ސަރުކާރުގެ ލިޔެކިޔުންތައް ގަސްތުގައި ނައްތާލުމަކީ ޤާނޫނީ ކުށެެކެވެ. މީގެ 2 ދުވަސް ކުރިން، ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު ހިމެނޭ ލިޔެކިޔުންތައް ވަނީ ސަރުކާރުން ނައްތާލާފައެވެ. ޓްވީޓް ތަކާއި، ވެބްސައިޓްގައި އާންމުންނަށް ފެންނަންހެން ހުރި ލިޔެ ކިޔުންތައް ނައްތާލުމުން އާންމުންގެ ކަންބޮޑުވުން އިތުރުވުމުން، އެކޮނޮމިކް މިނިސްޓަރ ސައީދު ވަނީ އެކަން ހިނގާފައިވަނީ އޭނާއަށް އެނގިގެން ނޫން ކަމަށާއި، އެ މައްސަލަ ބަލަމުން ދާކަމަށް 24 ގަޑިއިރު ފަހުން ވިދާޅުވެފައެެވެ.
ނަމަވެސް ދިޔަވަރު ނޫހަށް އެކޮނޮމިކް މިނިސްޓްރީ އިން މައުލޫމާތު ލިބިފައިވާ ގޮތުގައި، އެފަދަ އެއްވެސް މައްސަލަ އެއް ފުލުހަށް ހުށައަޅާފައެއް ނުވެއެވެ. އެހެންކަމުން އަމިއްލައަށް ލިޔެކިޔުންތައް ޑިލީޓްކޮށް ތަހުޤީގް ކުރަނީ ކަމަށް އެ ވިދާޅުވަނީ އަމިއްލަ އަށް ކުރި ކަމެއް އަމިއްލައަށް ތަހުޤީގް ކުރާ ވާހަކައެވެ. ރައްޔިތުންނަށް އޮޅުވާލުމަށް މިފަދަ ވާހަކަތައް ސަރުކާރުން ދެއްކުމުގެ ބަދަލުގައި ޒިންމާދާރު ކަމާއި އެކު މައްސަލަ ބެލުމަށް ސޯޝަލް މީޑިޔާގައި ރައްޔިތުން ދަނީ ގޮވާލަމުންނެވެ.
ރާއްޖޭގައި ބިދޭސިން ތިބި މިންވަރުން ހާމަ ކުރާ ލިޔެކިޔުންތައް ނައްތާލާފައިވަނީ، ރާއްޖެއަށް ޤާނޫނާއި ޚިލާފަށް ބަންގްލަދޭޝްއިން ބިދޭސީން ގެނައުމަށް މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރާއި، އެކޮނޮމިކް މިނިސްޓަރާއި، އިމިގްރޭޝަން ކޮންޓްރޯލަރ ހިމެނޭހެން ކުރިއަށް ގެންދާ އެތައް މިލިއަން ރުފިޔާގެ ބޮޑު ވައްކަމެއްގެ ތެރެއިންނެވެ. ސަރުކާރުން ވަނީ މިހާރު ޤާނޫނާއި ޚިލާފަށް ބަންގްލަދޭޝް އިން މީހުން ގެންނަން ނިންމާފައެވެ.