ޚަބަރު

އިންޑިއާއިން އެދުމުންވެސް ނާއިޝް ހޯދުމަށް ޑޯނިއަރގެ ބޭނުމެއް ނުކުރި, ބޭނުން ކުރަނީ "ރެސްކިއު އެންޑް ސާރޗު" އޮޕަރޭޝަން ހިންގުމުގެ ގާބިލްކަން ނެތް ކުޑަ ބޯޓެއް!

ދިޔަވަރު
އިންޑިއާއިން އެދުމުންވެސް ނާއިޝް ހޯދުމަށް ޑޯނިއަރގެ ބޭނުމެއް ނުކުރި, ބޭނުން ކުރަނީ "ރެސްކިއު އެންޑް ސާރޗު" އޮޕަރޭޝަން ހިންގުމުގެ ގާބިލްކަން ނެތް ކުޑަ ބޯޓެއް!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް ގެއްލިފައިވާ މުހައްމަދު ނައީޝް ނަސްރު ހޯދުމަށް އެމްއެންޑީއެފްއިން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޮރުކޮށް ދިނުސަރުކާރުން އިންޑިއާގެ އެހީތެރިން ބޮލާލާ ޖަހައިފިއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެމްއެންޑީއެފްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ގެއްލިގެން ހޯދާތާ 4 ދުވަސްވެފައިވާއިރު, އެމަސައްކަތް ކުރަމުންދަނީ އައްޑޫގައި ހިންގާ ފްލައިން ސްކޫލުގައި ބޭނުން ކުރަމުންދާ ކުޑަ މަތިންދާ ބޯޓެއްގެ ބޭނުން ކޮށްގެންނެވެ.

އެންމެ އާދައިގެ އުދުހުންތައް ދަސްކުރުމަށް ބޭނުންކުތާ ސެސްނާ ބްރޭންޑުގެ މި ކުޑަ ބޯޓަކީ "ރެސްކިއު އެންޑް ސާރޗު" އޮޕަރޭޝަން ހިންގުމުގެ ގާބިލްކަން އެއްވެސް ވަރަކަށް ލިބިފައިވާ ބޯޓުތަކެއް ނޫނެވެ. އަދި އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިހާތަނަށް މިބާވަތުގެ އެއްވެސް މަސައްކަތަކަށް ބޭނުންކޮށްފައިވާ ބޯޓުތަކެއް ނޫނެެވެ. އަދި މި ބޯޓުތައް, ނައީޝް ނަސްރު ހޯދުމަށް އުދުހެމުންދަނީ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިޔަށް ގެންދާނެޖެހޭ އުސޫލުން ނޫންކަންވެސް މިހާރުވަނީ ހާމަވެގެން ގޮސްފައެވެ.

އޭގެ ބަދަލުގައި ރާއްޖޭގައި މިހާރުވެސް ބޭނުންކުރެވޭ ހާލަތުގައި އޮތް ޑޯނިއަރ މަތިންދާ ބޯޓަކީ ރާއްޖޭގައި މީގެ ކުރިން ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައާއި އަދި ހާލު ބޮޑު ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ފުޅާ ދާއިރާއެއްގައި ބޭނުން ކޮށްފައިވާ ބޯޓެއްކަންވެސް ފާހަކަ ކޮށްލެވެއެވެ.

ޑޯނިއަރ ބޯޓުތަކަކީ ޑިސްޓްރެސް މޮނިޓަރިންގެ އިތުރުން ސާވައިލަންސްގެ ވަސީލަތްތަކާއި, ކޮމިއުނިކޭޝަން ރާޑަރުތަކުގެ އިތުރުން މެޑިކަން އިވޭކުއޭޝަންއަށް ޚާއްސަ ވަސީލަތްތައް ގާއިމް ކުރެވިފައިވާ ބޯޓެކެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އެމްއެންޑީއެފްގެ އިސް އޮފިޝަލް ވިދާޅުވީ, ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫނަށް އިންޑިއާ އެމްބަސީންވަނީ ތަކުރާރުކޮށް ގުޅުއްވާ, ޑޯނިއަރގެ ބޯޓު މި ރެސްކިއު އޮޕަރޭޝަންގައި ބޭނުން ކުރުމަށް އެދިފައެވެ. އެހެންނަމަވެސް, ޑޯނިއަރ ބޯޓު މި ރެސްކިއު އޮޕްރޭޝަންތަކުގައި ބޭނުންކުރުމަށް މިނިސްޓަރ ޢައްސާން ތަކުރާރުކޮށް ދެކޮޅު ހައްދަވާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ދިވެހި ރައްޔިތެއްގެ ފުރާނައަށް ނުރައްކަލެއް ވެއްޖެނަމަ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ސަލާމަތަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުމަކީ ގާނޫނު އަސާސީން ވަލިއްޔުލްއަމުރުގެ މައްޗަށް މުޡުލަގަށް ލާޒިމް ކޮށްފައި އޮތް ކަމެކެވެ.

އެހެންނަމަވެސް ނައީޝް ނަސްރު ހޯދުމަށް, ރައީސް މުއިއްޒޫ ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ކުރުމަށް ދެކޮޅު ހައްދަވަމުން ގެންދަވާތީ ގިނަބައެއްގެ ފާޑުކިޔުންވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް އަމާޒު ވެފައެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ކަނޑު މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް ހޮނިހިރު ދުވަހު ބަލާފައިވާ ކަމަށެވެ.

އޭނާ ހޯދުމަށް ކުރާ މަސައްކަތަށް މޫސުން ގޯސްވުމުގެ ސަބަބުން ގޮންޖެހުންތައް ދިމާވި ނަމަވެސް ނަައީޝް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.