ޚަބަރު

ޕީއެންއެފް އުފައްދާ ޖަލްސާގައި ރައީސް ޔާމީން ހުންނެވުން ލާޒިމް - މަލީހް

ދިޔަވަރު
ޕީއެންއެފް އުފައްދާ ޖަލްސާގައި ރައީސް ޔާމީން ހުންނެވުން ލާޒިމް - މަލީހް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ހުންނެވި ނަމަވެސް އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) ގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.

މަލީހު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭނުންވާ ގާނޫނީ އަދަދަށް މިހާރު ފޯމު ލިބިފައިވާ ކަމަށާއި ޕާޓީ ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް ދާނެ ކަމަށެވެ. އަދި އެންމެ ބޮޑު އިސްކަމެއް ކަމެއް ދެނީ ޕާޓީ އުފައްދާ ޖަލްސާގައި މި ވަގުތު ބަންދުގައި ހުންނެވި ޔާމީނު ބައިވެރިވަޑައިގެންނެވޭނެ ގޮތް ހަމަޖެއްސުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގައި ހިނގަމުންދާ އެމަނިކުފާނުގެ އިސްތިއުނާފީ މައްސަލާގެ ވަކީލުން ޗުއްޓީއިން އެނބުރި ވަޑައިގެން، އެ ވަގުތައް ޝަރީއަތްތައް ނިމޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް މަލީހު ވިދާޅިވި އެވެ. ޔާމީނުގެ މައްޗަށް މިހާރު ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމަށް އަންނަ ހޯމަ ދުވަހު އަހަރެއް ވާނެ އެވެ.

"ޕާޓީ އުފައްދާ ޖަލްސާގައި ރައީސް ހުންނެވުން، ބައިވެރިވުން ކޮންމެހެން ލާޒިމޭ، އެހެންނޫނީ ރައީސާ ނުލާ ދެއްތޯ މަގާމުތަކަށް މީހުން އައްޔަންކުރަން މި ޖެހެނީ" މަލީހު ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބާ ހަމައަށް ޕާޓީގެ އުފައްދާ ޖަލްސާ ނުބޭއްވޭ ގޮތް މެދުވެރި ވިޔަސް އިންތިހާބުގައި ޔާމީނު އެންޑޯޒްކުރައްވާ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށްވެސް މަލީހު ވިދާޅުވި އެވެ.

މި ސަރުކާރުން ޔާމީނު މިނިވަންކުރަން މަސައްކަތް ނުކުރާ ކަމަށާއި ބަންދައް ލުއިތަކެއް ދިނީވެސް ކުރީގެ ސަރުކާރުންކަން ފާހަގަކުރައްވައި ޔާމީނުގެ ސަޕޯޓަރުން ކުރަމުން އަންނަ އެންމެ ބޮޑު ޝަކުވާ މަލީހު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް ވެރިކަމަށް ހަތަރު ވަނައަށް ވީ ދުވަހު ޔާމީނާއި ރައީސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފަށްޓަވާފަ އެވެ.