ރައްޔިތުން ތިބީ ފާރަވެރިކޮށް ބަލަން.

ރައީސް މުއިއްޒުގެ އަތްޕުޅުގައި ހުރިހާ ބާރެއް އޮވެމެ, ރައީސް ޔާމިން މިނިވަން ކުރައްވާފައި ނުވާތީ, ރައީސް މުއިއްޒުއަކީ މުނާފިގެއްކަމަށް ސިފަ ކުރައްވަމުން ޖަމީލް ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމިން ޖަލުން މިނިވަންކުރުމަކީ ވެރިކަމަށް ވަޑައިގެންނެވުމަށް ޑރ. މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ. އަދި ތާއީދު ހޯދުމަށް މުއިއްޒުވަނީ ކެމްޕޭން ހުރިހާ ޖަލްސާއެއްގައިވެސް ރައީސް ޔާމިންގެ ފޮޓޯ ޖެހި ހުސް ގޮނޑިއެއްވެސް ބަހައްޓާފައެވެ.

އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމާއެކު މުއިއްޒުވަނީ ރައީސް ޔާމިން ބާކީކޮށް, އެކި ބާވަތުގެ އިންޒާރު ދީ, އަދި ރައީސް ޔާމިންއާއި ގާތްކަން އިތް ފަރާތަކަށް ސަރުކާރުން ވަޒީފާއެއް ދިނުމަށްވެސް ދެކޮޅު ހައްދަވާފައެވެ.