ޚަބަރު

ސެމްބެ ވަޒީފާ ދިނުމަށް މުއިއްޒުއަށް ފޮނުވި 70 މީހުންގެ ލިސްޓުން, މުއިއްޒު ވަޒީފާ ހަމަޖައްސާ ދިނީ އެންމެ 14 މީހުންނަށް!

ދިޔަވަރު
ސެމްބެ ވަޒީފާ ދިނުމަށް މުއިއްޒުއަށް ފޮނުވި 70 މީހުންގެ ލިސްޓުން, މުއިއްޒު ވަޒީފާ ހަމަޖައްސާ ދިނީ އެންމެ 14 މީހުންނަށް!

ރައީސް މުއިއްޒުގެ ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް, ސެމްބެ މުއިއްޒުއަށް ފޮނުވި, އޭނާ ވަޒީފާ ދިނުމަށް ބޭނުންވާ 70 މީހުންގެ ލިސްޓުން މުއިއްޒު ވަޒީފާ ހަމަޖައްސާ ދީފައިވަނީ އެންމެ 14 މީހުންނަށްކަން "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލުމާތު އެނގިހުރި, މި ސަރުކާރުގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން" އަށް ކިޔައިދިން ގޮތުގައި, ރައީސް މުއިއްޒު ހުވާ ކުރެއްވުމަށްފަހު ސަރުކާރުގެ އިސްވެރިން ވަނީ އެބޭފުޅުންގެ ފަރާތުން ވަޒީފާ ދިނުމަށް ބޭނުންވާ ފަރާތްތަކުގެ ލިސްޓެއް ރައީސް މުއިއްޒުއަށް ހުށަހަޅާފައެވެ.

އެގޮތުން ސެމްބެ ރައީސް މުއިއްޒުއަށް ހުށަހެޅި ލިސްޓުގައި ސެމްބެ ވަޒީފާ ދޭން ބޭނުންވާ 70 މީހަކު ހިމަނާފައި އޮތްކަމަށް އޮފިޝަލް ކިޔައިދީފައި ވެއެވެ. އެހެންނަމަވެސް ސެމްބެ ފޮނުވި ލިސްޓުގައި ހިމެނޭ ގިނަ މީހުންނަށް ވަޒީފާ ހަމަޖައްސާދޭން ރައީސް މުއިއްޒު ދެކޮޅު ހައްދަވާފައިވާކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އަދި ސެމްބެގެ ލިސްޓުގެ ތެރެއިން ރައީސް މުއިއްޒު ވަޒީފާ ހަމަޖައްސާ ދީފައިވަނީ އެންމެ 14 މީހުންނަށްކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އޭގެ ތެރޭގައިވެސް ގިނައިން ހިމެނެނީ ސެމްބެއާއި އާއިލީގޮތުން ގުޅުން އޮންނަ ފަރާތްތައެއް އެކަނިކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ, މިސާލަކަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖެއްސި އަހަންމައިދީ ފަދަ, ސެމްބެއާއި އާއިލީ ގޮތުން ގުޅުން އޮންނަ ބައެއް ފަރާތްތައް އެކަނި. ސެމްބެގެ ލިސްޓުގައި ހުރި ގިނަ މީހުންނަށް ރައީސް ވަޒީފާ ހަމަޖައްސާ ނުދެއްވި.

ނަން ހާމަ ނުކުރުމަށް އެދި ސަރުކާރުގެ އިސް އޮފިޝަލް "ދިޔަވަރު އޮންލައިން"އަށް ކިޔައިދެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ޝައްކު ކުރައްވަނީ ގޭންގުތައް މެދުވެރިކޮށް އެމަނިކުފާނު ވެރިކަމުން ދުރުކޮށް, ސެމްބެ ރައީސްކަން ހޯއްދެވުމުގެ އަޑި ނޭގޭ އެޖެންޑާއެއް ގެންގުޅުއްވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ, ރައީސް މުއިއްޒު ސެމްބެ ހުށަހަޅާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސާ ނުދެއްވި ނަމަވެސް ސެމްބެ ނިންމަވާފައިވަނީ މިވަގުތު ހަނު ހުންނެވުމަށް ކަމުގައެވެ. އެއީ ރައީސް ޔާމިން އުފައްދާ ސިޔާސީ ޕާޓީވެސް އަދި ރަޖިސްޓްރީ ވެފައި ނުވުމާއި, އޭގެ އިތުރުން ރައްޔިތުންގެ މަޖިލިސް ކުރިޔަށް އޮތުމާއެކު ކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ހިއްސާ ކުރެއްވި އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް މިކަންކަމާއި ގުޅިގެން މުސްތަގުބަލުގައި ސެމްބެ އަމަލް ކުރައްވަން ވިސްނަވާގޮތެއް އޮފިޝަލް ހިއްސާ ކޮށްފައެއް ނުވެއެވެ.