ނަވާރަ ސަތޭކަ ނުވަދިހައިގެ ކުރީ ކޮޅެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއަކު މަސްދަތުރު ގޮސް އުޅެނިކޮށް މާކަނޑަށް ގެއްލުނެވެ. ދިވެހި ސަރުކާރައިގެ ސަމާލުކަމަށް މިކަން އައެވެ. މިހާރެކޭ އެއްފަދައިން ރާއްޖޭގައި ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގުމުގެ ޤާބިލު ކަމެއް އޭރަކުވެސް ނެތެވެ. ރާއްޖެއާއި ބޭރު ޤައުމުތަކާއި އޮތް ގުޅުން އެޒަމާނު ވަރަށް ކުޑައެވެ. އޭރުގެ ރައީސް މައުމޫނުގެ ސަރުކާރުން ބެހިގެން އޮޔާދާ މީހާގެ ފުރާނަ ސަލާމަތް ކުރުމަށް އެދިވަޑައިގަތީ ކައިރީގައި އޮތް ފޯޅަވަހީގައި ތިބި އެމެރިކާ ސިފައިންގެ ކިބައިންނެވެ. އެމެރިކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނީ ވަގުތުންނެވެ. އެމެރިކާ ސިފައިންގެ އަތުގައި ރާއްޖޭގައި ކަނޑުގެ ސަރަހައްދުގެ އޮއެ ދަތުރު ކުރާ މިސްރާބު އެނގޭނޭހެން ރިޕޯޓް ހުއްޓެވެ. އޮއެވަރުގެ ބާރު މިން ދެނެގަނެވިފައި ހުއްޓެވެ. މި މައުލޫމާތުގެ އެހީގައި އެމެރިކާގެ ހާއްސަ މަތިންދާ ބޯޓަކުން، ގެއްލުނު މީހާ އާއި އޭނާގެ ރައްޓެހިން އެ ކުޑަ ބޮއްކުރާގައި ތިއްބައި ސަލާމަތުން ހޯދައިގެން މާލެ ގެނެވުނެވެ. މިއީ އޭރުގެ ޚަބަރުތަކުގައި މި ހާދިސާ ގެނެސްދީފައިވާ ގޮތެވެ. ޤައުމިއްޔަތުގެ ނަމުގައި ރައީސް މައުމޫނެއް ބޭރުގެ އެހީއަށް އެދިވަޑައި ނުގަނެ، ދިވެހިންތަކަށް ކަނޑަށް ޣަރަގުވެގެން ދިޔުމަކަށް ދޫކޮށް ނުލެއްވިއެވެ.
މިހާރު ވެރިކަމުގައި ހުރީ މުއިއްޒެވެ. ޤައުމިއްޔަތުގެ ބަދަލުގައި، މުއިއްޒު ދިރުވަނީ ހައްދުފަހަނަ އެޅި ޤައުމިއްޔަތެވެ. ހައްދުފަހަނައެޅި ކަނައަތު ފިޔާގެ ސިޔާސީ ހަރަކާތްތަކެވެ. ޕީޕީއެމް ސަރުކާރުން ރައީސް ޔާމީން އިންޑިޔާ ސިފައިންނާއި، ޑޯނިއާރ ރާއްޖެ ގެނައީ މިފަދަ އެމަޖެންސީ ހާލަތްތަކުގައި ދިވެހިންގެ ފުރާނަ ސަލާމަތް ކުރުމަށެވެ. ޑޯނިޔާރ އަށް 3 ފަހަރު މަތިން އާދޭސް ކޮށްގެން އިންޑިޔާއަތުން ހޯދީ އެހެންވެއެވެ. ދިވެހި ލޭހިނގާ، ދިވެހި ޤައުމިއްޔަތުގެ ކުޑަވެސް ފިކުރު ހުރި، ދިވެހި ދިދަ ދެކެ ކުޑަވެސް ކުލުނެއް ހުރި ވެރިއަކު އެމެޖެންސީގައި ދިވެއްސަކު މަރުވެ ދިޔުމަކަށް ދޫކޮށް ނުލާނެއެވެ.
އައްޑޫ ރައްޔިތަކުގެ ކަނޑަށް ބެހިގެން ދިޔުމުން، މުއިއްޒު ހެއްދެވީ ސިޔާސީ ހެޑްލައިނެކެވެ. އިންޑިޔާ ސިފައިންނާއި ނުލައި، ޑޯނިއަރ ބޭނުން ނުކޮށް ސާރޗް އެންޑް ރެސްކިއު މަސައްކަތް ފެށި ވާހަކައެވެ. މީހުންގެ ފުރާނަ އަކީ ސިޔަސީ ޕޮއިންޓް ހޯދަން ޖުވާ ކުޅެން އޮނަނަ އެއްޗެއް ނޫނެވެ. ފެނިގެން މިދަނީ ހައްދުފަހަނައެޅި ޤައުމިއްޔަތަށްޓަކައި، ކުޑަކުއްޖެއް ކަނޑުގައި އޮޔާ ދާން ދޫކޮށްލިތަނެވެ! މުއިއްޒުގެ ހައްދުފަހަނައެޅި ޤައުމިއްޔަތަށް ޓަކައި، ދިވެހި ޒުވާން ދަރިއެއްގެ ފުރާނަ ޤުރުބާން ކޮށްލިތަނެވެ! މިއީ ދިވެހި ލޭހިނގާ، ދިވެހި ޤައުމިއްޔަތުގެ ވިންދުހުރި އެއްވެސް އިންސާނަކު ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ. މިއީ ހައްދުފަހަނައަޅި ޤައުމިއްޔަތެވެ. މީގައި ގެއްލި ދާނީ ދިވެހިންގެ ފުރާނައެވެ. ޤުރުބާން ކުރާނީ ދިވެހި މައުސޫމު ދަރިންގެ ލެއެވެ. މިއީ އަނިޔާވެރިކަން އޭގެ ހައްދުން ނެއްޓި ދާ ގޮތެވެ.
އެ ދަރިފުޅުގެ މައިމީހާގެ ލޮލުން ކަރުނަ ހިލައެވެ. އެ ދަރިފުޅުގެ ބައްޕަގެ ލަގޮޑިއަށް ތަދުވެއެވެ. ޓްރެއިނިންގ ސްކޫލެއްގައި ބޭނުންކުރާ ކުޑަ މަތިންދާ ބޯޓެއް އުދުއްސައި އެ ކުއްޖާ ހޯދާ ކަމަށް ދެއްކީ، ކަރުނަ އަޅަމުންދާ އާއިލާއާއި، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށެވެ. ހިތާމާގައި ތިބި އާއިލާއަށް އޮޅުވާލީއެވެ. އައްޑޫ ދަރިއެއް ކަނޑަށް ގެބިގެން ދިޔުމަށް ދޫކޮށްލީއެވެ. ސަރުކާރުން ރައްޔިތުންނަށްޓަކައި އޮތް ކުލުނެއް ހާމަ ކުރަންވީ ވަގުތު، ހާމަވެގެން ދިޔައީ މުއިއްޒުގެ ނުބައި ސޫރައެވެ.
ޓްރެއިނިންގ ސެންޓަރުން ބޭނުން ކުރި، ބޯޓަކީ އެކަމަށް އެއްވެސް ވަރަކަށް ޤާބިލު ބޯޓެއް ނޫނެވެ. އެ ބޯޓް އޮޕަރޭޓްކޮށް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެކަމަށް އެއްވެސް ވަރަކަށް ޤާބިލު ބައެއް ނޫންކަންވެސް މިހާރު ވަނީ ހާމަވެފައެވެ. ގެއްލުނު ފަރާތް ހޯދުމަށް ދުއްވާފައި ވަނީ، މީހުން ހޯދުމަށް އެމަޖެންސީގައި ދުއްވަން އޮންނަ ގޮތަށް ނޫން ކަން ހާމަވީ، ރެސްކިޔު މިޝަންގައި ދުއްވި ގޮތް ދައްކުވައިދޭހެން މޯލްޑިވްސް އޭވިއޭޝަން އެކަޑަމީއިން ކުރި ޓްވީޓުންނެވެ.


މިކަމާއި އާންމުގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެ، ފުރާނަ ސަލާމަތް ކުރުމަށް ޑޯނިއަރ ބޭނުން ކުރުމަށް އެތައް ހާސް ބަޔަކު X ގައި ސަރުކާރަށް ގޮވަން ފެށުމުން، އެމްއެންޑީއެފް އިން އެއަށް ދިން ރައްދަކީ، ފޭކް ހަބަރު ނުފެތުރުމަށް ބުނެ ކުރި ވީޑިޔޯ ޓްވީޓެކެވެ. ހައްދުފަހަނައެޅި ޤައުމިއްޔަތަށްޓަކައި، މީހެއްގެ ފުރާނަ ދުއްވާލައިގެން އައްޑޫ ރައްޔިތުންނެއް މަޑަކުން ނުތިބޭނެއެވެ. ދިވެހި ރައްޔިތުންގެ ލެއާއި، ހަޤީގީ ގައުމިއްޔަތުގެ ރޫހު ފިލާ ނުދާނެއެވެ. އިހްމާލު ފޮރުވައި، ރައްޔިތުންގެ ދޫ ބަންދު ކުރުމަށްޓަކައި، ހަޤީގަތަށް ދައްކާ ކޮންމެ ވާހަކައެއް ފޭކް ވާހަކައަކަށްވެސް ނެހެދޭނެއެވެ.
ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އިނަރ މޯލްޑިވިސްގެ ވެރިޔާ މުހައްމަދު ފިރާގު އައްޑޫގައި ހުންނަވައި ވިދާޅުވީ، ޓްރެއިނިންގައި ބޭނުން ކުރާ ބޯޓުތަކާއި ރެސްކިއު އަށް ބޭނުން ކުރާ ހާއްސަ ބޮޓުތަކާއި ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. މި ގޮތުން، މީހުން ހޯދުމަށް ހާއްސަ ކޮށް ތައްޔާރު ކޮށްފައި ހުންނަ ބޯޓުތަކުގައި، ހާއްސަ ޖީޕީއެސް އާއި، ރާޑަރު ސިސްޓަމް ތަކާއި، ނައިޓް ވިޝަން ޓެކްނޮލަޖީ އާއި، އެމެޖެންސީ މިފަދަ ހާލަތްތަކަށް ބޭނުންވާ ވަސީލަތްތައް ހުންނާނެ ކަމަށާއި، އެ ނެތުމަކީ މި 2 ދުވަހު ހިންގި އޮޕަރޭޝަންގައި ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށް ހާމަ ކުރެއްވިއެވެ. ސަރުކަރަށް ސަޕޯޓްކޮށް، މި ސަރުކާރު ގެނައުމަށް އިސްކޮށް މަސައްކަތް ކުރި، ފަރާތަކަށް ސަރުކާރުން މި ކުއްޖާ ހޯދުމުގައި މި ވަމުންދާ އިހުމާލު ބަޔާން ކޮށްދެވޭނީ މިހާކަށް ވަރަށެވެ.
ރާއްޖޭގެ ކަނޑުގެ އޮއެ ދައުރުވާ ގޮތާއި، ދައުރުވާ ބާރު މިން، މެޓް އިން ބަލަހައްޓައެވެ. މެޓުން އައްޑު އަތޮޅުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 23 ޓައިޑް ގޭޖާއި ބޯއީ ހަރުކޮށްފައި އެބަހުއްޓެވެ. މިއިން އެއްކުރާ މައުލޫމާތު ބޭނުންކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުގައި އޮއެވަރުގެ މިސްރާބާއި ސްޕީޑް ދައްކުވައިދޭ ޗާޓްތައް މެޓުން އުފައްދައެވެ. މި މައުލޫމާތަކީ ސާޗް އެންޑް ރެސްކިއު އަށް ބޭނުންކުރަން ޖެހޭ މައުލޫމާތެކެވެ. ނަމަވެސް މި ކުއްޖާ ހޯދުމުގައި މި މައުލޫމާތުތައް ބޭނުން ކުރަމުންދާކަމެއް ދިޔަވަރު އޮންލައިނަށް ވަނީ ކަށަވަރު ނުކުރެވިފައެވެ.
ފާއިތުވި 5 އަހަރު 500 އަށްވުރެ ގިނަ، ފަރާތްތަކުގެ ފުރާނަ ސަލާމަތް ކުރުމަށް އިންޑިޔާ ސިފައިންގެ އެހީގައި ޑޯނިޔާއިން ވަނީ އެހީތެރިވެ ދީފައެވެ. ކުރިއަށް އޮތް ފަސް އަހަރު، މުއިއްޒުގެ ހައްދުފަހަނައެޅި ޤައުމިއްޔަތަށްޓަކައި 500 އެތައް ދިވެހިންނަކަށް އެމަޖެންސީގައި ފަރުވާ ނުދެވި، ފުރާނަ ގެއްލިގެން ދިޔުމަކީ މިކަން ހިނގާނެ ގޮތް ކަމަށް ފެނެއެވެ. ފާއިތުވި ފަސް އަހަރު ކަނޑުގައި ގެއްލުނު މީހުން ހޯދުމަށް ރާއްޖެ ވަނީ ޑޯނިޔާ ބޭނުންކޮށް ކާމިޔާބު އެތައް މިޝަން އެއް ހިންގާފައެވެ. މޫދަށް ގެއްލުނު މީހުންގެ ތެރެއިން %80 މީހުން ކާމިޔާބު ކަމާއި އެކު، ޑޯނިޔާގެ އެހީގައި ހޯދާފައިވާކަމަށް ސަރުކާރުން 2022 ވަނަ އަހަރާއި ހަމައަށް ހާމަ ކޮށްފައިވާ މައުލޫމާތު ތަކުން އެނގެއެވެ. ނަމަވެސް މިއަދު މުއިއްޒު 70 ހެކްޓަރުގެ ފުޅާ ޤައުމިއްޔަތުގެ ފަލަ ރަތް ރޮނގު ވަނީ ގެއްލުނު ކުއްޖާ ހޯދުމަށް ހުރަސް އަޅާފައެވެ.