ރާއްޖެއާ މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަަހައްދުގެ އިން ފުށު އަރާ މައްސަލައިގައި ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އެ ގައުމުގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ފޮނުއްވި ސިޓީ މިހާރުގެ ސަރުކާރުން އާންމުކޮށްފިއެވެ.
މި ސިޓީއިން އެނގި ސާފުވެގެން ދިޔައީ، ވެރިކަމަށް އަންނަން ޕީޕީއެމް/ޕީއެންސީ އިން ރައްޔިތުންނަށް އޮޅުވާލުމަށް ދޮގު ހަދަމުން ދިޔަ މިންވަރެވެ. އަދި މުއިއްޒު ވެރިކަމަށް އައިސްފައިވަނީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމެވެ.
އެ ސިޓީ ހާމަކުރުމަކީ މި ސަރުކާރުގެ ވެރިން ވެރިކަމާ ހަވާލުވީ އިރު ރައްޔިތުންނަށް ވީ ވައުދެކެވެ.
ރައީސް ޞާލިހުގެ ސަރުކާރުން އަބަދުވެސް ވިދާޅުވީ އެ ސިޓީފުޅު ފޮނުއްވުމުގެ މައިގަނޑު ބޭނުމަކީ ޗާގޮސް އަކީ އިނގިރޭސިންގެ ތަނެއްކަން ރާއްޖެ އިން ދެން ނުބުނާނެކަން މޮރިޝަސްއަށް އެންގުން ކަމަށެވެ. އަދި އެ ސިޓީ ފޮނުއްވީ، އޭރު މޮރިޝަސްގެ ބާރުގެ ދަށަށް ޗާގޯސް ގޮސްފައި އޮތުމާ އެކު ކަމަށެވެ.
މިއަދު ސަރުކާރުން އާންމުކުރި ސިޓީގައި ވަނީ ޗާގޯސްގެ މައްސަލައިގައި އދ. ގައި ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށެވެ. އެއީ ގައުމުތައް އިސްތިއުމާރުކުރުމާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ގެންގުޅޭ ވިސްނުމާ އެއްގޮތަށް ނިންމި ނިންމުމެއްކަމަށް ވެސް ސިޓީގައިވެއެވެ.
މީގެ ކުރިން ވެސް ޞާލިހުވަނީ މި ސިޓީއަކީ ފުށުއަރާ އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި މިއީ ދެ މައްސަލައެއް ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ޗާގޮސްގެ ރަށްތައް އިސްތިމާރުކޮށްގެން ތިބި އިނގިރޭސިންނަށް އެ ސަރަހައްދުގެ ބާރު ނޯންނާނެ ކަމަށާއި އެއީ މޮރިޝަސްގެ ބާރު ހިނގާ ސަރަހައްދެއް ކަމަށް ބުނެ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019ވަނަ އަހަރު ވަނީ އިސްތިޝާރީ ލަފައެއް ނެރެފައެވެ. އެކަމަކު، އެ ނިންމުން ގަބޫލުނުކޮށް، އިޓްލޮސްއަށް އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ރާއްޖެއިން ވަނީ ވަކާލާތު ކޮށްފައެވެ.
ނަމަވެސް އިޓްލޮސްއިން ވަނީ ރާއްޖޭގެ އެ ދިފާއު ގަބޫލުނުކޮށް، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގައި އޮންނަ ގޮތަށް ދެ ގައުމަށް ވެސް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭން ޖެހޭނެ ކަމަށް ނިންމައިފައެވެ.
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ބަލައިގަންނަކަން ހާމަކުރައްވައިރައީސް ޞާލިޙް، މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުއްވީ އެ ހިސާބުންނެވެ.