ޚަބަރު

އިންޑިއާގެ ސަބްމެރިންތަކަށް ޖާސޫސް ކުރަން ޗައިނާގެ"ސާވޭ ބޯޓެއް"ގެ ނަމުގަ ނޭވީގެ އުޅަނދެއް ރާއްޖެ އަންނަނީ!

ދިޔަވަރު
އިންޑިއާގެ ސަބްމެރިންތަކަށް ޖާސޫސް ކުރަން ޗައިނާގެ"ސާވޭ ބޯޓެއް"ގެ ނަމުގަ ނޭވީގެ އުޅަނދެއް ރާއްޖެ އަންނަނީ!

ރާއްޖޭގެ ކަނޑައަޑީގެ ޗާޓު ކުރެހުމަށް އިންޑިއާއާއި ރާއްޖެއާއި ދެމެދު ވެފައިވާ އެއްބަސްވުން އިތުރު ނުކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ނިންމިތާ 2 ހަފްތާވެސް ނުވަނީސް, ކަނޑުގެ ސަރވޭއެއް ހެދުމުގެ ނަމުގައި ޗައިނާގެ ނޭވީއަށް ނިސްބަތްވާ ބޯޓެއް ރާއްޖެ އަންނަން ސަރުކާރުން ހުއްދަ ދީފިއެވެ.

އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސަރވޭ އެއްބަސްވުން ނިމުމަކަށް ގެނައިކަން މި ސަރުކާރުން ހާމަކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ހައިޑްރޯގްރަފީ ސަރވޭގެ އެއްބަސްވުމުގައިވާގޮތުން އެ އެއްބަސްވުން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ. އެ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންނުވާކަން 6 މަސް ދުވަހުގެ ކުރިން އިންޑިއާއަށް އަންގަންޖެހެއެވެ. އެހެން ނޫންނަމަ އިތުރު ފަސް އަހަރަށް އެ އެއްބަސްވުން އައުވެގެންދެއެވެ. އެ އެއްބަސްވުން އައު ނުކުރުމަށް މިސަރުކާރުން ނިންމާ އެކަން މިހާރު އިންޑިއާއަށް އަންގަވާފައިވާކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާގެ ނޭވީ އުޅަނދު ރާއްޖެ އައުމަށް ހުއްދަ ދީފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސާވޭއެއް ހެދުމުގެ ނަމުގައެވެ. އަދި މި އުޅަނދު ރާއްޖެއަށް ފުރިހަމަ ކުރާންޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތްތައް ޓްރާންސްޕޯޓު މިނިސްޓްރީއިންނާއި އެމްއެންޑީއެފްއިން މިހާރު ގެންދަނީ ކުރަމުންނެވެ.

ނަންހާމަ ކުރުމަށް ބޭނުންނުވާ ސަރުކާރުގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް ކިޔައިދިން ގޮތުގައި ޗައިނާގެ ނޭވީގެ އުޅަނދު ރާއްޖެ އަންނަނީ ރައީސް މުއިއްޒުގެ ސަރުކާރާއެކު ވެވޭ ސިއްރު އެއްބަސްވުމުގެ ދަށުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އިންޑިއާގެ ސަބްމެރިންތަކަށް ޖާސޫސް ކުރުމަށެވެ. އަދި މުޅި އިންޑިއާ ކަނޑުގައި ހަރަކާތްތެރި ވަމުންދާ ސަބްމެރިންތަކަށް މި އުޅަދަށް ރާއްޖޭގެ އެސްއީޒެޑްގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބުމުން ފާރަލެވޭނެކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ޗައިނާފެ ނޭވީގެ ވެސެލްއެއް ރާއްޖެ ގެނައުމަށް މުއިއްޒު ހުއްދަ ދިނުމާއި ގުޅޭގޮތުން "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދައްކަމުން ރާއްޖޭގެ ނޭޝަލް ސެކިއުރިޓީގެ ތަޖުރިބާކާރަކު ވިދާޅުވީ ޗައިނާގެ ނޭވީގެ ވެސެލްއެއް ރާއްޖޭގެ ކަނޑުގެ ސާވޭ ކުރަން ގެނައުމަކި ރާއްޖޭގެ ނޭޘަނަލް ސެކިއުރިޓީއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމުގައެވެ.

އިންޑިއަން އޯޝަންގެ އެއް ކޮޅުގަ އޮތީ އެމެރިކާ, އަނެއްކޮޅުގަ އޮތީ އިންޑިއާ. އެހެންވީމަ އިންޑިއާ ކަނޑުގެ ސެކިއުރިޓީއަކި ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީއާއި ވަރަށް ބޮޑަށް ގުޅުން އޮތް ކަމެއް. ޗައިނާގެ ވެސެލްއެއް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރި ވާނަމަ އިންޑިއާގެ ސަބްމެރިންތަކަށް ފާރަލެވޭނެ. އެކަން އިންޑިއާއިންވެސް އެމެރިކާއިންވެސް ބަލައެއް ނުގަންނާނެ.

ރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭއާއި އިތުރު ނޫސްތައް އަދި ލަންކާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން، އިންޑިއާގެ ކަނޑުގެ ސިފައިންނާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިކަން އިއުލާންކުރި އިރު، އަންނަ މަހުން ފެށިގެން ޗައިނާގެ ރިސަރޗް ސަރވޭ ވެސެލް ދެކުނު އިންޑިއާ ކަނޑުގައި ދިރާސާކުރުމަށް މާލެއަށް ބަނދަރުކުރުމުގެ ހުއްދައަކަށް އެދިފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ ރާއްޖެއަކީ ޗައިނާ ޕްރޯ ގައުމެއް ނޫންކަމުގައެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ޗައިނާއާއެކު ސިއްރު އެއްބަސްވުންތައް ހަދަމުންދާކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.