ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް 100,000 ރުފިޔާ ލިބޭގޮތަށް މުސާރަ ބޮޑު ކުރުމަށް މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް ރައީސް މުއިއްޒު ހިތްވަރު ދެއްވައިފިއެވެ.
މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުރުމަށް ނިންމުމާއެކު ރައްޔިތުން ރަތަށް އަރާފައިވަނިކޮށް, މުއިއްޒު ވިދާޅުވެފައިވަނީ ރައީސްއާއި ނާއިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަވެސް ބޮޑުކުރުމަށް އެދިފައި ނުވާނެކަމަށެވެ. އަދި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މުސާރަ ބޮޑުކުރުމުން އެބައި ހަދިޔާ ކުރައްވާނީ އިޖުތިމާއީ ފަންޑަކަށް ކަމުގައެވެ.
އެހެންނަމަވެސް މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުރުމާއި މުއިއްޒު ދެކޮޅު ހައްދަވާފައެއް ނުވެއެވެ.
އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުުރުމަަށް މުއިއްޒުގެ ތާއީދު އޮންނާނެ ކަމަށާއި, އޭގެ ބަދަލެއްގެ ގޮތުން މުއިއްޒު އަޒުލް ކުރުމުގެ މައްސަލަ އެމްޑީޕީގެ ޕީޖީން ޕާރކު ކުރުމަށް ހަމަޖައްސާނެ ކަމަށެވެ.
ގިނަ ބަޔަކު ތުހުމަތު ކުރަނީ މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުރަނީ ރައީސް މުއިއްޒު އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ޑީލެއް ހައްދަވައިގެން ކަމަށެވެ. އެއީ މިހާރު ރައީސް އާއި ނާއިބު ރައީސް އަޒުލް ކުރުމުގެ މައްސަލަ ކުރިޔަށް ނުގެންދިއުމަށް ހަދާފައި އޮތް ޑީލެއް ކަމަށްވެސް މައުލޫމާތު އެގިހުރި ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.