ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ފަރާތްޕުޅުން އިތުރު ލުއިތަކަކަށް އެދިފައިވާ ކަމަށް ކަރެކްޝަންސް ސާވިސްއިން ބުނެފި އެވެ.
ކަރެކްޝަންސް އިން ބުނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގައި އިތުރު ލުއިތަކެއް ދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިފައިވީ ނަމަވެސް, އެކަމުގައި ގާނޫނާ ފުށުއެރުންތަކެއް ހުރި ކަމަށެވެ.
އެހެންކަމުން, އިތުރު ލުޔެއް ދެވެން ނެތްކަން އަންގާފައިވާ ކަމަށް ކަރެކްޝަނުން މައުލޫމާތު ދިނެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޔާމީނަށް އެއްވެސް ލުޔެއް ނުދިނުމަށް މުއިއްޒު ވަނީ ކަރެކްޝަންގެ އިސް އޮފިޝަލުންނަށް އަންގާފައެވެ. ރައީސް ސޯލިހްގެ ސަރުކާރުން ދިން ލުޔެއް ފިޔަވައި އިތުރު އެއްވެސް ލުޔެއް އެހެންކަމުން، ޔާމީނަށް މުއިއްޒުގެ ސަރުކާރުން ލިބިގެން ނުދާނެއެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް, އެ ވައުދުފުޅާ އެއްގޮތަށް ރައީސް މުއިއްޒުގެ ވެރިކަމުގައި ޔާމީނަށް އެއްވެސް ލުޔެއް ނުދެއްވާ ކަމަށް އެމަނިކުފާނުގެ އަރިސް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.
ޔާމީން މިނިވަން ކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއިރު, ވެރިކަމަށް ހަތަރު ވަނައަށް ވީ ދުވަހު ޔާމީނާއި ރައީސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު ވަނީ ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފަށްޓަވާފަ އެވެ.