ޚަބަރު

ރައީސް އަޒުލުކުރުމަށް މަޖިލީހުން ކުރަމުންދާ ކަންކަން ގާނޫނާ ހިލާފުވާ ގޮތެއް އާޒިމާއަކަށް ބުނެ ނުދެވުނު!

ދިޔަވަރު
ރައީސް އަޒުލުކުރުމަށް މަޖިލީހުން ކުރަމުންދާ ކަންކަން ގާނޫނާ ހިލާފުވާ ގޮތެއް އާޒިމާއަކަށް ބުނެ ނުދެވުނު!

ރޭ ބްރައިޓްވޭ ސްކޫލުގައި ބޭއްވި ބައްދަލުވުމެއްގައި، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް އަޒުލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލިސް ތެރެއިން މިހާރު ކުރަމުންދާ މަސައްކަތަކީ ގާނޫނުއަސާސީއާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށެވެ. ނަމަވެސް ވާހަކަ ނިންމާލި އިރުވެސް، މަޖިލީހުން ކުރަމުންދާ މަސައްކަތްކީ ޤާނޫނާއި ހިލާފު މަސައްކަތަކަށް ވަނީ ކީއްވެގެން ކަމެއް ބުނެ ނުދެވުނެވެ.

ގާނޫނީ ރޮނގުން ފުންނާބު އުސް މީހެއް ކަމަށް ދެއްކުމަށް، އަދި މުއިއްޒު އަޒުލު ކުރުމުގެ މަސައްކަތް ފެށިއްޖެ ހާލަތެއްގައި މުއިއްޒުގެ ގާނޫނީ ވަކީލަކަށް ވުމުގެ އެދުން ބޮޑުކޮށް އޮތް އާޒިމާ ޝުކޫރަށް، ޤާނޫނީ ގޮތުން، މަޖިލީހުން ކުރަމުންދާ މަސައްކަތް ގޯސްވާ ގޮތެއް ބުނެ ނުދެވުނެވެ.

ޤާނޫނީ ވަކީލަކަށް ހުންނަވައި، ޤާނޫނީ ވާހަކަ ދައްކާ އިރު، އެ ދައްކާ ވާހަކައިގެ ގާނޫނީ ހުއްޖަތު، ނުވަތަ ތިމާ މި ދައްކާ ވާހަކައަށް ޤާނޫނީ މަހުފޫމަކީ ކޮބައިކަން ބުނެ ނުދެވުމުން، ދައްކާ ވާހަކައި އެއްވެސް ހަޤީގަތެއް ނެތްކަން އެނގިގެން ދެއެވެ.

މަޖިލީހަށް މި މައްސަލަ ހުށައެޅުއްވި ޝިފާޢު ކިޔައި ދެއްވި ގޮތުގައި، "ހަތް މެންބަރުން މަޖިލީހުން ވަކިވެއްޖެ، ކުރިއަށް މިއޮތް މުއްދަތަށް އެ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރެވޭކަށް ވެސް ނެތް. އޭގެ ސަބަބުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމުގައި ކޯރަމް ހަމަކުރުމުގައި ދަތިތަކެއް އެބަހުރި،" އެވެ.

"ބައެއް ބިލްތަކަށް ވޯޓަށް އަހަން ކޯރަމް ހަމަ ކުރުމުގައި ވެސް އެބަހުރި ދަތިތަކެއް. އެކަން ހައްލު ކުރުމުގެ މަގުސަދުގައި ގެނައި އިސްލާހެއް މިއީ."

ހަތް ދާއިރާ އަށް މަޖިލީހުގެ މި ދައުރުގައި ކުރިއަށް އޮތް މުއްދަތަށް މެންބަރުން އިންތިހާބެއް ނުކުރެވޭނެ އެވެ. އެއީ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު އޮތީ ހަ މަސް ދުވަސް ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ކަމުގައި ވާ ނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކޮށްގެނެއް ނުވާނެ ކަމަށް ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނާތީ އެވެ.

މަޖިލީހުގެ އާންމު ކޮމިޓީ އަށް ޝިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ މި ދައުރުގައި ކުރިއަށް އޮތް މުއްދަތަށް މެންބަރުންގެ ޖުމްލަ އަދަދު ކަމަށް ގުނާނީ އެ ވަގުތު މަޖިލީހުގެ މެންބަރު ކަމުގައި ދެމިތިބި މެންބަރުންގެ ޖުމްލަ އަދަދަށެވެ. އެއީ ވަކިވެވަޑައިގެންނެވި ހަތް މެންބަރުން ނުހިމަނައި 80 މެންބަރުންނެވެ. ޝިފާއުގެ އިސްލާހުގައި ހުށަހެޅީ:

  • މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާއެއްގެ ގޮނޑި އަށް މެންބަރަކު އިންތިހާބު ކުރުވެންދެން މެންބަރުންގެ ޖުމްލަ އަދަދު ކަމަށް ބަލާނީ އެ ދާއިރާތައް ނުހިމަނާ.
  • މަޖިލީހުގެ ދައުރެއްގައި މެންބަރުންގެ ޖުމްލަ އަދަދަށް ބަދަލެއް އައިސްފި ނަމަ، އެ ބަދަލެއް އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އިއުލާންކުރަން ޖެހޭނެކަން.

ޝިފާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ނެތް މެންބަރުންތަކެއް ގުނައިގެން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ކުރެވޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދާދި ފަހުން ކުރިއަށް ނުގެންދެވިގެން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމްގައި ވެސް މަޖިލިސް ހުއްޓޭ ފަދަ ގޮތަކަށް ގާނޫނު މާނަކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަން ޝިފާއު ފާހަގަކުރެއްވި އެވެ.

"އެގޮތަށް ބަލާއިރު ވެސް 87 މެންބަރުން ކަމަށް ބަލައިގެން މަޖިލީހުގެ ގަވައިދު މާނަ ކުރުން އެއީ ރަނގަޅު ގޮތެއް ނޫން. ހަގީގަތުގައި ވެސް މަޖިލީހުގެ ގަވައިދުގައި ވެސް ގާނޫނުއަސާސީގައި ވެސް ނެތް މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ ކޮބައި ކަމެއް ސާފުކޮށް ބަޔާންކޮށްފައެއް. އެހެންވެ ފުރަތަމަ ފަހަރަށް މަޖިލީހުގެ ގަވައިދަށް މި ގެނައީ މެންބަރުންގެ އަދަދު ގުނާނެ ގޮތް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މަޖިލީހުގެ ޗެމްބަރުގައި ހުންނަ ގޮނޑީގެ އަދަދަކީ މެންބަރުންގެ އަދަދު ކަމަށް ކަނޑައެޅުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް. މަޖިލީހުގެ މެންބަރުންގެ އަދަދަކީ ގާނޫނީ ގޮތުން ތިބި މެންބަރުންގެ އަދަދު. މިސާލަކަށް މެންބަރަކު އިސްތިއުފާ ދީފިއްޔާ އެއީ މެންބަރެއް ނޫން. އިސްތިއުފާ ދިން މެންބަރަކީ އެއީ މެންބަރެއް ކަމަށް ގުނޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ."

މަޖިލީހުން ގެނައި ބަދަލަކީ މިއީ އެވެ. މިއީ ޤާނޫނާއި ޚިލާފު ބަދަލެއް ކަމަށް ސިފަކުރަނީ، މުއިއްޒުގެ ތާޢީދު ރައްޔިތުންގެ މެދުގައި މިހާރު ނެތުމުން، އެކަމުގެ ކަންބޮޑުވުން ހުރި ފަރާތްތަކުންނެވެ.