މި ސަރުކާރުން ކުރިޔަށް ގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢު، ރަސްމާލެ ބިންހިއްކުމުގެ މަޝްރޫޢު ކުރިޔަށް ގެންދަނީ ސަރުކާރުން ބަޖެޓުން ލޯ ލާރިއެއްވެސް ޚަރަދު ނުކޮށްކަމަށާއި, އަދި އެ މަޝްރޫޢު ކުރިޔަށް ގެންދަނީ 99 އަހަރަށް ބިން ހިއްކާ ކުންފުނި ސީއެމްސީއަށް ފުށިދިއްގަރު ފަޅާއި އަދި ހުޅުމާލެއިން 70 ހެކްޓަރުގެ ބިން ހިލޭ ދީގެން ކަމުގައި މިއަދު އާރބަން ކޯއިން ވަނީ ބުނެފައެވެ.
މި ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކުމަށް އެންމެ ފުރަތަމަ ބަޖެޓް ކޮށްފައިވަނީ 400,000 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އެ ފައިސާ ހޯދާނެ ގޮތް ބަޖެޓްގައި ބަޔާން ކޮށްފައި ނެތުމުން މާލިއްޔަރު ކޮމިޓީން ވަނީ އެ ފައިސާ ބަޖެޓުން އުނިކޮށްފައެވެ.
އެއާކު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ދެން އެމަޝްރޫއަށް ދައުލަތުގެ ބަޖެޓުން ޚަރަދު ނުކުރައްވާނެ ކަމުގައެވެ. އެއަށްފަހު އާބަންކޯއިން މިއަދު ބުނެފައިވަނީ އެ މަޝްރޫއަށް ހުރިހާ ޚަރަދެއްވެސް ކުރާނީ ބިން ހިއްކާދޭ ކުންފުވި ކަމަށްވާ ސީއެމްސީ ކުންފުނިން ކަމަށާއި, އޭގެ ބަދަލުގައި އެ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރ އަދި ހިއްކާ ބިމުން 60 ހެކްޓަރު ދޭނެ ކަމުގައެވެ.
އެހެންނަމަވެސް, ހުޅުމާލޭގެ ބިމުގެ އަގަށް ބަލާއިިރު, މުޅި ފުށި ދިއްގަރު ފަޅުގެ ބިން ހިއްކުމަށް ޚަރަދުވާނެކަމަށް މި ސަރުކާރުން އަންދާޒާކުރި 400,000 ރުފިޔާއަށްވުރެ, ހުޅުމާލެއިން އެކަނިވެސް ސިއެމްސީ ކުންފުންޏަށް ދޫކުރި ބިމުގެ އަގު ބޮޑުކަން ފާހަގަ ކޮށްލެވެއެވެ.
އެގޮތުން ހުޅުމާލޭގެ ބިމުގެ އަގު މިހާރު ހުރިގޮތުން, އަކަމީޓަރެއްގެ އަގު 7,000 ރުފިޔާއަށް އުޅޭއިރު, ހުޅުމާލެއިން ސީއެމްސީ ކުންފުންޏަށް މި ސަރުކާރުން ދިން 10 ހެކްޓަރުގެ ބިމުގެ އަގު 700 މިލިއަން ރުފިޔާއަށް އަރާނެއެވެ. އޭގެ މާނައަކީ ހުޅުމާލޭގެ ބިންތައް އެކަނި މިހާރުން މިހާރަށް ވިއްލާއިގެންވެސް ސީއެމްސީ ކުންފުންޏަށް މަދުވެގެންވެސް 400 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދޭނެއެވެ.
އޭގެ އިތުރަށް ފުށިދިއްގަރު ފަޅުގެ ހިއްކާ ބިމުގެ އަގަށް ބަލާއިރު, މާލޭގެ ބޯހިޔާވަހިކަމަށް އޮތް ޑިމާންޑާއި އަދި އެއީ މާލޭގެ ކައިރިން ހިއްކާ ބޮޑު ސަރަހައްދަކަށް ބަލާއިރި ހުޅުމާލެއަށްވުރެ އަގުދަށްކޮށް އެ ބިމުގެ އަގު އުޅޭނެކަމަށް ނުބެލެވެއެވެ. އެގޮތުން އެ ނިސްބަތުން ބަލާއިރު ފުށިދިއްގަރު ފަޅުން ހިއްކާ ބިމުން ސީއެމްސީ ކުންފުންޏަށް ދޭ 60 ހެލްޓަރުގެ މިބުމުގެ އަގު 4.2 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
އަދި އެއީ އެކުންފުނިން ރިސޯޓު ތަރައްގީ ކޮށްގެން ނަމަވެސް, 99 އަހަރަށް ދޭ ބިމަކަށް ބަލާއިރު, މި ޕްރޮޖެކްޓުން ދައުލަތުގެ މާލިއްޔަތަށް ގެއްލިގެންދާ ފައިސާގެ އަދަދު 10 ވަރަކަށް ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވެއެވެ. އޭގެ އެއް ސަބަބަކީ ފުށި ދިއްގަރު ފަޅުން ހިއްކާ ބިމުން ސީއެމްސީ ކުންފުންޏަށް ދޭ ބިމުގައި 12 ވަރަކަށް ރިސޯޓު ފަސޭކަމާއެކު ތަރައްގީ ކުރެވޭއިރު, އެބިންތަކުގެ އެކުއިޒިޝަން ކޯސްޓް އެއްކޮށްލުމުން ދައުލަަތަށް މި މުއާމަލާތުން ގެއްލިގެންދާ ފައިސާގެ އަދަދު 10 ވަރަކަށް ބިލިއަން ރުފިޔާއަށް އަރާނެކަމަށް ވާތީއެވެ.
އެހެންކަމުން, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ފައިނޭންސް ރެއިސްކުރުމަށް މި ސަރުކާރުން ހިންގާފައި މިވަނީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ކޮރަޕްޝަންކަމަށް ވެގެންދާނޭކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސީއެމްސީ ކުންފުނިން ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ސަރުކާރަށް 100 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފައެވެ. އޭގެ އިތުތަށް ރައީސް މުއިއްޒުއަށް ސީދާގޮތުން ލިބޭ ފައިސާގެ ސީދާ އަދަދު އަދި ޔަގީން ކުރެވިފައި ނުވި ނަމަވެސް, ބައެއް މަސްދަރުތައް ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓުން ރައީސް މުއިއްޒުއަށް ސީދާ ގޮތެއްގައި 20 މިލިއަނަށްވުރެ ގިނަ ރުފިޔާލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.