ޚަބަރު

ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަންއެއް ދީގެން, ޑރ. ޝަހީމަށް މައްކާގެ ބައެއް ހޮޓެލްތަކުން ބޮޑު "ކަޓެއް"!

ދިޔަވަރު
ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަންއެއް ދީގެން, ޑރ. ޝަހީމަށް މައްކާގެ ބައެއް ހޮޓެލްތަކުން ބޮޑު "ކަޓެއް"!

ރާއްޖެއިން ހައްޖަށް ފޮނުވުމަށް ސައުދީ ސަރުކާރުން ދޭ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ, ކެބިނެޓްގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އެކަމަށް ކެބިނެޓްގައި ޑިމާންޑް ކޮންގެން ކަމަށާއި, ޝަހީމް އެ ބަދަލު ގެނައުމަށް ޑިމާންޑް ކޮށްފައިވަނީ ރާއްޖެއިން މައްކާއަށް ހައްޖަށްދާ ދިވެހިން ތިބޭ ބައެއް ހޮޓެލްތަކުން ބޮޑު "ކަޓެއް" އޭނާއަށް ލިބޭތީ ކަމަށް މައުލޫމާތު އިގޭ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދީފިއެވެ.

މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިން ޑރ. ޝަހީމް ވަނީ ފުޅާ ދާއިރާއެއްގައި އުމްރާއަށާއި ހައްޖަށް ދިވެހިން ފޮނުވުމުގައި އިސްކޮށް މަސައްކަތް ކޮށްފައެވެ. އެގޮތުން މައްކާއަށް ވަޑައިގެން އުމްރާވެރިންނަށާއި އަދި ހައްޖުވެރިންނަށްވެސް އިންތިޒާމްތައް ހަމަޖައްސާ, ހޮޓާތަކުގެ އިސްވެރިންނާއި މުއާމަލާތު ކުރުމުގައި ޝަހީމް އިސްކޮށް މަސައްކަތް ކޮށްފައިވެއެވެ.

ނަން ހާމަ ނުކުރުމަށް އެދި "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވީ, މައްކާގެ ހަރަމްފުޅު ކައިރީގައި ވާ ގިނަ ހޮޓާތަކުގެ މެނޭޖްމަންޓާއި ޑރ. ޝަހީމްއާއި ގުޅުން އޮންނަ ކަމުގައެވެ. ރާއްޖެއިން ހައްޖަށްދާ ހުރިހާ އެންމެންނަކީވެސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށްދާ މީހުންނަށް ވުމުން, ހައްޖު ކޯޕަރޭޝަނަށް މައްކާގެ ހޮޓާތަކުން ދޭ ޕެކޭޖްތައް ދޫކުރަނީ ޑރ. ޝަހީމް މެދުވެރިކޮށް ވާހަކަ ދެކެވިގެން ކަމަށާއި, އެކަން ހަމަޖެހިގެންދަނީ ޕެކޭޖްތަކުން ޑރ. ޝަހީމު ބޮޑު "ކަޓެއް" ނަގާ ގޮތަށް ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ރައްޖެއިން މީހުން ހައްޖަށް ފޮނުވާ އަމިއްލަ ކުންފިނިތައް އިނދަ ޖައްސާލީ, ހައްޖަށް ދާ މީހުން ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޑރ. ޝަހީމް "ކަޓު" ނަގަން ބޭނުންވެގެން ކަމުގައެވެ. އަދި އެ ނިންމުމަކީ ޑރ. ޝަހީމް ކެބިނެޓްގައި ޑިމާންޑް ކޮށްގެން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

މިކަމާއިގުޅޭގޮތުން ޑރ. ޝަހީމަށް ގުޅާލުމުން އޭނާ ފޯނު ނުނަންގަވާތީ ޝަހީމްގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ސަރުކާރުގެ ތަރުޖަމާން ޝަހީބު ވިދާޅުވެފައިވަނީ, ސަރުކާރުގެ ނިންމުމަކީ ހައްޖަށް ދިއުމަށް ގިނަ ބަޔަކު ރަޖިސްޓްރީވެފައި ތިބި ތިބުމަށް ރިއާޔަތްކޮށް، ހައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް އާންމު ރައްޔިތުންގެ އިތުބާރު ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް ރާއްޖެއަށް ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި ލިބެނީ 1،000 ކޯޓާއެވެ. ޝަހީބި ވިދާޅުވީ ވަޒީރުންގެ މަޖިލިހުގެ ނިންމުމާއެކު އާންމު ރައްޔިތުންނަށް ވަަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމުގައެވެ.