ރާއްޖޭގައި ބޭނުން ކުރަމުންދާ ޑޯނިއަރ މަތިންދާ ބޯޓު އިންޑިއާ ސިފައިން ދުއްވުން ހުއްޓާލުމަށް ސަރުކާރުން އަންގާފައި ނުވާނެކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަހީބު ވިދާޅުވީ އިންޑިއާ ސިފައިން ޑޯނިއަރ މަތިންދާ ބޯޓު ދުއްވުން ހުއްޓުވުމަށް މިސަރުކާރުން އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމުގައެވެ.
އެހެންނަމަވެސް މިހާރުގެ ރައީސް މުއިއްޒު އިދިކޮޅުގައި މަސައްކަތް ކުރިއިރު އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އިންޑިއާ ސިފައިން ޑޯނިއަރ މަތިންދާބޯޓު ދުއްވުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައެވެ. އަދި އިންޑިއާ ސިފައިންނާ މަތިންދާ ބޯޓުވެސް ރާއްޖެއިން ފޮނުވާލާނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް ވެރިކަމަށް 2 މަހެއްހާ ދުވަސް ވެގެން ދާއިރުވެސް މި ސަރުކާރުން އަދިވެސް ބުނަމުންދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސާފުވެފައި ނުވާކަމުގައެވެ.