ނޫސްވެރިކަމުގެ މިނިވަންކަމާއި, ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ދިވެހިން ބަލައިގެންފައިވާ އާ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ވަރަށްވެސް މުހިންމު އަސާސީ ހައްގެކެވެ.
ދިވެހިރާއްޖެ ބަލައިގެންފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް އަސާސްކަމުގައި ޚުދު ގާނޫނު އަސާސީން ކަނޑައަޅާ ދީފައިވާ, ޚިޔާލު ފާޅު ކުުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސްތައް ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އަދި 28 ވަނަ މާއްދާއިންވަނީ ބަޔާން ކޮށްދީފައެވެ.
ގާނޫނު އަސާސީގެ 27 ވަނަ މާއްދާ:
މިނިވަންކަމާއެކު ފިކުރުކުރުމާއި, އިސްލާމް ދީނުގެ އަސްލަކާ ޚިލާފްނުވާ ގޮތުގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި, ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ.
ގާނޫނު އަސާސީގެ 28 ވަނަ މާއްދާ:
ނޫސްވެރިކަން ކުރުމާއި, މުއާސަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ. މީގެ ތެރޭގައި ޚަބަރާއި, މައުލޫމާތާއި, ފެންނަ ގޮތްތަކާއި, ޚިޔާލުތައް ފާޅު ކުރުމާއި, ޝާޢިއު ކުރުމާއި, ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާޢިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެއެވެ.
މަތީގައި ބަޔާން ކުރެވުނު, ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި އަދި 28 މާއްދާއިންވަނީ ޚިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސްތައް އެކަށައަޅާދީފައެވެ.
"ދިޔަވަރު އޮންލައިން"އިން މިހާތަނަށް ޚަބަރާއި މައުލުމާތު އާންމު ރައްޔިތުންނާއި ހަމައަށް ގެނެސް ދީފައިވަނީ އިސްވެ ދެންނެވުނު ހުދޫދުގެ ތެރޭގައެވެ. އިސްލާމްދީނުގެ އެއްވެސް އަސާސްއަކާއި ޚިލާފްނުވާނޭ ގޮތުގެ މަތިންނެވެ.
އެހެންނަމަވެސް, މި އުސޫލުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން މިނޫހުން ކުރަމުންދަނިކޮށް, މި ނޫސް ބްލޮކްކޮށް, ކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމް) މެދުވެރިކޮށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފައްޓަވާ, ރައީސް މުއިއްޒުގެ ޢައިރު ގާނޫނީ އަމުރު ތަންފީޒު ކޮށްފައިވަނީ ސިޓީތަކާއި އިދާރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފުއެވެ.
އާދަމް ޝަރީފްއަކީ ރައީސް ޔާމިންގެ ވެރިކަމުގައިވެސް, ސިފައިންގެ މައްޗަށް ޢައިރި ގާނޫނީ އަމުރު ތަންފީޒު ކޮށްފައިވާ, ރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފު އެތައް އަމަލެއް ހިންގަވާފައިވާ ވަޒީރެކެވެ. އޭނާއަކީ ރައީސް ޔާމިންގެ ވެރިކަމުގައި ދިފާއީ ވަޒީރުކަމުގައި ހުންނަވައިގެން, ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ދަތްދޮޅި ދުއްވާލާނެކަމުގެ އިންޒާރު ދިން ވަޒީރެކެވެ.
މިއަދު އޭނާ ފޫގަޅުއްވާލައްވާފައިވަނީ އެތައް ބައެއްގެ ގުރުބާނީން ހޯދި ނޫސްވެރިކަމުގެ މިނިވަންކަން މަރާލުމަށެވެ.
އެހެންކަމުން, ރާއްޖޭގެ ނޫސެވެރިކަމުގެ ދެމި އޮތުމަށްޓަކާ, އާދަމް ޝަރީފަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް މި ނޫހުން ގޮވާލަމެވެ.