ޚަބަރު

ރައީސް އާއި ނައިބު ރައީސް ފަސްޓުކުލާހުގަ ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވެ, ދައުލަތުގެ ޚަރަދުގަ ނައިބު ރައީސް ފަސްޓު ކުލާހުގަ މޮންޓެނީގްރޯއަށް ފުރާވަޑައިގެންފި

ދިޔަވަރު
ރައީސް އާއި ނައިބު ރައީސް ފަސްޓުކުލާހުގަ ދަތުރު ނުކުރައްވާނެކަމަށް ވިދާޅުވެ, ދައުލަތުގެ ޚަރަދުގަ ނައިބު ރައީސް ފަސްޓު ކުލާހުގަ މޮންޓެނީގްރޯއަށް ފުރާވަޑައިގެންފި

އެމަނިކުފާނާއި އެމަނިކުފާނުގެ ނައިބު ހުސެއިން މުހައްމަދު ލަތީފުވެސް ފަސްޓު ކުލާހުގައި ދަތުރު ނުކުރައްވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނިކޮށް, ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ރާއްޖެއިން ބޭރަށް ކުރެއްވި ދެވަނަ ދަތުރުފުޅުވެސް ފަސްޓު ކުލާހުގަ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އެމިރޭޓްސްގެ ފަސްޓު ކުލާހުގަ މިއަދު ފުރާވަޑައިގަތީ ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހުއެވެ.

”ދިޔަވަރު އޮންލައިން“ އަށް ކަށަވަރު ވެފައިވާ ގޮތުގައި ނާއިބު ރައީސް މިއަދު އެމިރޭޓްސް އެއަރލައިންގެ ފަސްޓު ކުލާހުގަ ދަތުރު ކުރައްވާފައިވަނީ ދައުލަތުގެ ޚަރަދުގައެވެ. އެމިރޭޓްސްގެ ފަސްޓު ކުލާހަކީ ދުނިޔޭގެ އެއަރަލއިންތަކުގެ ތެރެއިން އެންމެ އަގުބޮޑު ކުލާސްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެމިރޭޓްސް އެއަރލައިންގެ ފަސްޓު ކުލާހުގެ ޓިކެޓް އާންމު ގޮތެއްގައި އަގު އުޅެނީ 12 ހާސް އެމެރިކާ ޑޮލަރަށްވުރެ މަތީގައެވެ.

ވެރކަމުގެ ހުވާ ކުރެއްވުމަށްފަހު, ތުރުކީއަށާއި އެމިރޭޓްސްއަށް ކުރެއްވި ދަތުރުފުޅަށްފަހު އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މިމަހުގެ 3 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ދައުލަތުގެ ފައިސާއިން ޚަރަދުކުރެއްވުން ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނާ ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ރައްޔިތުންނަށް ރަނގަޅު ނަފާވަނިވި ކަންތައްތަކެއް ހާސިލުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑު ބޭނުމެއް ނޫން ފަސްޓު ކުލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބުރައީސްވެސް ބޭނުމެއް ނޫން.،“ ރައީސް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނާއިބު ރައީސް އެނބުރި ޜާއްޖެ ވަޑައިގަންނަވާނީވެސް އެމިރޭޓްސް އެއަރލައިންގެ ފަސްޓު ކުލާހުގައެވެ.

ނާއިބު ރައީސްގެ މި ދަތުރުފުޅުގައި، މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންގްރެސް އޮންނާނީ މި ޑިސެންބަރު މަހު 24-26 އަށެވެ.

މި ކޮންގްރެސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިނގިރޭސިބަހުން ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ރާއްޖެއާއި މޮންޓަނީގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 24 ނޮވެންބަރު 2009 ގައެވެ.