ޚަބަރު

ފުށިދިއްގަރު ފަޅު ހިއްކަން ގަވާއިދާއި ޚިލާފަށް ވެލި ނަގަމުން ދަނީ ގިރާވަރު ޕްރޮޖެކްޓުން! ދައުލަތުގެ ވަސީލަތްތައް ދަނީ ނަހަމަ ގޮތުގައި ބޭނުން ކުރަމުން!

ދިޔަވަރު
ފުށިދިއްގަރު ފަޅު ހިއްކަން ގަވާއިދާއި ޚިލާފަށް ވެލި ނަގަމުން ދަނީ ގިރާވަރު ޕްރޮޖެކްޓުން! ދައުލަތުގެ ވަސީލަތްތައް ދަނީ ނަހަމަ ގޮތުގައި ބޭނުން ކުރަމުން!

7,534,737.3 ސްކެއަރ ފީޓްގެ 51 ބިލިއަން ރުފިޔާގެ ބިން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ދޭގޮތަށް ފަށާފައިވާ ފުށިދިއްގަރު ފަޅުގެ މަސައްކަތް ކުރިއަށް ގެންދަމުން ދަނީ ޤަވާއިދާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަމަށް ދިޔަވަރު އަށް މައުލޫމާތު ލިބިއްޖެއެވެ. ޕްރޮޖެކްޓަށް ބޭނުންވާ ވެލި، ކުރީ ސަރުކާރުން ފަށައިފާ ގިރާވަރު ޕްރޮޖެކްޓް ހިއްކުމަށް ނަގާފައިވާ ވެލި ނަގައި، ސަރުކާރުން ދަނީ އެ ވެލި ޤަވާއިދާއި ޚިލާފަށް ފުށިދިއްގަރުފަޅު ހިއްކުމަށް ބޭނުން ކުރަމުންނެވެ. އަދި ޕްރޮޖެކްޓްގެ މަސައްކަތަށް ބޭނުން ކުރަމުންދަނީ އެމްޓީސީސީ އިން ކުއްޔަށް ހިފާފައިވާ، އުޅަނދު ފަހަރާއި ތަކެއްޗެވެ. މި ޕްރޮޖެކްޓް ލަންކާ ކުންފުންޏަކާއި ހަވާލު ކޮށްފައި ވިއަސް، އެކުންފުނިން ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް އަދި ނުކުރާ ކަމަށާއި، ޕްރޮޖެކްޓަށް އެކުންފުނިން މޯބަލައިޒް ވެފައި ނުވާކަން ވަނީ ދިޔަވަރަށް ހާމަ ވެފައެވެ.

މިކަމުގެ ސަބަބުން ނުކުމެދާނެ ބައެއް ޤާނޫނީ މައްސަލަތައް:

  1. ޕްރޮޖެކްގެ ވަކި ހިސާބުން، ހިއްކުމުގެ ކޮލިޓީގައި މައްސަލަ އެއް ހުރެ، އެއްވެސް ކަމެއް ފެންމަތި ވެއްޖެ ހިނދެގައި، ކޮންޓްރެކްޓް ހަދާފައިވާ ސީއެމްސީސީ އެމީހުންގެ މަސްއޫލިއްޔަތުން ބަރީއަވެ، ސަރުކާރުން އަމިއްލައަށް ޕްރޮޖެކްޓްގެ މަސައްކަތް އެމީހުންނަށް އެނގުމާއި ނުލައި ކޮށްފައިވާ ކަމަށް ބުނެ، ކޮންޓްރެކްޓް އުވާލުން!
  2. ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީ ބޭނުންކޮށްގެން ފުށި އައިލެންޑް މަޝްރޫއު ކޮންޓްރެކްޓަކާ ނުލައި ކުރިއަށް ގެންދިއުމާއި އެހެން ޕްރޮޖެކްޓަކުން ވެއްޔާއި ވަސީލަތްތައް ނެގުމަކީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމެވެ. މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން އޮފް ދަ މޯލްޑިވްސް (އޭސީސީ) އިން ތަހުގީގުކޮށް، އެކަމުގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއުފުލަން ޖެހިދާނެ ކަމެކެވެ.
  3. ފުށިދިއްގަރުފަޅު ހިއްކުމަށް ބޭނުންވާ ވެލި އެހެން ހިއްކުމުގެ މަޝްރޫއަކުން ނެގުމަކީ ތިމާވެށީގެ ކަންބޮޑުވުންތައް އޭގައި އެކުލެވޭ ކަމެކެވެ. އަދި މިއީ އީޕީއޭގެ ގަވާއިދުތަކާ ހިލާފު ކަމެކެވެ. ތިމާވެއްޓަށް ލިބޭ ގެއްލުމާ ގުޅިގެން މޯލްޑިވްސް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ސަރުކާރާ މެދު ފިޔަވަޅު އަޅަން ޖެހޭނެއެވެ.
  4. ސަރުކާރުން ފުށިދިއްގަރުފަޅުގެ މަސައްކަތް ކުރިއަށްގެންދާ ގޮތުގެ ސަބަބުން ދިވެހި ސަރުކާރުގެ އަގު ވެއްޓި، އިންވެސްޓަރުންގެ އިތުބާރު ގެއްލި، ބައިނަލްއަގުވާމީ ގުޅުންތަކަށް ބުރޫ އަރާނެ އެވެ.

ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ މިފަދަ ބޮޑު ޕްރޮޖެކްޓެއް މުއިއްޒު ފައްޓަވައިގެން ކޮރަޕްޝަނަށް މަގުފައިވާހެން ކުރިއަށް ގެންދަމުން ދަނީ، މަޖިލީސް އިންތިހާބަށް 100 މިލިއަން ރުފިޔާ ސީއެމްސީ އަތުން ހޯދުމަށް ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އަދި މިހާތަނަށް ސީއެމްސީއަށް މި ޕްރޮޖެކްޓް ހިއްކުމަށް ބޭނުންވާ ފައިސާ ހަމަ ޖެއްސިފައި ނުވާއިރު، އެމްޓީސީސީގެ މުދަލާއި، ތަކެތި އަދި މީހުން ބޭނުން ކޮށްގެން ބޭރުގެ ކުންފުންޏަކަށް އެއިން މާލީ މަންފާ ލިބޭހެން، އަދި އެމްޓީސީސީއަށް އެއިން މާލީ ގެއްލުން ލިބި، އަދި ކުރިން ފަށާފައިވާ އެހެން ޕްރޮޖެކްޓްތަކަށް ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ވާހެން ފުށިދިއްގަރު ފަޅު ހިއްކުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ.