ސަރުކާރުން ސިޔާސީ ބޭނުމަކަށްޓަކައި، ސާރޗް އެންޑް ރެސްކިއު ގައި، އެކަމަށް އެކަށީގެން ނުވާ ކުޑަ ކަޑަ ޓްރެއިނިންގ އެއަރކްރާފްޓެއް ބޭނުންކޮށް، ސާރޗް އެންޑް ރެސްކިއުގެ ޕްރޮޓޮކޯލް އާއި ޚިލާފަށް ކަނޑުގެ ސަރަހައްދު ހޯދުމަށް ވެފައިވާ އިހުމާލުގެ ސަބަބުން އައްޑޫއަށް ނިސްބަތްވާ މުހައްމަދު ނަޢީޝް ވަނީ އަދިވެސް ނުފެނިއެވެ. ރާއްޖޭގައި ޕީޕީއެމް ސަރުކާރުން ގެނެސްފައިވާ ޑޯނިޔާއާއި، އެ ބޭނުން ކުރަން ޓްރެއިން ވެފައިވާ އިންޑިޔާ ސިފައިން ތިބެމެ، މުއިއްޒު ހިންގާ ހައްދުފަހަނައެޅި، ޤައުމިއްޔަތުގެ ޕްރޮޕަގަންޑާއަށް ލޮޅުން އަރާފާނެ ކަމަށް ބަލައި، އައްޑޫއަށް ނިސްބަތްވާ ދަރިއަކު ކަނޑުވާން ދޫކޮށްލި ދޫކޮށްލުމަކީ ޤައުމީ މައްސަލައެކެވެ. އަދި މިއީ މިކަމަށް މުއިއްޒު އާއި، ޤައްސާނު ޒިންމާ ކުރުވަންޖެހޭ ކަމެކެވެ. މުއިއްޒުގެ ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ސިޔާސީ ހަރަކާތަށް ވާގިވުމަށް މާދަމާ ޤުރުބާން ކުރާނީ ތިއިން އެމްޕީއެއްގެ ތިމާގެ މީހަކަށް ވުމަކީ ދުރު ކަމެއް ނޫނެވެ.
ރާއްޖޭގެ ދުވަހު ނޫހެއް ކަމަށްވާ، އަދަދު ނޫހުން، އެމްއެންޑީއެފްގެ އަރިހުން، ޑޯނިޔާ ބޭނުން ނުކުރަނީ ކީއްވެތޯ ސުވާލު ކުރުމުން، ތިއަށް ދޭނެ ޖަވާބެއް ނެތްކަމަށް ވިދާޅުވި އިރު، އެ ވިދާޅުވަނީ ކިހާ ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށް ސަރުކާރަށް ކުޑަކޮށްވެސް އިހްސާސް ނުކުރެވުމަކީ ރައްޔިތުންގެ މަޖިލީހުންނާއި، ހިއުމަން ރައިޓުސް ކޮމިޝަނުން ތެދުވާންޖެހޭ ސަބަބެކެވެ. ރައްޔިތުންނަށް ފޮރުވާނެ ކަމެއް ނެތްކަމަށް ބުނެ، މީހެއްގެ ފުރާނަ ގެއްލިގެން ދާއިރު ސަރުކާރުން ދޭން ޖަވާބެއް ނެތުމަކީ އިހްމާލުގެ މައްޗަށް އިހްމާލުވުމެވެ.
މިކަމާއި ދެކޮޅަށް އައްޑޫގެ ލޮބުވެތި ރައްޔިތުން ތެދުވާން ޖެހެއެވެ. މުއިއްޒުގެ ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ހައްޤުގައި އެންމެ ފުރަތަމަ ޤުރުބާން ކޮށްލަމުން މިދަނީ އައްޑޫ ދަރިއެކެވެ. އަނިޔާވެރިކަމުގެ ކުރިމަތީ ހިމޭނުން ތިބުމަކީ ހަމަ އަނިޔާވެރި ވުމެވެ.