ޚަބަރު

ނޫސްވެރިކަމަށް ހުރަސް އެޅުމަށްޓަކައި، ނޫސް ރަޖިސްޓްރީކުރުން ސަރުކާރުން ހުއްޓާލައިފި!

ދިޔަވަރު
ނޫސްވެރިކަމަށް ހުރަސް އެޅުމަށްޓަކައި، ނޫސް ރަޖިސްޓްރީކުރުން ސަރުކާރުން ހުއްޓާލައިފި!

ނޫސް މަޖައްލާ ރަޖިސްޓްރީކުރުން ވަގުތީގޮތުން ހުއްޓާލަފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ.

ޔޫތް މިނިސްޓްރީން ނޫސް މަޖައްލާ ރަޖިސްޓްރީކުރުން ހުއްޓާލާފައިވާ ކަމަށް ބުނެފައިވަނީ، އެތަނަށް އޮންލައިން ނޫހެއް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުން، އެ މިނިސްޓްރީން ވާހަކަ ދެއްކެވި މުވައްޒަފެކެވެ.

ސަރުކާރުން ނޫސް ރަޖިސްޓްރީ ކުރުން ހުއްޓާލި އިރު، ދިޔަވަރު ނޫސް ވަނީ ރަޖިސްޓްރީ ނުކުރާ ކަމަށް ބުނެ ނުވަދެވޭ ގޮތް ހަދާފައެވެ.

އައު ސަރުކާރުން ވަނީ އައު މިނިސްޓްރީ ތަކެއް އުފައްދާ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތުގެ އޮނިގަނޑަށް ބަދަލުތަކެއް ވެސް ގެނެސްފައެވެ. އެގޮތުން ކުރިން ހޯމް މިނިސްޓްރީގެ ދަށުން ކުރަމުން އައި ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީކުރުމުގެ މަސައްކަތް ވަނީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ދަށަށް ބަދަލުކޮށްފައެވެ.

އަލަށް އޮންލައިން ނޫހެއް ރަޖިސްޓްރީކުރުމަށް ޔޫތް މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީއަށް ގުޅުމުން، އެ މިނިސްޓްރީން ބުނެފައިވަނީ އަލަށް އޮންލައިން ނޫސް ރަޖިސްޓްރީކުރަން ހުށަހަޅާ ފޯމް ނެތް ކަމަށެވެ. އަދި އެ ފޯމް ތައްޔާރު ކުރެވޭނީ އެޓަރނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށާއި، އެ ފޯމް ތައްޔާރުކޮށް ގެޒެޓް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު، އަދި އެ ފޯމްގެ މަސައްކަތެއް ނުކުރާ ކަމަށާއި، ފޯމް ތައްޔާރުކުރަން އޭޖީގެ ލަފާ ނުލިބޭ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ކުރިން ހޯމް މިނިސްޓްރީއަށް ހުށަހަޅަމުން އައި ފޯމްތައް އެ މިނިސްޓްރީން ބަލައި ނުގަންނާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ފޯމް ތައްޔާރު ނުވެ އޭޖީގެ ޖަވާބެއް އެކަމަށް ނުލިބޭތީ ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީކުރުން ހުއްޓާލީތޯ ސުވާލުކުރުމުން މިނިސްޓްރީން ބުނެފައިވަނީ އެ މަސައްކަތް އޮތީ ވަގުތީގޮތުން ހުއްޓާލާފައި ކަމަށެވެ.

ދިޔަވަރު އޮންލައިނަށް މައުލޫމާތު ލިބޭ ގޮތުގައި ކުރިއަށް އޮތަތާގައި ރާއްޖޭގައި ނޫސް ރަޖިސްޓްރީ ކުރުމަކީ ނުކުރެވޭ ވަރުގެ ކަމަކަށް ހެދުމަށް ފޯމަށް ބަދަލުތައް ގެނައުމަށް މުއިއްޒު ވަނީ، އަސްވާޑަށް އަންގާފައެވެ. އަދި އެގޮތުގެ މަތިން އަސްވާޑު ވަނީ އޭޖީ އާއި ކުރެވުނު މަޝްވަރާގައި އޭޖީގެ އެކަމުގައި ޤާނޫނީ އެހީތެރިކަމަށް އޭޖީގެ ފަރާތުން އެދިފައެެވެ.

އަދި މިކަމާއި ގުޅިގެން، ކަންބޮޑުވުން ފާޅުކޮށް ޔޫތް މިނިސްޓަރަށް ބައެއް ފަރާތްތަކުން މެސެޖްކުރުމުން ވެސް މިނިސްޓަރު އެކަމަށް ޖަވާބެއް ނުދެއްވާ ކަމަށް ވެސް ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ދަށަށް ބަދަލުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާ ތަރައްޤީކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، އެދާއިރާތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމާއި، ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީކުރުން އަދި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް، އެ ދަފްތަރު ބެލެހެއްޓުން ހިމެނެއެވެ.

ފަހަކަށް އައިސް ބަރަހަނާ ސައިޓްތައް ބްލޮކްކުރުމުގެ ނަމުގައި ސަރުކާރުން އަންނަނީ ސަރުކާރަށް ފާޑުކިޔާ ލިޔުންތައް ޝާއިޢުކުރަމުން އަންނަ ނޫސްތައް ބްލޮކް ކުރަމުންނެވެ. އެގޮތުން އޮންލައިން 3 ނޫހެއް މިހާތަނަށް އައި އިރު ސަރުކާރުން ބްލޮކްކޮށްފައިވާ އިރު، އާންމުންގެ ފާޑުކިއުންތަކާއެކު 1 ނޫހަށް ވަދެވޭ ގޮތް ވަނީ ހަދާފައެވެ. ބްލޮކް ކުރި ނޫސްތަކުގެ ތެރޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ވެސް ހިމެނެއެވެ.