ޚަބަރު

ޕީއެސްއެމުން އިންތިޒާމުކުރާ މާލޭ މޭޔަރު ބަހުސްގެ ސުވާލުތައް އާޒިމާއަށް އެކަނި ފޯރުކޮށް ދީފި!

ދިޔަވަރު
ޕީއެސްއެމުން އިންތިޒާމުކުރާ މާލޭ މޭޔަރު ބަހުސްގެ ސުވާލުތައް އާޒިމާއަށް އެކަނި ފޯރުކޮށް ދީފި!

މާލެއަށް މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ފަސް ކެނޑިޑޭޓުންނަށް ޢަމާޒުކޮށް ޕީއެސްއެމުން އިންތިޒާމުކުރާ ބަހުސްގެ ސުވާލުތައް, ޕީއެންސީގެ ކަނޑިޑޭޓް އާޒިމާ ޝަކޫރަށް ދުރާލާ ފޯރުކޮށް ދީފައިވާކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަ ނުކުރުމަށް އެދި "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން, ޕީއެސްއެމްގެ އޮފިޝަލަލު ކިޔައިދިން ގޮތުގައި, ޕީއެސްއެމްގެ ބަހުސްގައި ކުރުމަށް ހަމަޖެހިފައިވާ ސުވާލުތައް ސަރުކާރު ކެނޑިޑޭޓަށް ކުރިން ފޯރުކޮށްދީފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބުރާހިމް ޚަލީލްގެ އެންގެވުމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބުރާހިމް ޚަލީލްއަކީ ރައީސް މުއިއްޒުގެ ކޮމިއުނިކޭޝަން ސްޓްރަޓެޖީ އެކުލަވާލުމަށް ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ޑިޕާޓްމަންޓުގެ އެންމެ އިސް ވެރިޔާއެވެ. އާންމުކޮށް ޚަލީލް ތަންފީޒު ކުރައްވަނީ ސީދާ ރައީސް މުއިއްޒުގެ އަމުރުފުޅުތަކެވެ.

އެހެންނަމަވެސް ދާދިފަހުން ބޭއްވުނު ”ކަންގަތި އެވޯޑް 2023“ ދިނުމުގެ ޙަފުލާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަން ހުންނަވަނިކޮށް, ވާހަކަ ދައްކަވަން ބޭނުން ކުރައްވަމުން ގެންދެވި ޓެލެޕްރޮމްޓަރ މައްސަލަޖެހި, ރައީސްގެ ވާހަކަފުޅު ހުއްޓި, އެތައް އިރެއްވަންދެން ޖަލްސާ މެދުކަނޑާލަންޖެހި, ރައީސް ފަޞީހަތްވި މައްސަލާގައި, ޚަލީލްގެ ބަޔާންވަނީ ނަގައިފިއެވެ.

އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ މޭޔަރު އިންތިޚާބުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ 5 ކެނޑިޑޭޓުންނެވެ.

މޭޔަރު އިންތިޚާބުގައި ވާދަކުރައްވަނީ ފަސް ކެނޑިޑޭޓުންނަކީ:

- އައިޝަތު ޢާޒިމާ ޝަކޫރު/ ޕީއެންސީ
- އާދަމް ޢާޒިމް/ އެމްޑީޕީ
- ސައިފް ފާތިހު/ ދަ ޑިމޮކްރެޓްސް
- ޙުސައިން ވަހީދު/ އަމިއްލަ ގޮތުން
- ޝުޢައިބު ޢަލީ/ ޢަމިއްލަ ގޮތުން

ޕީއެސްއެމް މޭޔަރ ބަހުސްގެ ސުވާލުތައް ސަރުކާރު ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ފޯރުކޮށްދީފައިވާއިރު, މި އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމްވަނީ ސަންގު ޓީވީގެ ބަހުސްގައި ބައިވެރި ނުވެފައެވެ.

އާދަމް އާޒިމް ވިދާޅުވެފައިވަނީ ސަންގު ޓިވީއިން އިންތިޒާމްކޮށްގެން ބޭއްވި ބަހުސްގައި އޭނާ ބައިވެރި ނުވެފައިވަނީ މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑާރޭޓަރެއް ބަހައްޓައިދިނުމަށް އޭނާ އެދިފައިވުމާއެކުވެސް އެކަމަށް އެއްވެސް އިޖާބައެއް ނުލިބުމުން ކަމުގައެވެ.

ޕީއެސްއެމްއިން ސަރުކާރު ކެނޑިޑޭޓަށް ބަހުސްގެ ސުވާލުތައް ދުރާލާ ފޯރުކޮށްދީފައިވާކަަމަށް އެކުންފުނީގެ މުވައްޒަފަހު ދިން މައުލޫމާތާއި ގުޅިގެން ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިަރަށް ގުޅާލުމުން އޭނާ ފޯނު ނުނަންގަވާތީ އިތުރު މައުލޫމާތު ވަނީ ސާފުވާގޮތް ނުވެފައެވެ.

މާލެއަށް މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ފަސް ކެނޑިޑޭޓުންނަށް ޢަމާޒުކޮށް ޕީއެސްއެމުން އިންތިޒާމުކުރާ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6ވަނަ ދުވަހުއެވެ.