ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީއަށް ސޮއި ކުރައްވަން ނިންމަވައިފިއެވެ.
މަވޯޓާ ޝަރީފް އެމްޑީޕީން ވަކިވިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.
"ދިޔަވަރު އޮންލައިން"އަށް ކަށަވަރުވެފައިވާ ގޮތުގައި ޝަރީފްވަނީ މިއަދުގެ ވަގުތެއްގައި ވަނީ އެމްޑީޕީން ވަކިވުމަށް ސިޓީ ހުށަހަޅުއްވާފައެވެ. އަދި އޭނާވަނީ މިއަދުގެ ވަގުތެއްގައި ރައީސް މުއިއްޒުއާވެސް ބައްދަލު ކުރައްވާފައެވެ.
ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި ޝަރީފް ޕީއެންސީއާއި ގުޅިވަޑައިގަންނަވަނީ ރައީސް މުއިއްޒުގެ އަރިހުން އޭނާ އެދިވަޑައިގެންނެވި ކަންކަން ރައީސް މުއިއްޒު ފުރިހަމަ ކޮށްދެއްވުމުންކަމުގައެވެ.
އެހެންނަމަވެސް އެއީ ކޮންކަންތައްތަކެއްކަން އަދި ކަށަވަރު ކުރެވޭގޮތް ވަނީ ނުވެފައެވެ.
ޝަރީފް މިއަދު އެމްޑީޕީން ވަކިވެފައިވާއިރު، އޭނާ މިއަދު އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިއްބާވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުވި މެސެއްގައި ވިދާޅުވެފައިވަނީ އޭނާ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް ވާދަ ނުކުރައްވާނެކަމަށާއި އަދި ސިޔާސީ މަސްރަހުންވެސް ދުރަށް ވަޑައިގެންނެވުމަށް ނިންމަވާފައިވާ ކަމުގައެވެ.
ޝަރީފް ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އެއް މެމްބަރުގެ ގޮތުގައެވެ. އެގޮތުން އޭނާވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު މަޖިލިހުގައި ޚިދުމަތް ކުރައްވާފައެވެ. ޝަރީފް މިއަދު އެމްޑީޕީންވަކިވެވަަޑައިގެންފަައިވާއިރު، އެމްޑީޕީއަކީ އޭނާ އެންމެ ފުރަތަމަ ގުޅުނު ޕާޓީވެސްމެއެވެ. އެހެންނަމަވެސް އެއަށްފަހު އޭނާވަނީ ކުރީގެ ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީގަވެސް އިސް ދައުރެއް އަދާކުރައްވާފައެވެ.
ޝަރީފްއަކީ މިހާރު އަމަލުކުރެވެމުންދާ ފެހު ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެކުލަވާލި ޚާއްސަ މަޖިލިހުގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާވަނީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމަށް ކުރެވިގެންދިޔަ އިސްލާހީ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރައްވާފައެވެ.