ރާއްޖެއާއި ގާތްގަޑަކަށް 762 ކިލޯމީޓަރ ކައިރިން ތެލާއި ކެމިކަލް ހިފައިގެން ދަތުރު ކުރަމުންދިޔަ ކޭމް ޕްލޫޓޯ ނަމަކަށް ކިޔާ ބޯޓަކަށް އިރާނުން ޑްރޯން ހަމަލާއެއް ދީފައިވާކަން ސަރުކާރަށް އެނގިފައެއް ނެތެވެ. މި ހަމަލާ ދީފައިވަނީ 23 ޑިސެމްބަރ 2023 ގައެވެ.
ޕެންޓަގަންގެ ތަރުޖަމާނު ރޮއިޓާސްއަށް ވިދާޅުވީ ލައިބީރިއާގެ ދިދަ ޖަހާފައިވާ، ޖަޕާނުގެ ހިއްސާ އޮންނަ އަދި ނެދަލެންޑްސް އިން ހިންގާ ކެމިކަލް ޓޭންކަރެއް ކަމަށްވާ ކޭމް ޕްލޫޓޯ އަށް 23 ޑިސެމްބަރުގެ ހެނދުނު 10:00 ހާއިރު އިންޑިއާގެ އައްސޭރިފަށުން 200 ނޯޓިކަލް މޭލު ދުރުގައި އޮންނަ އިންޑިއާ ކަނޑުގައި އީރާނުން ފޮނުވާލި ޑްރޯނެއް އަރާފައި ފައިވާ ކަމަށެވެ. އިންޑިޔާގެ ކޯސްޓުގަޑުން ވެސް ވަނީ މި ހަމަލާ ދީފައިވާ ކަން ޔަގީން ކޮށް ދީފައެވެ. ހަމަލާ ދިން އިރު މި ބޯޓުގައި 20 އިންޑިޔާ މީޙުންނާއި، 1 ވިއެޓްނާމް ރައްޔިތަކު ހުއްޓެވެ. އެއްވެސް މީހަކަށް މި ހަމަލާގައި ގެއްލުން ލިބިފައި ނުވެއެވެ. އަދި އިންޑިޔާގެ ކޯސްޓްގާޑުން ވަނީ ކޭމް ޕްލޫޓޯއަށް އެހީތެރިކަން ފޯރު ކޮށްދީފައެވެ.
ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އުފެދިފައިވާ ސަރަހައްދީ ނުތަނަވަސްކަން އިތުރުވެ ޝިޕިން ލޭންތަކަށް ނުރައްކާތަކެއް ކުރިމަތިވެފައި ވާއިރު، ރާއްޖޭގެ ސަރަހައްދާއި ކައިރިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާ އައުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. މިއީ މިގޮތަށް އައި ފުރަތަމަ ހަމަލާއެވެ. ނަމަވެސް ހަމަލާތައް އިތުރުވެއްޖެނަމަ، ބޯޓުތަކަށް ނަގާ އިންޝްއަރަންސް އިންތިހާއަށް ބޮޑުވެ، ބޯޓުތައް ދަތުރު ކުރުން މަދުވެ، ރާއްޖެއަށް އަންނަ ކާބޯތަކެތީގެ އަގުތައް ޔޫރަޕާއި އެއްވަރަށް، އަތް ނުފޯރާފަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.
ދުނިޔެ ހަނގުރާމައިގެ ތެރެއަށް ގޮސްފައިވާ މި ހައްސާސް ދަނޑިވަޅުގައި، ރާއްޖެއާއި އިންޑިޔާއާއި ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން ވަނީ ހީނަރުވެފައެވެ. ރާއްޖެއަކީ އެއްވެސް ބާވަތެއްގެ މުދަލެއް އުފައްދާ ޤައުމަކަށް ނުވާއިރު، އަދި ކާބޯތަކެތިވެސް އަމިއްލަ ޤައުމަށް ބޭނުންވާ ވަރަށް ނުއުފެއްދޭ އިރު، ކަނޑުދަތުރު ފަތުރު ކުރުމަށް ހަނގުރާމައިގެ ސަބަބުން އަންނަ ލޮޅުމަކުން ރާއްޖެ ބަނޑަށް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ޗައިނާއަކީ މާދުރުގައި އޮތް ޤައުމެއްކަމުން، މި ސަރަހައްދަށް ޗައިނާގެ ބޯޓު ފަހަރުތައް ހަނގުރާމައިގެ ހާލަތެއްގައި ރާއްޖެއަށް ކާބޯތަކެތި ހިފައިގެން ދަތުރެއް ނުކުރާނެއެވެ. އެފަދަކަމެއް އެންމެ ރިސްކު ކުޑަކޮށް ކޮށްދެވެން އޮތީ އިންޑިޔާއަށެވެ. ނަމަވެސް މުއިއްޒުގެ ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ކެމްޕެއިނުގައި، އިންޑިޔާއާއި ދެކޮޅަށް ދޮގު ތުހުމަތުކޮށް އިންޑިޔާ ބަދުނާމުކޮށްގެން މުއިއްޒު ވަނީ ވެރިކަމަށް އައިސްފައެވެ. މުއިއްޒުގެ ވެރިކަމެއްގައި ރާއްޖެ، އާލަމީ ވަބާއަކާއި ނުވަތަ ހަނގުރާމައެއްގެ ތެރޭ ރާއްޖެއަށް ދަތުރު ކުރާ ބޯޓުތަކަށް އިރާނުން މިފޮނުވި ހަމަލާތައް ގިނަވެއްޖެ ހިނދެއްގައި، ދަތުރުފަތުރަށް ބުރޫ އަރައި ދިވެހިން ބަނޑަށް ޖެހޭނެއެވެ. ކަން މިހެން އޮތްއިރު، އިންޑިޔާ ކަނޑުގެ ސަލާމަތާއި ގުޅޭ ގޮތުން މި މަހު ލަންކާގައި ބޭއްވި ކޮންފަރެންސަށް ރާއްޖޭގެ ފަރާތުން ބައިވެރިވެފައެއް ނުވެއެވެ.
އިޒްރޭލު ސަރުކާރުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަށް އީރާނުގެ ސަރުކާރާއި ޔަމަނުގައި ހަރަކާތްތެރިވާ އެގައުމުގެ ގުޅިފައިވާ ހަނގުރާމަވެރި ފައުޖުތަކުން ދަނީ ފާޅުގައި ފާޑުކިޔަމުންނެވެ. އަދި އެމީހުންނާއި އެއްވެސް ވަރަކަށް ގުޅުން އޮންނަހެން ހީވާ މުދާ ބޯޓު ފަހަރުތަކަށް ހޫދީންނާއި، އިރާނުން ދަނީ ހަމަލާ ދެމުންނެވެ.