ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ކުރީ ސަރުކާރުން އަވަސް އަރުވާލައިގެން ކުރި، ފުރިހަމަ ނުވާ މަސައްކަތެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން އެމްޑީޕީއިން އެކަން ފުރިހަމަކުރުމަށް އެޓޯލްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓޯލްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ނިމިދިޔަ ވެރިކަމުގެ ދައުރުގައި 10 އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް, އަދިވެސް ހައްލު ނުވާ އެތައް ކަމެއް ހުރިކަން ވިދާޅުވި އެވެ. އެގޮތުން, ތިނަދޫއަށް ސިޓީއެއްގެ ދަރަަޖަ ދިނުމުގެ މަސައްކަތް ފުރިހަމަ ނުވެ އޮތްކަން ފާހަގަކޮށް އެކަން އަވަސްކުރުމަށް އެމްޑީޕީއަށް ގޮވާލެއްވި އެވެ.
ތިނަދޫ އަށް ސިޓީގެ ދަރަޖަ ދެއްވީ ކެމްޕެއިން ތެރޭގައި ރައީސް ސޯލިހް ތިނަދޫއަށް ވަޑައިގެންނެވެ. އެކަމާއި ދެކޮޅު ހަދައި ތިނަދޫ އަކީ ސިޓީއެއް ނޫން ކަމަށާއި، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އޭރު، މުއިއްޒުގެ ކެމްޕެއިން ޓީމުންނާއި، މުއިއްޒަށް ސަޕޯޓް ކުރަމުންދިޔަ މީޑިޔާތަކުން ދިޔައީ ގޮވާލަމުންނެވެ. ނަމަވެސް މިހާރު އެޓޯލްސް މިނިސްޓަރ ވިދާޅުވާ ގޮތުގައި؛
"ގާތްގަނޑަކަށް ދޭއްބައި އަހަރުގެ ކުރިން އެތަން [ތިނަދޫ] މި އޮންނަން ޖެހެނީ މިހާރު ލާމަރުކަޒީ ގާނޫނު އޮތްގޮތުން ސިޓީއެއްގެ ދަރަޖަ ދީފައި. އެކަމަކު އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް ހަގީގަތުގައި ހަމަ ރަށުގެ ކައުންސިލުން މި ހިންގަނީ، އެތަނުގައި ތިއްބެވި ކައުންސިލަރުން އަދި ސެކްރެޓަރީ ޖެނެރަލުން. އެކަމަކު މިއީ މުޅިން ތަފާތު ދަރަޖަތަކެއް," އެޓޯލްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
އެޓޯލްސް މިނިސްޓަރު ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ މަސައްކަތް ފުރިހަމަ ކުރުމަކީ ގާނޫނު ބަދަލުކޮށްގެން ވިޔަސް ކުރަން މުހިންމު މަސައްކަތެއް ކަމަށެވެ.
ތިނަދޫ ކައުންސިލުން ވަނީ ސިޓީއެއްގެ ދަރަޖަ ކަށަވަރުކުރަން މަޖިލީހަށް ހުށަހަޅާފަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ، ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް ބައެއް އިދާރާތަކުން އަދިވެސް ކައުންސިލާ މެދު އަމަލުކުރަނީ އާދައިގެ ރަށު ކައުންސިލަކާ އެއް ހަމަކޮށްގެންކަމަށް ބުނެ އެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ބޭއްވި ލާމަރުކަޒީ ކޮމެޓީ ބައްދަލުވުމުގައި ނިންމީ އެކަން ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށެވެ.