ދައުލަތުގެ އިސް މަގާމުތަކުގެ މުސާރައަށް ބަދަލު ގެންނަން މާލިއްޔަތު ކޮމިޓީން ނިންމީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަޝަން (ޕީސީބީ) ގެ މުސާރަ ބޮޑުކުރަން ރައީސް އޮފީހުން އެދުމާ ގުޅިގެން ބަދަލުތައް ގެންނައިރު ހުރިހާ މުއައްސަސާއެއްގެ މުސާރަތައް އެއްހަމަކުރުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން ވަނީ މަޖިލިސް މެމްބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފަ އެވެ. އެ ބަދަލާއެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެ އެވެ. އެހެން ކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެމްބަރެއްގެ މުސާރައިގެ ގޮތުގައި 100،000ރ. ޖެހެ އެވެ.
މިފަހަރުގެ ބަދަލުތައް ގެނައީ ނޮވެމްބަރު 21, 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި ޕީސީބީގެ މުސާރަ ބޮޑުކުރުމަށް އެދިވަޑައިގަތުމާ ގުޅިގެން އެ ބަދަލުތައް ގެންނައިރު ދައުލަތުގެ މުސާރަ ބޮޑުކުރަން ޖެހިފައިވާ ހުރިހާ މުއައްސަސާތަކެއްގެ މުސާރަ ވެސް އެއްހަމައަކުން ބޮޑުކުރެވޭނެ ގޮތަށް ހެދުމަށް ކަމަށް އެމްޑީޕީގެ ޕީޖީން މިއަދު ބުންޏެވެ.
"ރައީސް މުއިއްޒު ސަރުކާރުގެ ފަރާތުން މަޖިލީހުގެ އެދިފައި އޮތީ ޕީސީބީގެ ރައީސަށް 55,000 ރުފިޔާ, ނައިބު ރައީސަށް 45,000 ރުފިޔާ އަދި ބޯޑު މެމްބަރަކަށް 20,000 ރުފިޔާއަށް ބަދަލުކޮށްދޭން މި ޕްރޮސެސް ހިންގަމުންދާއިރު. އެހެންވީމާ ސަރުކާރުން ވެސް އެދިފައި އޮތީ. ދެން ހުރި ތަންތަނަކީ ސަރުކާރުން އެދެން ޖެހޭ ތަންތަނެއް ނޫން," ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުالله ވިދާޅުވި އެވެ.
ވަކި މުއައްސަސާއެއްގެ މުސާރައަށް ބަދަލު ގެންނައިރު އެހެން މުއައްސަސާތަކަށް ވުރެ ކުޑަވެފައި ނުވަތަ ބޮޑުވުމަކީ މައްސަލައަކަށް ވާނެ ކަމަށާއި މުސާރަތައް އެއްހަމަކުރުމަށް ބަޖެޓުގައި 500 މިލިއަން ރުފިޔާ ހިމެނި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އެހެންކަމުން, މި ބަދަލާއެކު ވެސް އެއްވެސް ވަރަކަށް ބަޖެޓަށް އުނިއިތުރެއް ނާންނާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
"މި ބަދަލާ ގުޅިގެން 90 މިލިއަން ރުފިޔާ އިތުރަށް, 500 މިލިއަންގެ ތެރެއިން 90 މިލިއަން ހޭދަމިވަނީ އަހަރަކަށް. އަދި އެބައިން ބާކީ 410 މިލިއަން. މި 410 މިލިއަން އަކީ ސަރުކާރުން މުސާރަ ބޮޑުކުރަން ބޭނުންވާ ފަރާތްތަކަށް ކަނޑައެޅި އަދަދެއް. އޭގެ ތެރޭގައި ފުލުހުންނާއި, ސިފައިންނާއި, ސިވިލް ސާވަންޓުންނާއި…," ޔައުގޫބް ވިދާޅުވި އެވެ.
މަޖިލިސް މެމްބަރުންގެ އިތުރުން ރައީސް އާއި ނައިބު ރައީސް އަދި ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުންނާއި ސަރުކާރު އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެމްބަރުންނާއި ސިޓީ ކައުންސިލު މެމްބަރުންގެ އިތުރުން ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
މުސާރަތައް ބޮޑުކުރަން ކޮމިޓީން ފާސްކުރި ނަމަވެސް މިކަމުގެ ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.
މަޖިލިސް މެމްބަރެއްގެ މިހާރު މެމްބަރުންގެ މުސާރަ އަކީ 62،500ރ. އެވެ. ކޮމިޓީ އެލަވަންސާ އެކު ޖުމްލަ 82،500ރ އެވެ. މި މުސާރައާ ދޭތެރޭ އާއްމުން ކުރިން ވެސް ހިތްހަމަނުޖެހެ އެވެ.