އެމްޑީޕީީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު, ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ސިޔާސީ ވިސްނުން ބަދަލުކޮށް ޕީއެންސީއަށް ސޮއި ކުރައްވަން ނިންމެވުމާއެކު, މެލޭޝިއާގެ އެމްބަސީގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމުގައި ހުންނެވި, މަވޯޓާ ޝަރީފްގެ ދަރިފުޅު މަރިޔަމް މިޒުނާގެ ޕޯސްޓިންގެ މުއްދަތު އިތުރުކޮށްދީފިއެވެ.
"ދިޔަވަރު އޮންލައިން" ކޮޕީ ލިބިފައިވާ, ފޮރިން މިނިސްޓްރީއިން މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންއަށް ފޮނުވާފައިވާ މެސެޖްގައި ވާގޮތުން މެލޭޝިއާގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރގެ މަގާމްގައި ހުންނެވި, ޝަރީފްގެ ދަރިފުޅު މިޒުނާގެ ޕޯސްޓިންގެ މުއްދަތު ފޮރިން މިނިސްޓަރީން މިހާރުވަނީ އަންނަ އަހަރުގެ މާރޗްމަހުގެ 31 ގެ ނިޔަލަށް އިތުރު ކޮށްދީފައެވެ.

މިޒުނާ މެލޭޝިއާގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރގެ މަގާމަށް ހަމަޖެއްސެވީ ރައީސް ސާލިހުއެވެ. އޭރު މަވޯޓާ ޝަރީފްއަކީ އެމްޑީޕީގެ ޕީޖީގެ މެމްބަރުންގެ ތެރެއިން ރައީސް ސާލިހަށް އެންމެ ބޮޑަށް ތާއީދުކޮށް ސަނާކިޔުއްވަމުން ގެންދެވި މެމްބަރެވެ.
”ދިޔަވަރު އޮންލައިން“އަށް ކަށަވަރުވެފައިވާ ގޮތުގައި ޝަރީފްވަނީ މިހާރު ވަނީ އެމްޑީޕީން ވަކިވުމަށް ސިޓީ ހުށަހަޅުއްވާފައެވެ. އަދި އޭނާވަނީ މިއަދުގެ ވަގުތެއްގައި ރައީސް މުއިއްޒުއާވެސް ބައްދަލު ކުރައްވާފައެވެ.
ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅަކު ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ގޮތުގައި ޝަރީފް ޕީއެންސީއާއި ގުޅިވަޑައިގަންނަވަނީ ރައީސް މުއިއްޒުގެ އަރިހުން އޭނާ އެދިވަޑައިގެންނެވި ކަންކަން ރައީސް މުއިއްޒު ފުރިހަމަ ކޮށްދެއްވުމުންކަމުގައެވެ. އަދި ޝަރީފަށް ގިނަ އަދަދަކުން ފައިސާ ދީފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ވިދާޅެއް ނުވެއެވެ.