ޚަބަރު

މަޖިލީސް އިންތިހާބަށް 100 މިލިއަން ނެގުން އަވަސް ކުރުމަށް، ފުށިދިއްގަރު ފަޅު ކުއްލިއަކަށް ހިއްކަން ފަށައިފި!

ދިޔަވަރު
މަޖިލީސް އިންތިހާބަށް 100 މިލިއަން ނެގުން އަވަސް ކުރުމަށް، ފުށިދިއްގަރު ފަޅު  ކުއްލިއަކަށް ހިއްކަން ފަށައިފި!

މާލެ މީހުން މާލެއިން ބޭލުމަށް ރަސްމާލެ ނަމުގައި، މާލެއާއި ދުރުގައި އޮތް ފުށިދިއްގަރު ފަޅު ކުއްލިއަކަށް ހިއްކުމުގެ މަޝްރޫޢު ފަށައިފިއެވެ. މި މަޝްރޫޢު ފަށާފައި މިވަނީ، މިވަގުތު ދައުލަތުގެ ފައިސާ އިން ޚަރަދު ކުރުމަށް މުހިންމު ކަންކަން ހުއްޓައި، އެކަންކަމަށް އިސްކަން ނުދީ، މަޖިލީހަށް އަވަހަށް ފައިސާ ހޯދުމަށް ޕްރޮޖެކްޓްތަކެއް ދޭން ޖެހިގެން ކަމަށް މުއިއްޒުގެ ގާތް ބޭފުޅަކު ދިޔަވަރު ނޫހަށް ކިޔައި ދެއްވިއެވެ. މީގެ ސަބަބުން ރައްޔިތުންގެ އެތައް މިލިއަން ފައިސާއެއް އިސްރާފުވެގެން ދާނެއެވެ. ރައީސް ސޯލިހް ގެ ސަރުކާރުން ވަނީ މާލޭ އަދި މާލޭގައި ގިނަދުވަހު ދިރިއުޅެމުންދާ ރައްޔިތުންނަށް ބިން ދިނުމަށް ގުޅީފަޅުންނާއި، އުތުރު ތިލަފަޅު ހިއްކާފައެވެ، އެހެން ކަމުން ފުށިދިއްގަރު ފަޅު ހިއްކުމަކީ ކުރެވޭ ވަރަށް ބޮޑު އިސްރާފެކެވެ.

މާލޭގެ ސަރަހައްދަށް ވުރެ ދުރުގައިވާ، ފުށިދިއްގަރު ފަޅަށް ރަސްމާލޭގެ ނަމުން ނަން ދިނުމަށް ނިންމާފައިވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބުނަމުންދަނީ، މި ހަދާ ފުށިދިއްގަރު ފަޅަކީ މާލެ މީހުން މާލެއިން ބާލައި، ރާއްޖެތެރޭ މީހުން މާލެއަށް ނާރުވައި، މާލެއަކީ ހަމައެކަނި ފައިސާވެރިންގެ ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތެއް ކަމުގައެވެ.

ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައިވާ ކަމަށް މިއަދު މުއިއްޒު އިއުލާނުކުރެއްވި އެވެ.

މަޝްރޫޢުގެ އަގު އަދިވެސް ވަނީ ސިއްރު ކުރެވިފައެވެ. މި މަޝްރޫޢު ހިންގަން ހަމަ ޖެހިފައިވާ ކަމަށް ދިޔަވަރަށް މައުލޫމާތު ލިބިފައިވަނީ، އެޗްޑީސީ މެދުވެރިކޮށް ލޯނު ނަގައިގެންނެވެ.

މުއިއްޒު ވަނީ 400 މިލިއަން މި ފުށިދިއްގަރު ފަޅު ހިއްކުމަށް ބަޖެޓް ކޮށްފައެވެ. ނަމަވެސް މަޖިލީހުން ވަނީ އެބައި އުނިކޮށްފައެވެ. އެގޮތަށް އުނިކޮށްފައިވަނީ، ރާއްޖޭގެ ގޯތި ގެދޮރުގެ ދަތިކަން ހައްލު ކުރެވޭ ވަރަށް ގުޅީފަޅުންނާއި، އުތުރު ތިލަފަޅުން ބިން ހިއްކާފައި ވާތީއެވެ. އަދި ބޭނުން ޖެހިއްޖެ ހާލަތެއްގައި އެތަންތަން އިތުރަށް ހިއްކޭނެތީއެވެ.

މުއިއްޒު ދަނީ، ޕީޕީއެމް ޕީއެންސީ އަށް މަޖިލިސް ގޮޑި ހޯދުމަށް، މިވަގުތަށް ބޭނުން ނުވާ މިފަދަ ޕްރޮޖެކްޓްތައް ހިންގައި ކަޓުގެ ގޮތުގައި ބޮޑު އަދަދުތަކުން ކޮންޓްރެކްޓަރ އަތުން ފައިސާ ނެގުމަށް ނިންމާފައެވެ.