ޚަބަރު

ޗާގޯސްގެ ދޮގު ފޮރުވަން 10 މިލިއަން ބަޖެޓްކޮށް، ކޮމިޓީއެއް އެކުލަވާލައިފި!

ދިޔަވަރު
ޗާގޯސްގެ ދޮގު ފޮރުވަން 10 މިލިއަން ބަޖެޓްކޮށް، ކޮމިޓީއެއް އެކުލަވާލައިފި!

ދިވެހިރާއްޖެ އާއި ޗާގޯސްއާ ދެމެދު އިން ކަނޑައެޅުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލު ކުރީ "ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް" ކަމަށް ބުނެ ކޮމިޓީއެއް އެކުލަވާލާފި ކަމަށް މިއަދު ސަރުކާރުން ހާމަ ކޮށްފައިވަނީ ޗާގޯސް އާއި ބެހޭގޮތުން ހަދާފައިވާ ރޯ ބުހުތާނު ދޮގުތައް ފޮރުވުމަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތިގެން ކަމަށް އޭޖީ އޮފީހުގެ ބޭފުޅަކު ވަނީ ދިޔަވަރު އޮންލައިނަށް މައުލޫމާތު ދެއްްވާފައެވެ.

މި ގޮތުން މި މައްސަލަ ބެލުމުގެ ނަމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވަނީ ތިން ބޭފުޅުންގެ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމިޓީގެ ރިޕޯޓު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް އަރުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

"ނިމިދިޔަ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ފުށުއަރާ ގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ގެންގުޅުއްވާފައިވާ ގާނޫނީ ޕޮޒިޝަން އާއި އަމަލު ކުރައްވާފައިވާ ގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި، ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ބަންޑާރަ ނައިބު ވަނީ ނިންމާފައި،" ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޑިފެންސް މިނިސްޓްރީގެ ފަރާތުން ކާނަލް އަހުމަދު މުޖުތަބާ އާއި ފޮރިން މިނިސްޓްރީގެ ފަރާތުން އަހުމަދު ޝިއާން އެވެ. އެ ކޮމިޓީ ލީޑު ކުރައްވަނީ އަނިލް އެވެ.