ޚަބަރު

ލޭބާ ރިޕޯޓު އަމިއްލައަށް ޑިލީޓުކުރުމަށް ފަހު، 24 ގަޑިއިރު ފަހުން އެކަން އަމިއްލަ އަށް ތަހުޤީގު ކުރަނީކަމަށް މިނިސްޓަރ ސައީދު ވިދާޅު ވެއްޖެ!

ދިޔަވަރު
ލޭބާ ރިޕޯޓު އަމިއްލައަށް ޑިލީޓުކުރުމަށް ފަހު، 24 ގަޑިއިރު ފަހުން އެކަން އަމިއްލަ އަށް ތަހުޤީގު ކުރަނީކަމަށް މިނިސްޓަރ ސައީދު ވިދާޅު ވެއްޖެ!

ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގެން ހުރި އިކޮނޮމިކް މިނިސްޓްރީގެ އެންމެފަހުގެ ރިޕޯޓުތައް އެ މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުންނާއި ވެބް ސައިޓުން މިނިސްޓަރ އަންގައިގެން ޑިލީޓު ކުރުމަށްފަހު، އެއީ އޭނާގެ އެންގުމަކަށް ކުރި ކަމެއް ނޫން ކަމަށް ބުނެ، މައްސަލަ ތަހުޤީގް ކުރަން ފަށައިފިކަމަށް 24 ގަޑިއިރު ފަހުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"އިކްނޮމިކް މިނިސްޓްރީގެ ރަސްމީ އެއްވެސް ޓުވީޓެއް އަޅުގަނޑު އަންގައިގެން ޑިލީޓްކޮށްފައެއް ނުވާނެ. އެކަންކުރި ސަބަބު ތަޙްޤީޤްކުރަން މިހާރުވާނީ އަންގާފައި،" މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ސައީދު ލިޔުއްވި އެވެ.

މިނިސްޓްރީން އެ ރިޕޯޓު ޑިލީޓު ކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދާ ހިލާފަށް ބަންގްލަދޭޝް އިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް އިއްޔެ ނިންމާފައި އޮއްވަ އެވެ. އެ މިނިސްޓްރީގެ ވެބްސައިޓުން ވެސް އެ ރިޕޯޓު ވަނީ ފޮހެލާފަ އެވެ. އެކޮނޮމިކް މިނިސްޓްރީ ތެރެއިން ދިޔަވަރަށް ވަނީ އެކަން ކޮށްފައިވަނީ ސައީދުގެ އެންގުމުގެ މަތިން ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުން ފާޅު ކުރުމުން، ސަރުކާރުން ދޭނޭ ޖަވާބެއް ތައްޔާރުކޮށް ޖަވާބެއް ދިނީކަމުގައި އެ މިނިސްޓްރީގެ އިސް ފަރާތެއް މައުލޫމާތު ދެއްވިއެވެ.

ވަޒީފާއާބެހޭ ގާނޫނުގައި 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުންނެވެ. އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 139,220 ބަންގްލަދޭޝް މީހުން މަސައްކަތްކުރެ އެވެ.

މުއިއްޒު ވަނީ، ރާއްޖެއަށް ޤާނޫނާއި ޚިލާފަށް ބަންގާޅުން މީހުން ގެނައުމަށް ނިންމާފައެވެ.