މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅުމުން، މުއިއްޒު އަންގައިގެން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދީފިއެވެ. އަދި މަރުގެ އިންޒާރު ދިނުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޝިފާއު ވިދާޅުވީ އޭނާއަށް މަރުގެ އިންޒާރު ދިނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށާއި އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި, މަޖިލީހުގެ ފަރާތުން އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.
އޭނާއަށް މަރުގެ އިންޒާރު ދީފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވުމުންނެވެ.
މުއިއްޒު ވަނީ ގޭންގުތަކަށް ނިސްބަތްވާ އެތައް ނުރައްކާތެރި މުޖުރިމުންނަށް ސަރުކާރުން ވަޒީފާ ހަމަޖައްސައި ދީފައެވެ.
މި މައްސަލައާ ގުޅިގެން އޭނާ ނިސްބަތްވާ އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ އެއްމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ގޮވާލަމެވެ," އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ އިދިކޮޅު ޕާޓީއެއްގެ މައިގަނޑު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށާއި "އެ ދުސްތޫރީ ޒިންމާ އަދާކުރުމުން މަރުގެ އިންޒާރު ދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން" ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފަ އެވެ.