ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލައިގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ ސަރުކާރުން އާންމު ކުރަން ނިންމައިފި އެވެ. މި ސިޓީ ވަނީ ކެމްޕެއިން ތެރޭގައި ލީކް ވެފައެވެ. އަދި އެ ސިޓީގެ ސަބަބުން ކަނޑުން ބައެއް ގެއްލޭކަމަށް ބުނެ ޕީޕީއެމް ޕީއެންސީ އިން ފަތުރަމުން ދިޔަ ވާހަކަތައް ދޮގުކަން އޭރު އެނގިގެން ދިޔައެވެ.
ރާއްޖެއިން ކަނޑުގެ ބައެއް ގެއްލިއްޖެކަމަށް ބުނެ މުއިއްޒުގެ ކެމްޕެއިނުން ހެދި ދޮގު ފޮރުވުމަށް ބަޖެޓުގައި 10 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިއަދު 5:30 ގައި ކުރިން ލީކްވެފައިވާ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކުރާނެ އެވެ. އެ އޮފީހުން ބުނީ "ކަޑުގެ ބައެއް ގެއްލިފައިވާ މައްސަލަ ރިވިއު ކުރުމަށް ދިވެހި ސަރުކާރުން ގެންދާ މަސައްކަތާ ގުޅޭ ބަޔާނެއް" މިއަދު ހާމަ ކުރާނެ ކަމަށެވެ.
މި ބަޔާނުގައި އިތުރު ދޮގުތަކާއި އޮޅުވާލުންތައް ހިމަނައި، މި މައްސަލަ އިތުރަށް ޓްވިސްޓް ކޮށްފައިވާ ކަމަށް ދިޔަވަރަށް ވަނީ މައުލޫމާތު ލިބިފައެވެ. ނޫސް ވެރިންގެ ބައްދަލުވުމެއް ބޭއްވުމުގެ ބަދަލުގައި ބަޔާނެއް ނެރެން ނިންމީ، ދޮގުތައް ފަޅާއަރައި، ސަރުކާރުގެ ނެރޭޝަނާއި މެދު ނޫސްވެރިން ސުވާލުކޮށް، ރައްޔިތުންނަށް ހަޤީގަތް ހާމަ ވެދާނެތީ ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ.
"ދިވެހިރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލަ ރިވިއު ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ދެއްވާ ބަޔާނެއް މިއަދު 5:30 ގައި މި އޮފީހުން ހާމަކުރުމަށްވަނީ ހަމަޖެހިފައި. މި ބަޔާނުގެ ލައިވް ކަވަރޭޖް ޕީއެސްއެމް މެދުވެރިކޮށް ދުރަށް ފޮނުވާނެ. އަދި މި ބަޔާނުގެ ސޮފްޓް ކޮޕީ މީޑިއާ ގްރޫޕްގައި ހިއްސާކުރާނެ ވާހަކަ ދަންނަވަން،" ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.