ފައިލޭރިއާ ފެނުނުތާ 10 ދުވަސް ވީއިރުވެސް، ސަލާމަތް ވުމަށް އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅު ކަމުގައިވާ މަދިރި މަދު ކުރުމަށް އެންމެ ރަށެއްގައިވެސް ސަރުކާރުން މަދިރި ބޭސް ޖަހާފައި ނުވެއެވެ. ފުރަތަމަ ދުވަހުން ފެށިގެން މަދިރި ބޭސް، ރަށްތަކަށާއި، ހުޅުމާލެ އާއި، މާލޭގެ ސަރަހައްދުތަކަށް ޖަހައި، މަދިރި ނައްތާލުމަށް ފެން އުފެދޭ ތަންތަން ބަލައި، ސަރަކާރުން ކުރަންޖެހޭ މަސައްކަތް ތަކެއް ކުރިނަމަ، މިއަދު މި ވަބާ ހުޅުމާލެ އަށް ފެތުރިގެން ނުދާނެއެވެ. މި ބަލި ފެތުރެނީ ރާއްޖޭގައި އާންމުކޮށް އުޅޭ މަދިރީގެ ވައްތަރެއް ކަމުގައިވާ ކިއުލެކްސްގެ ޒަރިއްޔާއިން ކަމަށް ވާއިރު މިކަމުގައި ސަރުކާރުން ވަނީ ބޮޑުތަނުން ހިމާލުވެފައެވެ. އަދި ކުރީގެ ހުރިހާ ސަރުކާރަކުން ވެސް މިފަދަ ބައެއްޔެއްގެ އަލާމަތެއްް ފެނިއްޖެނަމަ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ވެއެވެ.
ކުޅުދުއްފުށިން މައުލޫމާތު ދިން ފަރާތަކުން ހާމަ ކުރި ގޮތުގައި ކުޅުދުއްފުށިން މިބަލި ފެތުރިގެން އާންމުވެގެން 25 މީހުންނަށް ޖެހި، މުޅި ރަށް ބިރުވެރިކަމެއްގެ ތެރެއަށް ދިޔުމުން، އެރަށު ރައްޔިތުން ސަރުކާރަށް އެދުމުންވެސް، އަޅާ ނުލިކަމަށް ކުޅުދުއްފުށިން މައުލޫމާތު ދެއެވެ.

ރާއްޖެ އަޅުވެތި ކޮށްގެން ތިބި އިނގިރޭސީންވެސް، ފައިލޭރިއާއިން ސަލާމަތްވުމަށް ރާއްޖޭގެ ރަށްތަކުގައި މަދިރި ބޭސް ޖަހައިދިނެވެ. ނަމަވެސް ޤައުމިއްޔަތޭ ކިޔައިގެން ވެރިކަމަށް އައި ފަރާތްތަކަށް 10 ދުވަސް ވީއިރު މިވަރު ވެސް ނުވުމަކީ ޤައުމާއި މެދު ކުޑަވެސް ކުލުނެއް ނެތް ކަމުގެ ސާފު ހެއްކެކެވެ.
ރައްޔިތުން އަމިއްލައަށް މަދިރި ލޯޝަން ބޭނުން ކުރުމާއި، ކޮންމެހެން ބޭނުން ޖެހިގެން ނޫނީ މިދުވަސްވަރު ބޭރަށް ނުދިއުމާއި، ބޭރަށް ދާނަމަ ނިވާކަންބޮޑު ހެދުލުމާއި، ގޭތެރޭ މަދިރި ދުންދަނޑި ބޭނުން ކުރުމަށް ދިޔަވަރުން އިލްތިމާސް ކުރަމެވެ. މި ސަރުކާރުން ބުރަކޮށް މަސައްކަތް ކުރަނީ، ވައްކަން ކޮށްގެން މަޖިލީސް އިންތިހާބަށް ލާރި ހޯދުމަށެވެ. ރައްޔިތުންނާއި މެދު މާބޮޑު ފަރުވާލެއް ހުރިތަނެއް ނުފެނެއެވެ.
ފައިލޭރިއާ ބައްޔަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ، ގައިންގަޔަށް އަރާ ބައްޔެކެވެ. މަދިރިން ގަޔަށް އަރާ ކުދި ފަނި ނުވަތަ ޕެރަސައިޓްސްގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. މި އިންފެކްޝަންގެ ސަބަބުން ހަށިގަނޑުގެ ލިމްފަޓިކް ނިޒާމަށް އަސަރުކުރެ އެވެ.