ޚަބަރު

ރިޕޯޓު: ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި ބަސް ބުނާކަށް އާޒިމާއަށް ނުކެރުނު! ވޯޓު ދޭންޖެހޭ ސަބަބެއް އެބައޮތްތަ?

ދިޔަވަރު
ރިޕޯޓު: ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި ބަސް ބުނާކަށް އާޒިމާއަށް ނުކެރުނު! ވޯޓު ދޭންޖެހޭ ސަބަބެއް އެބައޮތްތަ?

ނޫސްވެރިކަމުގެ މިނިވަންކަމާއި, ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ދިވެހިން ބަލައިގެންފައިވާ އާ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ވަރަށްވެސް މުހިންމު އަސާސީ ހައްގެކެވެ.

ދިވެހިރާއްޖެ ބަލައިގެންފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް އަސާސްކަމުގައި ޚުދު ގާނޫނު އަސާސީން ކަނޑައަޅާ ދީފައިވާ, ޚިޔާލު ފާޅު ކުުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސްތައް ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އަދި 28 ވަނަ މާއްދާއިންވަނީ ބަޔާން ކޮށްދީފައެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާ:

މިނިވަންކަމާއެކު ފިކުރުކުރުމާއި, އިސްލާމް ދީނުގެ އަސްލަކާ ޚިލާފްނުވާ ގޮތުގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި, ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ.

ގާނޫނު އަސާސީގެ 28 ވަނަ މާއްދާ:

ނޫސްވެރިކަން ކުރުމާއި, މުއާސަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ. މީގެ ތެރޭގައި ޚަބަރާއި, މައުލޫމާތާއި, ފެންނަ ގޮތްތަކާއި, ޚިޔާލުތައް ފާޅު ކުރުމާއި, ޝާޢިއު ކުރުމާއި, ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާޢިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެއެވެ.

މަތީގައި ބަޔާން ކުރެވުނު, ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި އަދި 28 މާއްދާއިންވަނީ ޚިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސްތައް އެކަށައަޅާދީފައެވެ.

”ދިޔަވަރު އޮންލައިން“އިން މިހާތަނަށް ޚަބަރާއި މައުލުމާތު އާންމު ރައްޔިތުންނާއި ހަމައަށް ގެނެސް ދީފައިވަނީ އިސްވެ ދެންނެވުނު ހުދޫދުގެ ތެރޭގައެވެ. އިސްލާމްދީނުގެ އެއްވެސް އަސާސްއަކާއި ޚިލާފްނުވާނޭ ގޮތުގެ މަތިންނެވެ.

އެހެންނަމަވެސް, މި އުސޫލުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން މިނޫހުން ކުރަމުންދަނިކޮށް, މި ނޫސް ބްލޮކްކޮށް, ކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމް) މެދުވެރިކޮށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފައްޓަވާ, ދައުލަތުގެ ވަޒީރުންވަނީ ރައީސް މުއިއްޒުގެ ޢައިރު ގާނޫނީ އަމުރު ތަންފީޒުކޮށް, ދިވެހިރާއްޖޭގައި ތަންމިނަށް ހުޅުވާލެވިފައިއޮތް ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތިކޮށްލުމުގެ މަސައްކަތް ފަށާފައެވެ.

އޭގެ ތެރެގައި އެންމެ އިސްކޮށް ހުންނެވީ, ރައީސް ޔާމިންގެ ވެރިކަމުގައިވެސް, ސިފައިންގެ މައްޗަށް ޢައިރި ގާނޫނީ އަމުރު ތަންފީޒު ކޮށްފައިވާ, ރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފު އެތައް އަމަލެއް ހިންގަވާފައިވާ ވަޒީރެކެވެ. އެއީ  ސިޓީތަކާއި އިދާރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފުއެވެ.

އޭނާއަކީ ރައީސް ޔާމިންގެ ވެރިކަމުގައި ދިފާއީ ވަޒީރުކަމުގައި ހުންނަވައިގެން, ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ދަތްދޮޅި ދުއްވާލާނެކަމުގެ އިންޒާރު ދިން ވަޒީރެކެވެ.

އެތައް ބަޔަކު މިނިވަން ނޫސްވެރިކަމުގެ ހިމާޔަތުގައި!

އެހެންނަމަވެސް ”ދިޔަވަރު އޮންލައިން“އޮންލައިން "ސައިލެންޓު" ކުރުމަށް މި ޚުދުމުޚްތާރު ވެރިކަމުން ފެށި މަސައްކަތްތަކާއި ދެކޮޅަށް, ނޫސްވެރިކަމަށް ލޯބި ކުރާ އެތައްބައެއްގެ އެހީތެރިކަން މި ނޫހަށް ލިބިގެން ގޮސްފައިވާކަން މި ފުރުސަތު ފާހަގަ ކުރަމެވެ. މިރާއްޖޭގެ ޑިމޮކްރަސީގެ ދެމި އޮތުމަށްޓަކާ އެތައްބަޔަކު ކެރިގެން އަޑު އުފުލާފައިވާކަންވެސް އުފަލާއެކު ފާހަގަ ކުރަމެވެ.

އޭގެ ތެރޭގައި މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް އާޒިމްގެ އިތުރުން, ޑިމޮކްރެޓްސްގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުހައްމަދު ސައިފު ފާތިހުގެ އިތުރުން އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ލީޑަރޝިޕްވެސް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ދެކޮޅަށް މި ސަރުކާރުން ދިން ރަހުމްކުޑަ ހަމަލާތަކާއި ދެކޮޅަށް އަޑު އުފުލާފައެވެ.

އެހެންނަމަވެސް, އާ ގާނޫނު އަސާސީން ގެނެސްދިން މި މުހިންމު އަސާސީ ހައްގުގެ ހިމާޔަތުގައި, ސަރުކާރު ކެނޑިޑޭޓުގެ ގޮތުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަމުން ގެންދަވާ އާޒިމާ ޝަކޫރަށް އަޑު އުފުއްލަވަން ކެރިވަޑައި ނުގެންނެވީތީ ހިތާމަ ކުރަމެވެ. ގާނޫނު އަސާސީން ފޯރުކޮށްދިނު މި މުހިންމު އަސާސްގެ ހިމާޔަތުގައި ބަސް ވިދާޅުވާން ކެރިވަޑައި ނުގެން, ޚުދުމުޚްތާރުކަމާއި, އަނިޔާވެރިކަަމަށް ޖާގަދެއްވައިގެން އާޒިމާ ހުންނެވި ހުންނެވުން އަޅުގަޑުމެން ކުށްވެރި ކުރަމެވެ.

އެއީ އަނިޔާވެރި ވެރިކަމަށް އާބަސް ބުނުން ކަމަށްވާތީއެވެ. ދުލާއި ގަލަމުގެ މިނިވަންކަން ނެތިކޮށްލުމަށް ކުރެވޭ ތާއީދަކަށް ވާތީއެވެ.

މިއީ ރައްޔިތުންގެ މައްޗަށް ބަސް ބުނާނޭ މޭޔަރަކު އިންތިޚާބު ކުރުމަށް ރައްޔިތުން ވޯޓު ފޮށިތައް ކައިރިއަށް ނިކުންނައިރު ފުންކޮށް ވިސްނާ ފިކުރުކުރާންޖެހޭ ކަމެއްކަން ޔަގީނެވެ. ޚުދުމުޚްތާރުކަމާއި, އަނިޔާވެރިކަން ވަރިހަމަށްކޮށްގެން, ގާނޫނު އަސާސީން ގެނެސްދިން އަސާސީ ހައްގުތަކުގެ ފޮނިމީރުކަން ނިގުނުޅައިގަތަސް ހެޔޮކަމަށް ހިތާ, އާފިލްކަންމަތީ ހުރި ކެނޑިޑޭޓަކަށް ރައްޔިތުން ވޯޓު ނުދޭށެވެ. ފަހުން ހިތާމަ ކުރަންޖެހިދާނެއެވެ!