ޚަބަރު

ސަރުކާރަށް މަހެއް ފުރުނުއިރު ފެންނަމުން މިދަނީ ނޫސްތައް ބްލޮކްކޮށް، ޤައުމު ނުބައި މިސްރާބަކަށް ދާ މަންޒަރު: ނިޔާޒް

ދިޔަވަރު
ސަރުކާރަށް މަހެއް ފުރުނުއިރު ފެންނަމުން މިދަނީ ނޫސްތައް ބްލޮކްކޮށް، ޤައުމު ނުބައި މިސްރާބަކަށް ދާ މަންޒަރު: ނިޔާޒް

ސަރުކާރުން ދިޔަވަރު ބްލޮކް ކުރުމާއި ގުޅިގެން މެންބަރު އަލީ ނިޔާޒު ވިދާޅުވީ، ސަރުކާރަށް މަހެއް ފުރުނުއިރު ފެންނަމުން މިދަނީ ޤައުމު ނުބައި މިސްރާބަކަށް ދާ މަންޒަރު ކަމަށެވެ. މި ޒަމާނުގައި ރަޖިސްޓްރީނުކޮށް ވެސް މީޑިއާ ހިންގޭކަން އެއީ ފެންނަން އޮތް ހަގީގަތެއްކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު އިތުރަށް ކިޔައި ދެމުން ވިދާޅުވިއެވެ.

ރާއްޖޭގެ މަޝްހޫރު ނޫހަކާއި ވާހަކަ ދައްކަވަމުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، ނޫސްތައް ބްލޮކްކޮށްލުމަކީ ކަނޑައެޅިގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް މި ސަރުކާރުން ކުރި ކަމެއް ކަމަށެވެ.

ސަރުކާރުން ބްލޮކްކޮށްފައިވަނީ ސަރުކާރާ ގުޅޭގޮތުން އެކި ލިއުންތައް ޝާއިއުކުރާ ވެބްސައިޓެއްކަމަށްވާއިރު، ހިޔާލު ފާޅުކުރުމަކީ ރަޖިސްޓްރީކޮށްގެން ކުރަން އޮންނަ ކަމެއް ނޫންކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ބަލާއިރު، "މީޑިއާ" ކަމަށް ޤާނޫނުގައި ބުނެފައިވަނީ ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހުނޫސްތަކަށާއި، ހަފްތާނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކަށާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައިރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށްމަޢުލޫމާތާއި، ޚަބަރާއި، ޚިޔާލާއި، އިޝްތިހާރު، ޢާންމުކޮށް ފެތުރުމަށްޓަކައި ގަންނަންލިބޭގޮތަށް، ނުވަތަ އަގަކާނުލައި ލިބޭގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށް ޝާއިޢުކުރެވޭ ޝާއިޢުކުރުންތަކަށްކަން މީޑިއާ ކައުންސިލުގެ ޤާނޫނުގައި ވެސް ބަޔާންކޮށްފައިވެއެވެ.

ނިޔާޒު ވެސް ވަނީ މި ޒަމާނުގައި ރަޖިސްޓްރީ ނުކޮށްވެސް މީޑިއާ ހިންގޭކަން އެއީ ފެންނަން އޮތް ހަގީގަތެއްކަމަށް ވިދާޅުވެފައެވެ. އެއީ ވަކި ފާހެއް އޮވެގެން ކުރެވޭ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ އެމްޑީޕީން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ދައްކަމުންދިޔަ ވާހަކަތަކެއް ކަމަށާއި، އޭރު ކީ ގޮތަށް މިއަދު ޤައުމުގެ ޙާލަތު ބަދަލުވަމުންދާކަމަށް ނިޔާޒު ވިދާޅުވިއެވެ.

ރާއްޖޭގައި ޚަބަރު ފެތުރުމުގައި ހަރަކާތްތެރިވާ "ކުރުސީ.ކޮމް" އަދި "ދިޔަވަރު.ކޮމް" ބްލޮކް ކުރުމާ ގުޅިގެން އާންމުންނާ ކުރީގެ ސަރުކާރުތަކުގެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުންގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެގޮތުން އެކަން ހިނގުމާއެކު ރައީސް އޮފީހުން ވަނީ އެކަން ތަކުރާރުކޮށް ދިފާއުކޮށްފައެވެ.