ހައްދުފަހަނައެޅި ޤައުމިއްޔަތު ދިރުވުމަށް މުއިއްޒު ކުރަމުންދާ މަސައްކަތުގެ ތެރޭގައި ސުކޫލުތަކުގައި ޤައުމީ ސަލާން ކިޔަން ޖެއްސުމަކީ، ސަލަފު ޖަމިއްޔާގެ ގިނަ ބަޔެއްގެ ނުރުހުން ސަރުކާރަށް އަމާޒުވި ކަމެއް ކަމަށާއި، އެކަމާއި ގުޅިގެން މުއިއްޒު އާދަން ނަސީރާއި މަޝްވަރާ ކުރުމުން މަރުގެ ހުކުން އިއްވާ ވާހަކަ ދެއްކުމަށް އާދަން ނަސީރު ޚިޔާލު ދެއްވި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޤައުމިއްޔަތުގެ ކެމްޕެއިން ހިންގުމުގައި ހަރުކަށި ފިކުރުގެ މީހުންގެ ބޭނުން މުހިންމު ވާނެ ކަމަށާއި، މިހާ އަވަހަށް އޭގެ ތެރެއިން ބަޔަކު ސަރުކާރާއި މެދު ހިތްހަމަ ނުޖެހެން ފަށައިފިނަމަ، ހައްދުފަހަނައެޅީ-ޤައުމިއްޔަތު ދިރުވުމަށް ދަތިވާނެ ކަމަށް އާދަން ނަސީރު ހިޔާލު ދެއްވާފައި ވެއެވެ. އެގޮތުން ހައްދުފަހަނަ އެޅި މީހުންނަށް އެންމެ ކަމުދާ ކަމަކީ މަރަށް މަރު ހިފުން ކަމަށާއި، އެކަން އިއުލާން ކޮށްފިނަމަ، އެމީހުންގެ ތާޢީދު އަލުން ލިބިދާނެ ކަމަށް އާދަން ނަސީރު މުއިއްޒަށް ހިޔާލު ދެއްވާފައިވާކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ކިޔައި ދިނެވެ.
މަރަށް މަރު ހިފުމުގެ ވާހަކަ އަކީ ކެމްޕެއިނުގައި މުއިއްޒު ދެއްކެވި ވާހަކައެއް ނޫނެވެ. ރާއްޖޭގެ ކޯޓުތަކާއި، ފުލުސް އޮފީހުގެ މައްޗަށް ހައްދެއް ނެތް މިންވަރަށް ސިޔާސީ ނުފޫޒު އޮއްވައި، އަދި ހައްދުފަހަނަ އެޅި ޤައުމިއްޔަތެއް މުއިއްޒު ދިރުވަން މަސައްކަތް ކުރާއިރު، މީހުން މެރުމަށް ސަރުކާރުން ފަށާ ފެށުމަކީ ނުރައްކަލެއްގެ ސިގްނަލެކެވެ. ގިނަބަޔަކު ޤަބޫލު ކުރާ ގޮތުގައި ޤައުމުން ބަޔަކު މީހުން ހާއިނުންނަށް ހަދައި، އެމީހުންގެ ބޮލުގައި މަރުގެ ތުހުމަތު އަޅުވައި މަރާލުމަކީ، މުއިއްޒު ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރުން އެކަށީގެންވާ ކަމެކެވެ. ކުރީގެ ޕީޕީއެމް ސަރުކާރުން ވަނީ، ފުލުހުންގެ މުއައްސަސާ ބޭނުން ކޮށް، މީހުން ފްރޭމްކޮށް އެތައް ބަޔަކު ޖަލަށް ލާފައެވެ. އަދި އަނިޔާވެރިކަން އިސްކޮށް 1000 އަށް ވުރެ ގިނަ ފަރާތްތައް ސިޔާސީ ބޭނުމަށް ހައްޔަރުކޮށް އޭރު ޖަލަށް ލިޔެވެ.
އެންމެ ފަހުން މަރަށް މަރުހިފުމުގެ ވާހަކަ ދައްކާފައި ވަނީ ވެސް ޔާމީނުގެ ސަރުކާރުގައެވެ. އެއީ ރާއްޖޭގެ ތާރީޚްގައި އެންމެ ގިނަ މީހުން މަރާފައިވާ 5 އަހަރެވެ. އެގޮތުން 47 މީހަކު އެ ފަސް އަހަރު ތެރޭގައި މަރާފައިވާއިރު، ރައީސް ސޯލިހްގެ ސަރުކާރުގައި 7 މީހަކު ވަނީ މާރާމާރީތަކުގައި މަރުވެފައެވެ.
މި ސަރުކާރުން ވެރިކަމަށް އައީ މަސްތުވާތަކެއްޗާއި، ވަޅި ހެރުން ފަދަ ބޮޑެތި ކޮށްތައް ކޮށްފައިވާ ފަރާތްތަކުގެ އެހީގައެވެ. ނައިބް ރައިސްއަކަށް ސެމްބެ ނަގާފައިވަނީވެސް އޭނާއާއި ގޭންގް ތަކާއި އޮތް ގާތް ގުޅުމުގެ ފައިދާ ނެގުމަށެވެ. ސެމްބެއަކީ ތައުލީމެއް ހުރި، މަގުބޫލު މީހެއްވެސް ނޫނެވެ.
މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދާ ފަރާތްތަކުން ހާމަ ކުރާ ގޮތުގައި، މަރަށް މަރު ހިފުމުގެ ކުރިން، އަތް ކަނޑަން ޖެހޭނެއެވެ. އަދި ރިބާ، އޫރު މަހާއި، ރާ މަނާކުރަން ޖެހެއެވެ. އެނޫން ގޮތަކަށް ދިވެހިން އެކަމާއި މެދު އެއްބަހެއް ނުވާނެއެވެ.
މީގެ އިތުރުން، ކުށް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތް އެނގިތިބެ މުއައްސަސާތަކުން ނުކުރާ މައްސަލަ ރައްޔިތުން ދަނީ ފާހަގަ ކުރަމުންނެވެ. ކުށް ކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ސަރުކަރުން އަޅައިފިނަމަ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އަމާން ކަން ޤާއިމު ކުރަން ފަސޭހަވާނެއެވެ. ނަމަވެސް އެފަދަ ފިޔަވަޅުތައް ނާޅައި، ރާއްޖޭގައި އޮތް އެންމެ ކޮރަޕްޓު މުއައްސަސާއިން ތަހުޤީގުކޮށް މައްސަލަ ނިންމައިގެން މީހުން މެރުމަކީ ދިވެހިން ޤަބޫލު ކުރާނެ ކަމެއް ނޫނެވެ. އަދި ވަކި ބަޔަކު ރުއްސަން، ވަކި ބަޔަކަށް އަމާޒު ކޮށް ޕޮލިސީތަކަށް ބަދަލު ގެނައުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ.