ރައީސުލް ޖުމުހޫރިއްޔާގެ ނާއިބު ދިރުއުޅުއްވާ ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ވަށަފަރު މީހަކު ރައީސް މުއިއްޒު ހަމަޖައްސަވައިފިއެވެ.
މިއަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް މުއިއްޒުގެ ރަނިން މޭޓެއްގެ ގޮތުގައި, ނާއިބު ރައީސްގެ މަގާމަށް ވަޑައިގެންނެވީ ހުސެއިން މުހައްމަދު ލަތީފު, ސެމްބެއެވެ. އަދި އޭނާވަނީ ހުވާ ކުރެއްވުމާއެކު ކަހަލަ ގޮތަކަށް, ނާއިބު ރައީސްގެ ރަސްމީ ގެކޮޅު ހިލާލީގެއަށް ބަދަލުވެވަޑައިގެންފައެވެ.
އާންމު ގޮތެއްގައި ހިލާލީގޭގެ ޗީފް އޮފް ސްޓާފަަކަށް އައްޔަން ކުރައްވަނީ އެ ގޭގައި ދިރިއުޅުއްވާ, ނާއިބު ރައީސަކު ބޭނުންވާ ބޭފުޅެކެވެ. ރައީސް ޔާމިންގެ ފުރަތަމަ ނާއިބު ރައީސް ޑރ. ޖަމީލްގެ ނާއިބު ރައީސްކަމުގައިވެސް ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް ހުންނެވީ ޑރ. ޖަމީލްގެ އަރިސް ބޭފުޅެކެވެ.
ހަމަ އެގޮތަށް, ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމުގެ ނާއިބު ރައީސްކަމުގައިވެސް ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް ހުންނެވީ ފައިސަލް ނަސީމު ބޭނުންފުޅުވި ބޭފުޅެކެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސެމްބެ ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވުމާއެކު އޭނާ ބޭނުންފުޅުވާ ބޭފުޅަކު ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް ހަމަޖެއްސުމަށް ރައީސް މުއިއްޒުއަށް ހުށަހެޅުއްވިއެވެ. އެހެންނަމަވެސް ސެމްބެ ބޭނުންފުޅުވާ ފަރާތެއް އެ މަގާމަށް އައްޔަން ކުރުމަށް މުއިއްޒުވަނީ ދެކޮޅު ހައްދަވާފައެވެ.
އޭގެ ބަދަލުގައި މުއިއްޒު ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް އައްޔަން ކުރެއްވީ, މުއިއްޒުގެ އަމިއްލަފުޅު ރަށް ކަމަށްވާ ވަށަފަރަށް ނިސްބަތްވާ, ވަށަފަރު ބްލޫހައުސް މުޙައްމަދު ވަޙީދު ޙަސަންއެވެ. މުޙައްމަދު ވަޙީދު ޙަސަންއަކީ މުއިއްޒުގެ އަރިސް, އަދި މުއިއްޒު އިތުބާރު ކުރައްވާ ބޭފުޅެކެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ސަރުކާރުގެ އިސް އޮފިޝަލު ވިދާޅުވީ, ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް ސެމްބެގެ ބޭފުޅަކު ހަމަޖެއްސުމުގެ ބަދަލުގައި, މުއިއްޒު އިތުބާރުކުރާ ފަރާތެއް އައްޔަން ކުރީ, ގޭންގުތަކާއި ގުޅިގެން ވެރިކަން ބަދަލުކުރުމަށް ސެމްބެ މަސައްކަތް ކޮށްފާނެތީ, އެ ރިސްކު ކުޑަކުރުމަށް އެޅިއްވި ފިޔަވަޅެއްގެ ގޮތުގައެވެ.
އެއީ ހިލާލީގޭގެ ޗީފް އޮފް ސްޓާފް މެދުވެރިކޮށް ސެމްބެއަށް ޖާސޫސް ކުރުމުގެ ބޭނުމުގައި މުއިއްޒު އެޅުއްވި ފިޔަވަޅެއްކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. އޭނާ އިތުރަށް ވިދާޅުވީ, ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު މިހާތަނަށް އައިއިރު ރައީސް މުއިއްޒުއާއި ސެމްބެގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމުގައެވެ. ,
ނަމަވެސް ސެމްބެ ނިންމަވާފައިވަނީ މިވަގުތު ހަނު ހުންނެވުމަށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެއީ ރައީސް ޔާމިން އުފައްދާ ސިޔާސީ ޕާޓީވެސް އަދި ރަޖިސްޓްރީ ވެފައި ނުވުމާއި, އޭގެ އިތުރުން ރައްޔިތުންގެ މަޖިލިސް ކުރިޔަށް އޮތުމާއެކު ކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ހިއްސާ ކުރެއްވި އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް މިކަންކަމާއި ގުޅިގެން މުސްތަގުބަލުގައި ސެމްބެ އަމަލް ކުރައްވަން ވިސްނަވާގޮތެއް އޮފިޝަލް ހިއްސާ ކޮށްފައެއް ނުވެއެވެ.