ޚަބަރު

ރައީސް އޮފީހުގެ ތަރުޖަމާން ޝަހީބު ޕްރެސްތަކަށް އެރުވުން ވަގުތީގޮތުން މެދު ކަނޑާލައިފި

ދިޔަވަރު
ރައީސް އޮފީހުގެ ތަރުޖަމާން ޝަހީބު ޕްރެސްތަކަށް އެރުވުން ވަގުތީގޮތުން މެދު ކަނޑާލައިފި

ރައީސް އޮފީހުގެ ތަރުޖަމާންކަމަށް ދާދި ފަހުން އައްޔަން ކުރެއްވި, މަޝްހޫރު ނޫސްވެރިޔާ މުހައްމަދު ޝަހީބު ނޫސްވެރިންގެ ބައްދަލުވުންތަކަށް އެރުވުން ރައީސް އޮފީހުން ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސްގެ މަގާމު އަދާކުރެއްވި މުހައްމަދު ޝަހީބު ސަރުކާރުގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވަނީ މި ޑިސެމްބަރުމަހުގެ 13 ވަނަ ދުވަހުއެވެ. އެއަށްފަހު ޝަހީބު ވަނީ ނޫސްވެރިންގެ 3 ބައްދަލުވުމެއް ބާއްވާފައެވެ.

އޭގެ ތެރޭގައި ރައީސް އޮފީހުގައި ބޭއްވުނު ބައެއް ކެބިނެޓް ޖަލްސާތަކުގައި ނިންމެވި ނިންމުންތަކާއި ގުޅުންހުރި މައުލޫމާތު މީޑިއާތަކަށް ދިނުމަށް ބޭއްވި ބައެއް ޕްރެސްތައްވެސް ހިމެނެއެވެ.

އެހެންމަަވެސް އެ ޕްރެސްތަކުގައި ޝަހީބުއަށް ނޫސްވެރިން ކުރިމަތި ކުރުވި ގިނަ ސުވާލުތަކަށް އެކަށީގެންވާ ޖަވާބުތައް ދެވިފައި ނުވާއިރު, އޭނާވަނީ ބައެއް ނޫސްވެރިންނާއި ރުންކުރުކޮށް ވަހަކައްދައްކާ, ގޮނޑީގައި އިށީދެ އިނުމަށް އިންޒާރުވެސް ދީ ހަދާފައެވެ.

މިގޮތުން ޝަހީބު ނޫސްވެރިންނާމެދު އަމަލު ކޮށްފައިވާ ގޮތުގެ ސަބަބަން އޭނާގެ އިތުރުން ރައީސް މުއިއްޒުއަށްވެސް ނޫސްވެރިންގެ ވަރަށްބޮޑު ފާޑު ކިއުމެއް ވަނީ އަމާޒު ވެފައެވެ.

"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވީ, ޝަހީބު ރައީސް އޮފީހުގެ ޕްރެސްތަކަށް އެރުވުން ވަގުތީ ގޮތުން ހުއްޓާލުމަށް ރައީސް މުއިއްޒު އެންގެވުމާއި ގުޅިގެން, އިއްޔެ ބޭއްވުނު ކެބިނެޓް ޖަލްސާއާއި ގުޅުންހުރި މައުލޫމާތު މީޑިއާތަކަށް ދިނުމަށް މިއަދު މީޑިއާތަކާއި ބައްދަލު ކޮށްފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރ ނާޒިމް ކަމުގައެވެ.

އެހެންނަމަވެސް, ޝަހީބު ޕްރެސްތަކަށް އެރުވުން ހުއްޓުވާފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް ސާފު ވެފައެއް ނުވެއެވެ. އެކަމާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބުރާހިމް ޚަލީލްއަށް ގުޅާލުމުން އޭނާ ފޯނު ނުނަންގަވާތީ އިތުރު މައުލޫމާތު ސާފުވާގޮތް ވަނީ ނުވެފައެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ރާއްޖޭގެ ނޫސްވެރިން އަޅުވެތި ކުރުމަށް ފާސްކުރި އަބުރުގެ ގާނޫނު ނޫސްވެރިންގެ މައްޗަށް ތަންފީޒު ކުރުމުގައި, ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން އޭރު އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ޝަހީބުއެވެ.

އޭރު ފާސްކުރެވުނު އަބުރުގެ ގާނޫނުގެ ދަށުން އެތަކެއް ނޫސްވެރިންނެއް ޖަލަށްލެވި, މީޑިއާތައް ބޮޑެތި އަދަދުތަކުން ޖުރިމާނާ ކުރެވިގެން ދިޔައެެވެ. މިގޮތުން, ނޫސްވެރިންނަށް އޭރު ލިބިގެންދިޔަ ގިނަ އަނިޔާއެއްގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވި ޝަހީބު މި ސަރުކާރުގެ ތަރުޖަމާނަކަށް ރައީސް މުއިއްޒު އިސްކުރެއްވުމުން ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެގެން ދިޔައެވެ.

މި ސަރުކާރުން ގާނޫނާ ޚިލާފަށް "ދިވަރު އޮންލައިން" ބްލޮކް ކޮށްފައިވާ ކުރުންވެސް ދިފާއިކޮށް ޝަހީބު ވަނީ ޓުވީޓު ކުރައްވާފައެވެ.

ތަރުޖަމާނެއްގެ ހައިސިއްޔަތުން ޝަހީބު މިހާތަނަށް ދެތިން ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވާއިރު, އޭނާ ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް އަމަލު ކުރައްވަމުން ގެންދަވަނީ ހަރުކަށިކަމާއި, ޚުދުމުޚްތާރުކަމާއެކުކަމަށް ގިނަ ނޫސްވެރިންވަނީ ފާހަގަ ކޮށްފައެވެ.