މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު އިއުލާނު ކުރައްވައިފި އެވެ. ޕީޕީއެމްގެ ކޮންމެ ސަރުކާރަކީ ފުލުހުންގެ މައްޗަށް ސިޔާސީ ނޫފޫޒު ފޯރުވައި، ނުހައްޤުން މީހުން ހައްޔަރުކޮށް، ޖަލުގެ ކުޑަގޮޅިއަށް މީހުންލައި، ދޮގު އިންޓެލިޖެންސް ރިޕޯޓްތައް ހަދައި މީހުން ހައްޔަރުކޮށް ފްރޭމް ކުރުމުގެ މާޒީއެއް އޮތް ތަނެކެވެ. ފާއިތުވި ޕީޕީއެމް ސަރުކާރުގައި އެއްވެސް ކުށެއް ނެތި، ފުލުހުން ވަނީ 1000 އަށް ވުރެ ގިނަ ސިޔާސީ ފަރާތްތައް ހައްޔަރުކޮށް ޖަލަށް ލާފައެވެ. އަދި ގިނަބަޔަކު ވާނުވާގައި ބާއްވާފައެވެ. މީގެ އިތުރުން ރާއްޖޭގައި އޮތް އެންމެ ކޮރަޕްޓް އެއް މުއައްސަސާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މުއައްސަސާއަކީ ފުލުސް އޮފީހެވެ.
މިހެން މިކަން އޮއްވާ، މިއިން އެއްވެސް ކަމެއް ރަނގަޅުކުރަން އެއްވެސް ފިޔަވަޅެއް ނާޅައި، ސިޔާސީ ފަރާތްތަކަށް ބިރުދެއްކުމުގެ ބޭނުމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައިވާ ސަރުކާރެއް ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ކެމްޕެއިން ކުރި އިރު އެފަދަ ވާހަކަ އެއް ޕީޕީއެމް ޕީއެންސީ އިން ދާކާފައެއް ނުވެއެވެ.
މިނިސްޓަރު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކަމަށެވެ. ނަމަވެސް، ޕީޕީއެމް ޕީއެންސީ ސަރުކާރުތަކުން ޤާނޫނަށް ހުރުމަތްތެރިކަން ހިތުން ކުޑައެވެ. މީހާރުވެސް ފަށާފައިވާ ފުށި ދިއްގަރުފަޅުގެ މަސައްކަތަކީ ޤާނޫނު އަސާސީއާއި ޚިލާފަށް ފަށާފައިވާ މަސައްކަތެކެވެ. ބަޖެޓު ހަމަ ޖެހިފައި ނެތް ކަމެއް ކުރުމަކީ ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފުކަމެކެވެ.
މަރުގެ ހުކުން އިއްވުމަށް ވާހަކަ ދެއްކުމުގެ ކުރިން، ކުށް މަދުކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އެޅުން މާ މުހިންމެވެ. ރައީސް ޔާމީނު ސަރުކާރުންވެސް މަރުގެ ހުކުން ތަންފީޒު ކުރާނެ ކަމަށް ވާހަކަ ދެއްކި އިރު އެއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ މީހުން މަރާފައިވާ 5 އަހަރެވެ.
މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ހަތަރު މީހަކު އެބަ ތިއްބެވެ. އޭގެ ތެރޭގައި އޮކްޓޯބަރު 1، 2012، ގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ހުސެއިން ހުމާމް އަހުމަދު ހިމެނެ އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރާ މަރުހަލާގައި ދެން ތިބީ ގ. ރީފް، މާލެ، މުހައްމަދު ނަބީލް އާއި މ. މަސްރޫރާ އަހުމަދު މުއްރަތާއި ދަފުތަރު ނަމްބަރު 3912، މުހައްމަދު ޝައިފަން އެވެ.
ނަބީލްއަކީ، ސ. ހުޅުދޫ، ލިލީމާގޭ، އަބްދުﷲ ފަރުހާދު މާޗް 8، 2009، ގައި މަރާލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ މީހެކެވެ. މުއްރަތަށް މަރުގެ ހުކުމް އިއްވީ ވަކީލު އަހުމަދު ނަޖީބު ޖުލައި 1، 2012، ގައި މަރާލި މައްސަލައިގަ އެވެ. ޝައިފަން މަރަން ހުކުމް ކުރީ އޭޕްރީލް 1، 2012، މ. ފެއާރީކޯނާ، އަލީ ޝިފާން މަރާލި މައްސަލައިގަ އެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒު ކުރީ މީގެ 70 އަހަރު ކުރިން 1953 ވަނަ އަހަރެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވުނީ ހަކީމް ދީދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ސިހުރު ހަދައި، ވިހަ ހިކައެއް ލައިގެން ސައި ކައްކައި ހުވަދު އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ އަށް އެރުވި ކަމުގެ ކުށެވެ. ހުކުމް ކުރެއްވީ އަބްދުﷲ ޖަލާލުއްދީނެވެ.