ޚަބަރު

އާއަހަރުގެ ހަފްލާ 30 މިލިއަން ރުފިޔާއަށް ޝުޖާއުގެ އިވެންޓް މެނޭޖްމަންޓް ކުންފުންޏަށް, އަސްވާޑުއަށް ބައި އަޅާގޮތަށް!

ދިޔަވަރު
އާއަހަރުގެ ހަފްލާ 30 މިލިއަން ރުފިޔާއަށް ޝުޖާއުގެ އިވެންޓް މެނޭޖްމަންޓް ކުންފުންޏަށް, އަސްވާޑުއަށް ބައި އަޅާގޮތަށް!

އަންނަ އަަހަރުގެ ފެށުން ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ރާއްޖޭގައި ބާއްވާ ޚާއްސަ ހަފްލާގެ އިވެންޓު މެނޭޖުކުރުން, ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު, އަދި ޕީޕީއެމް ޕީއެންސީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އިބުރާހިމް ޝުޖާއުގެ އިވެންޓް މެނޭޖްމަންޓް ކުންފުންޏަށް ދިނުމަށް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ނިންމައިފިއެވެ.

ނަން ހާމަކުރުމަށް ނޭދޭ, "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި, އިންފޮމޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މި އިވެންޓް ޝުޖާއުގެ އިވެންޓް މެނޭޖްމަންޓް ކުންފުންޏާއި ހަވާލުކުރާގޮތަށް ނިންމާފައިވަނީ 30 މިލިއަން ރުފިޔާއަށެވެ.

"ދިޔަވަރު އޮންލައިން" އާއި މައުލޫމާތު ހިއްސާކުރަމުން އޮފިޝަލް ވިދާޅުވި ގޮތުގައި އާއަހަރު ފެށުމަށް ބާއްވާ ހަފްލާގެ އިވެންޓް މެނޭޖުކުރަން ޝުޖާއުގެ އިވެންޓް މެނޭޖްމަންޓް ކުންފުންޏާއި ހަވާލު ކުރުމަށް ނިންމާފައިވަނީ އާދަޔާ ޚިލާފަށް ބޮޑުކޮށް ނުއަގުގައި ކަމަށާއި, އާދަޔާ ޚިލާފަށް ބޮޑު އަގުގައި ޕްރޮޖެކްޓް އެވޯޑު ކުރަން ޖެހުނީ, މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު)އަށް ބޮޑު "ކަޓެއް" ދޭން ޖެހިގެން ކަމަށެވެ. އެހެންނަމަވެސް އެއީ ކިހާ އަދަދެއްކަން އޭނާ ހާމަ ކޮށްފައެއް ނުވެއެވެ.

އިންވެންޓް މެނޭޖުކުރުމަށް ޝުޖާއު އުފައްދާފައިވާ ކުންފުނި ރަޖިސްޓްރީ ކޮށްފައިވަނީ ޝުޖާއުގެ އެއްބަޑު އެއްބަފާ އޭނާ ކޮއްކޮއިންގެ ނަމުގައެވެ. އަދި އެ ކުންފުނިން ދަނީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު, ބޮޑު އަގުގައި އިވެންޓް މެނޭޖް ކުރުމުގެ, ސަރުކާރުގެ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.

އޭގެ ތެރޭގައި ރައީސް މުއިއްޒު ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ އިވެންޓް މެނޭޖްކުރުމުގެ އިވެންޓަށް އެކުއިޕްމަންޓުތައް ކުއްޔަށް ދީގެން އެތައް މިލިއަން ރުފިޔާއެއް އެކުންފުނިން ނަގާފައިވާއިރު, އެކުންފުންޏަށް ދާދިފަހުން ވަނީ ހުރަވީ ދުވަސް ފާހަގަ ކުުރުމަށް ބޭއްވި ހަފްލާގެ އިވެންޓް މެނޭޖުކުރުމަށް 5 މިލިއަން ރުފިޔާއަށް ދީފައެވެ. އަދި އޭގެ އިތުރުން ފުށިދިއްގަރު ފަޅު ހިއްކުމުގެ ގޮތުން ބޭއްވި, ކުޑަ ހަފްލާއެއްގެ ގޮތުގައި ފާހަގަވެގެންދިޔަ ހަފްލާގެ އިވެންޓު މެނޭޖު ކުުރުމަށް ޝުޖާއުގެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ 3 މިލިއަން ރުފިޔާއަށްކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައި ވެއެވެ.

މި ހުރިހާ ޕްރޮޖެކްޓަކީވެސް އިއުލާން ކުރުމަލާ ނުލާ "ސިންގަލް ސޯސް ޕްރޮކިއުމަންޓް"ގެ އުސޫލުން އެކުންފުންޏާއި ހަވާލުކޮށްފައިވާ ޕްރޮޖެކްތައް ކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ސަރުކާރުން އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ބާރަށު ދާއިރާގެ ކުރީގެ މެމްބަރު, އަދި ޕީޕީއެމް ޕީއެންސީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އިބުރާހިމް ޝުޖާއުއަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް މުއިއްޒުއާއި އިދިކޮޅު ފެކްޝަންގައި ހުރި, ރައީސް ޔާމިންއަސް ވަރަށް ބޮޑަށް ތާއީދުކޮށް, އަދި ރައީސް މުއިއްޒުއަށް ވަރަށް ހުތުރު ބަހުން މުއާމަލާތުވެސް ކޮށްފައިވާ ފަރާތެކެވެ.

އެހެންނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު އޭނާވަނީ މުއިއްޒުއަށް ސަނާކިޔާން ފަށާފައެވެ. އަދި ޝުޖާއުގެ ކޮއްކައިންނަށް މިހާރުވަނީ ސަރުކާރުގެ މިނިސްޓްރީތަކުން ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުންފެށިގެން މަތީގެ މަގާމްތައް ހަމަޖައްސާފައެވެ.

ކޮރަޕްޝަން ނައްތާލާނެކަމަށް ވައުދުވެގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުގެ ތެރޭގައި, ރައީސް މުއިއްޒު ހުވާކުރެއްވިތާ ދެ މަހެއްހާ ދުވަހުގެ ކޮރަޕްޝަން އިންތިހާއަށް އަށަގަންނަމުންދާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.

މިގޮތުން ދާދިފަހުން ސަރުކާރުން ބިން ހިއްކަންފެށި ފުށި ދިއްގަރު ފަޅު ބިންހިއްކުމުގެ މަޝްރޫއުން 100 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ސަރުކާރުގެ އިސްފަރާތްތަކުން ގަނާފައިވާކަމަށް ތުހުމަތު ކުރެވޭއިރު, މިފައިސާގެ ބައެއް ސީދާ ރައީސް މުއިއްޒު ނެންގެވިކަމަށްވެސް އިތުބާރުހުރި ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.