ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް 100,000 ރުފިޔާ ލިބޭގޮތަށް މުސާރަ ބޮޑު ކުރުމަށް މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް ރައީސް މުއިއްޒު ދެކޮޅު ނުހައްދަވާނެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދެމުން ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުުރުމަަށް މުއިއްޒުގެ ތާއީދު އޮންނާނެ ކަމަށާއި, އޭގެ ބަދަލެއްގެ ގޮތުން މުއިއްޒު އަޒުލް ކުރުމުގެ މައްސަލަ އެމްޑީޕީގެ ޕީޖީން ޕާރކު ކުރުމަށް ހަމަޖައްސާނެ ކަމަށެވެ.
މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުރުމަށް ނިންމުމާއެކު ރައްޔިތުން ރަތަށް އަރާފައިވަނިކޮށް, މުއިއްޒު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސްއާއި ނާއިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަވެސް ބޮޑުކުރުމަށް އެދިފައި ނުވާނެކަމަށާއި, އެހެންނަމަވެސް, އެމަނިކުފާނުގެ މުސާރަ ބޮޑުކުރުމުން އެބައި ހަދިޔާ ކުރައްވާނީ އިޖުތިމާއީ ފަންޑަކަށް ކަމުގައެވެ.
އެހެންނަމަވެސް މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުރުމާއި މުއިއްޒު ދެކޮޅު ހައްދަވާފައެއް ނުވެއެވެ.
ގިނަ ބަޔަކު ބުނަމުންދަނީ, ރައީސްއާއ ނާއިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަ ބޮޑުކުރުމާއި މުއިއްޒު ދެކޮޅު ހެއްދެވީ, މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް ހިތްވަރު, "ފޭސް ސޭވިން ފޯމިއުލާއެއް" ހޯއްދެވުމަށް ކަމުގައެވެ.
ގިނަ ބަޔަކު ތުހުމަތު ކުރަނީ މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑު ކުރަނީ ރައީސް މުއިއްޒު އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ޑީލެއް ހައްދަވައިގެން ކަމަށެވެ. އެއީ މިހާރު ރައީސް އާއި ނާއިބު ރައީސް އަޒުލް ކުރުމުގެ މައްސަލަ ކުރިޔަށް ނުގެންދިއުމަށް ހަދާފައި އޮތް ޑީލެއް ކަމަށްވެސް މައުލޫމާތު އެގިހުރި ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.