ޚަބަރު

ފުށިދިއްގަރު ހިއްކަނީ 70 ހެކްޓަރުގެ 51 ބިލިއަން ރުފިޔާގެ ބިން އަޑި ނޭނގޭ ބޭރު ކުންފުންޏަކަށް ދޭ ގޮތަށް!

ދިޔަވަރު
ފުށިދިއްގަރު ހިއްކަނީ 70 ހެކްޓަރުގެ 51 ބިލިއަން ރުފިޔާގެ ބިން އަޑި ނޭނގޭ ބޭރު ކުންފުންޏަކަށް ދޭ ގޮތަށް!

ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލެ 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ދޭގޮތަށް ކަމަށް އާބަންކޯ އިން ބުނެފި އެވެ. އަދި މި ބިންތައް މޯގޭޖްކޮށްގެން ސީއެމްސީއިން ލޯނު ނަގައިގެން ބިން ހިއްކަން ނިންމާފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ސަރަހައްދުން ބޮޑު ބައެއް ބޭރު ގައުމަކަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އެއިން އަސަރު ކުރާނެ ބޮޑު މައްސަލައެކެވެ.

ފުށިދިއްގަރު ފަޅު ޕްރޮޖެކްޓަކީ ރާއްޖެއަށް މިވަގުތު އެއްވެސް ވަރަކަށް ބޭނުންވާ ޕްރޮޖެކްޓެއް ނޫނެވެ. ރާއްޖޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ގުޅީ ފަޅުންނާއި، ގިރާވަރު ފަޅު ވަނީ ކުރީ ސަރުކާރުން ހިއްކާފައެވެ. އެހެން ކަމުން މިވަގުތު އެއްވެސް ތަނެއް އެއްވެސް ބަޔަކަށް ދީގެން ހިއްކަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ރައްޔިތުން ބޭނުންވަނީ ދީފައިވާ ގޯތި ތަކުގައި ދިރިއުޅެވޭ ގޮތް ހަދާ ދިނުމެވެ. އެގޮތުން، އެތަންތަނަށް ފެނާއި ކަރަންޓާއި، ނަރުދަމާގެ ޚިދުމަތްދީ، ބްރިޖް އަޅައި ދިނުމެވެ. ފުށިދިއްގަރު ފަޅަކީ ބްރިޖު އެޅޭ ވަރަށްވުރެ މާ ދުރުގައި އޮތް ތަނެކެވެ. އަދި އެއީ މާލޭ މީހުން މާލެއިން ބޭލުމަށް މުއިއްޒު ހިންގާ ހީލަތްތެރި ޕްރޮޖެކްޓެކެވެ. މިއީ ކިހާ ބޮޑު އިސްރާފެއްތޯއެވެ.

އާބަންކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވީ ފުށިދިއްގަރުފަޅު މަޝްރޫއު ހިންގަން ސަރުކާރުންނާއި އާބަންކޯ އިން ވެސް އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ. މި މަޝްރޫއު ހިންގަނީ ސީއެމްސީސީ އަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން އެއްވެސް އަގަކާ ނުލައި 10 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދީފައިވާއިރު ބިން ހިއްކުމަށް ބޭނުންވާ ފައިސާ އެ ބިން ވިއްކައިގެން އެ ކުންފުންޏަށް ހޯދޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. ފަޒުލް ވިދާޅުވީ އެ ބިން ކުންފުނިން ބޭނުންވާ އަގަކަށް ވިއްކޭނެ ކަމަށާއި ނަމަވެސް، ބިން ވިއްކަން ޖެހޭނީ ހުޅުމާލޭގެ މާސްޓަޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވިދާޅުވި އެވެ.

އާންމުން ދިރިއުޅޭ ބޮޑު ސަރަހައްދެއް ބޭރު ބަޔަކަށް މިގޮތަށް ވިއްކާލާ ފުރަތަމަ ފަހަރެވެ.