ރާއްޖޭގެ މީޑިއާގެ ދާއިރާގައި ފެނިގެންދިޔަ އެންމެ އަނދިރި ދުވަސްތަކެއްގެ ގޮތުގައި ފެންނާން އޮތީ ރައީސްް ޔާމިންގެ ދައުރުގައި އަބުރުގެ ގާނޫނެއް މަޖިލިހުން ފާސްކޮށް އެ ގާނޫނު ނޫސްވެރިންގެ މައްޗަށް ތަންފީޒު ކުރެވިގެންދިޔަ ދުވަސް ވަރެވެ.
އެގޮތުން އޭރުގެ ރައްޔިތުންގެ މަޖިލިހުން ފާސްކުރި އަބުރުގެ ގާނޫނުގައި, ނޫސްވެރިން ދައްކާ ވާހަކައަކުންވެސް, އަދި ޓީވީ ޗެނަލްއަކުން ގެންނަ ޚަބަރެއްގައި ހުންނަ ކޮންޓެންޓެއްގެ ސަބަބުންވެސް ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާއެއްގެ ގޮތުގައި އަބުރުގެ ދައުވާ ކުރުމުގެ ފުރުސަތު ހުޅުވިގެން ދިޔައެވެ.
އަދި ޓީވީތަކާއި ނޫސްތައް އިތުރު އިންޒާރަކާ ނުލާ ބަންދު ކުރުމާއި, ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ފުރުސަތުވެސް އެ ގާނޫނުން ފަހިވެ, ނޫސްވެރިކަން ކުރުމަކީ ރާއްޖޭގައި ބިރުވެރިކަމަށް އޭރު ވެގެން ދިޔައެވެ.
މިހާރުގެ ރައީސް ޑރ. މުއިއްޒުވެސް ކެބިނެޓްގައި އިންނެވި އޭރުގެ ސަރުކާރުން އެ ގާނޫނު ފާސްކޮށް ތަންފީޒު ކުރުމުގެ ޒިންމާ ހަވާލު ކުރި ފަރާތަކީ, ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަމުގައި އޭރު ހުންނެވި, މި ސަރުކާރުގެ ތަރުޖަމާންގެ ގޮތުގައި މިހާރު އައްޔަން ކޮށްފައި ހުންނެވި މުހައްމަދު ޝަހީބު އެވެ.
އޭރުގެ ސަރުކާރުން ރާއްޖޭގެ ނޫސްވެރިން އަޅުވެތި ކުރުމަށް ފާސްކުރި އެގާނޫނު ޝަހީބު ވަނީ އެއްވެސް ލަދުވެތި ކަމެއް, ރަހުމެއް ހަމްދަރުދީއެއް ނެތި, ނޫސްވެރިންގެ މައްޗަށް ތަންފީޒުކޮށްފައެވެ. އެގޮތުން އެ ގާނޫނުގެ ދަށުން އެތަކެއް ނޫސްވެރިންނެއް ޖަލަށްލެވި, މީޑިއާތައް ބޮޑެތި އަދަދުތަކުން ޖުރިމާނާ ކުރެވިގެން ދިޔައެެވެ.
ނޫސްވެރިންނަށް އޭރު ލިބިގެންދިޔަ މި ހުރިހާ އަނިޔާއެއްގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވީ މި ސަރުކާރުގެ ތަރުޖަމާނަކަށް ރައީސް މުއިއްޒު އިސްކުރެއްވާފައިވާ ޝަހީބުއެވެ.
ތަރުޖަމާނެއްގެ ހައިސިއްޔަތުން ޝަހީބު މިހާރު ދެތިން ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވާއިރު, އޭނާ ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް އަމަލު ކުރައްވަމުން ގެންދަވަނީ ހަރުކަށިކަމާއި, ޚުދުމުޚްތާރުކަމާއެކުކަން މިހާރު ދަނީ ވަރަށްވެސް ރަގަޅަށް ސާބިތުވެ ތަމްސީލު ވަމުންނެވެ.
އޭގެ އެންމެ އަލިގަދަ ހެއްކަކީ ޝަހީބު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބުވަނީ ނޫސްވެރިންނަށް ގޮނޑީގައި މަޑުން ތިއްބެވުމަށް އިންޒާރު ދެއްވާ ހައްދަވާފައެވެ. އަދި ނޫސްވެރިން ޕްރެސްތަކުގައި ކުރަމުންދާ ސުވާލުތަކަށް ޖަވާބު ނުދެއްވާ ހަނު ހުންނެވުންވެސް ޝަހީބު މިހާރު ވަނީ އާންމު ކަމަކަށް ހައްދަވާފައެވެ.
އެހެންނަމަވެސް, ސަރުކާރެއްގެ ތަރުޖަމާނަކު ވާންޖެހެނީ ހިތްތިރި, ކެތްތެރި, ނޫސްވެރިން ފާޑު ކިއުމުގެ ނަޒަރުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގާބިލްކަން ހުންނަ ފަރާތަކަށެވެ. އެބޭފުޅަކީ ނޫސްވެރިންނަށް އިންޒާރު ކުރާ ފަރާތަކަށް ވެގެން ނުވާނެއެވެ. ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ދޭން ނޭނގި, ހަދާނެގޮތް ހުސްވެ, ހަނު ހުންނަ މީހަކަށް ވެގެން ނުވާނެއެވެ.
ހަގީގަތުގައި މިސަރުކާރުގެ ތަރުޖަމާން ފެނިގެން މިދަނީ, ސުވާލުތަކަށް ޖަވާބު ދޭން ނޭގޭ, ނޫސްވެރިންގެ ސުވާލުތައް ހަޖަމް ނުކުރެވޭ, އެހާމެ ރުންކުރު ތަރުޖަމާނެއްގެ ގޮތުގައެވެ.
ވާނީވެސް އެހެންތާއެވެ. ޝަހީބުއަކީ ރާއްޖޭގެ ތާރީޚުގައިވެސް ނޫސްވެރިންގެ މައްޗަށް އެންމެ ބޮޑަށް އަނިޔާވެރިވި ފަރާތެވެ. އޭނާ މިއަދު އެހުންނެވީ މި ސަރުކާރުގެ ތަރުޖަމާނަކަށެވެ. އެހެންނަމަވެސް ޔާގީންވާން އޮތް ކަމަކީ މިހާރުވެސް އޭނާއަކީ ސަރުކާރަށް ހުރި ބޮޑު ލަދަކަށް ވެގެން ހިގައްޖެ ކަމެވެ.