ދިޔަަވަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްމަސް ދުވަސް ވަންދެން ބަންޑާރަ ނައިބު ވަނީ ޗާގޯސް މައްސަލަ ދިރާސާ ކޮށްފައެވެ. ފާއިތުވި މަސް ދުވަސް ތެރޭގައި މި މައްސަލަ ބަންޑާރަ ނައިބު އަހުމަދު އުޝާމު ބައްލަވަމުން ގެންދަވާކަމަށް ސަރުކާރުން ވެސް ވަނީ މީގެ ކުރިން ނޫސް ވެރިންގެ ބައްދަލުވުން ތަކުގައިވެސް ހާމަކޮށްފައެވެ. އެއް މަސް ދުވަހުގެ ދިރާސާއަށް ފަހު، ކުރީ ސަރުކާރުން ޗާގޯސް މައްސަލާގައި ކަންކުރީ ރަނގަޅަށް ކަމަށް ނިންމައި، ގޯސްކޮށް ކަމެއް ކޮށްފައި އޮތްތަން ފެންނަން ނެތްކަމަށް މުއިއްޒު އާއި ބައްދަލު ކޮށް ރިޕޯޓް ކޮށްފައި ވާކަމަށް ބަންޑާރަނައިބުގެ އަރިސް ފަރާތަކުން ދިޔަވަރު ނޫހަށް ޔަގީން ކޮށްދެއެވެ. މިކަމާއި މުއިއްޒު ކަންބޮޑުވެ ކޯފާ އިސް ކުރައްވައި، މި ގޮތަކަށް މިކަން އާންމުންނަށް ތިލަ ކުރެވެން ނެތް ކަމަށް މުއިއްޒު ވިދާޅު ވިކަމަށްވެއެވެ.
މިކަމާއި ގުޅިގެން، މުއިއްޒު އާއި، ބަންޑާރަ ނައިބު އުޝާމު އާއި ދެމެދު މަޝްވަރާކޮށް، ކެމްޕެއިން ތެރޭގައި ދެއްކުނު ވާހަކަތައް ދިފާޢު ކުރުމަށްޓަކައި، ކަންތައްތަކެއް ކުރުމަށް ނިންމި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ނިންމި ކަންކަމުގެ ތެރޭގައި:
- ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުގެ ބަދަލުގައި، ބަޔާނެއް ނެރުމަށް ނިންމުން: މި ގޮތަށް ބަޔާނެއް ނެރެން ނިންމާފައި ވަނީ، ނޫސްވެރިންނަށް މިކަމާއި ގުޅިގެން ސުވާލުކުރުމަށް ފުރުސަތު ނުދިނުމަށެވެ.
- މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލި ކަމަށް ނިންމުން: މައްސަލަ ގިނަ ދުވަހަށް ދިގުދައްމާލެވޭނެ ހަމަ އެކަނި ގޮތަކީ ކޮމެޓީއަކުން މައްސަލަ ބެލުން ކަމަށް ނިންމައި، މައްސަލާގެ އަސްލު ގެއްލުވާލަން މުއިއްޒުއާއި އުޝާމް ނިންމިއެވެ. މައްސަލާގެ އަސްލަކީ ރައްޔިތުންނަަށް ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދުމަށް މުއިއްޒު ވެފައިވާ ވައުދެވެ. ބަންޑާރަނައިބު ރައީސްއަށް އަރުވާފައިވާ ލަފާގައި، އެއްވެސް މިންވަރެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިފައި ނުވާތީ ކަނޑުން ބައެއް ލިބެން ނެތް ކަމަށް ވަނީ ހާމަ ކޮށްފައެވެ. ނަމަވެސް އާންމުންނަށް މިކަން ހާމަކޮށްފި ނަމަ، އުފެދިދާނެ ހާލަތަކަށް ރިޔާއަތް ކޮށް، އެކަން އޮއްބާލައި، މިސްރާބު މައްސަލަ ބެލުމާއި ދިމާލަށް އަނބުރާލުމަށް މަޝްވަރާ ކުރެވުނު ކަމަށް އުޝާމުގެ ގާތް ފަރާތަކުން މައުލޫމާތު ދެއްވިއެވެ.
- މައްސަލާގެ އެންމެ ބޮޑު ކަންބޮވުމަކީ ނޫސްވެރިން ކަމުން، ނޫސްވެރިންނަށް މި މައްސަލައާއި ގުޅޭ ގޮތުން، ނޫސްވެރިންގެ ބައްދަލުވުން ތަކުގައި ސުވާލު ކުރިއަސް ޖަވާބު ނުދިނުމަށް ނިންމިއެވެ.
- ކޮމިޓީގެ ބޮލަށް މައްސަލަ ކަނޑާލުން: ކޮމިޓީއަށް ނަގާފައި ވަނީ، ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޑިފެންސް މިނިސްޓްރީގެ ފަރާތުން ކާނަލް އަހުމަދު މުޖުތަބާ އާއި ފޮރިން މިނިސްޓްރީގެ ފަރާތުން އަހުމަދު ޝިއާން އެވެ. މައްސަލާގައި ނަގާފައިވާ ކޮމިޓީގައި ގާނޫނީ ދާއިރާގެ ބޭފުޅެއް ގޮތުގައި ހުންނެވީ އަނިލް އެކަންޏެވެ. ދެން ހުންނެވި އަހުމަދު މުޖުތަބާ އަކީ މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ހުރި ފަރާތެއްވެސް ނޫނެވެ. އަދި އެކަމަށް އެއްވެސް ވަރަކަށް ޤާބިލު ފަރާތެއްވެސް ނޫނެވެ. ކޮމިޓީގައި ދެން ހުންނެވި، އަހްމަދު ޝިއާން ހުންނެވީ ފޮރިންގ މިނިސްޓްރީގެ ޕްރޮޓަކޯލް އާއި ހަވާލުވެއެވެ. އެއީ ފޮރިންގ މިނިސްޓަރީގެ ބައިލެޓްރެލް ނޫނީ، މޮރިޝަސް އާއި ގުޅޭ ޑިޕާރޓްމެންޓެއްގައިވެސް އުޅެފައިވާ ފަރާތެއް ނޫން ކަން، ދިޔަވަރު ނޫހުން އިތުރަށް ހޯދި މައުލޫމާތު ތަކުން ސާފުވިއެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި ޗާގޯސް މައްސަލާގައި އެހީތެރިކަން ފޯރުކޮށް ދީފައި ވަނީ، ކަނޑުތަކާއި ބެހޭ ބައިނަލްއަޤްވާމީ ޤާނޫނީ ހާއްސަ މާހިރުންގެ ޓީމަކުންނެވެ. އެބޭފުޅުން ކޮށްފައިވާ މަސައްކަތް ބަލައި ދެނަގަތުމުގެ ޤާބިލުކަމެއްވެސް އެކުލަވާލި ކޮމެޓިީގައި ނުވެއެވެ. ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޑިފެންސް މިނިސްޓްރީގެ ފަރާތުން ކާނަލް އަހުމަދު މުޖުތަބާ އާއި ފޮރިން މިނިސްޓްރީގެ ފަރާތުން އަހުމަދު ޝިއާން އަކީ މި މައްސަލާގައި މުއިއްޒު ކަތިލުމަށް ތައްޔާރު ކުރާ ކަންބަޅިތަކެކެވެ.
- މައްސަލާގެ އަސްލު ގެއްލޭހެން މުއިއްޒު ޓްވީޓް ކުރުން! މި ގޮތުން ޓްވީޓް ކުރާނީ، މިކަމަކީ ކުރީ ސަރުކާރުންގެ ހިޔާނާތެއް ގޮތަށް ސިފަކޮށް މައްސަލައިގެ އަސްލު އާންމުންނަށް އޮޅޭ ގޮތަށް ކަމަށް ނިންމިއެވެ. އަދި ސޯޝަލް މީޑިޔާގައި އެހެން ފަރާތްތަކުންވެސް އެ ގޮތަށް ޓްވީޓް ކުރުމަށް ނިންމިއެވެ.
ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ކެމްޕެއިނެއްގައި ޤައުމު ވިއްކާލި ކަމަށް ބުނެ، ދޮގު ހަދައި އޮޅުވާލައިގެން މުއިއްޒު ވެރިކަމަށް އައިސް، އެ ދޮގުތައް ދެމެހެއްޓުމަށްޓަކައި ރައްޔިތުންނަށް އިތުރަށް އެތައް ހާސް ދޮގެއް ހަދަންޖެހި، އެކަމަށް ބައިތުލްމާލުން 10 މިލިއަން ރުފިޔާ ހަރަދު ކުރުމަކީ، މުއިއްޒުގެ ފަރާތުން ދިވެހި ޤައުމަށް ލިބޭ އިތުރު ނިކަމެތި ކަމެކެވެ. އަދި އެއީ މުޅި ޤައުމަށް ވެވޭ ގައްދާރު ކަމެކެވެ.