ރައީސް ސޯލިހުގެ ކެމްޕެއިނުގައި، ފުރުތަމަ ބުރުގައި އާއި އަދި ދެވަނަ ބުރުގައިވެސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ހަލީލު މަސައްކަތް ކޮށްދެއްވިކަމުގެ މައުލޫމާތު ލިބިއްޖެއެވެ. އެމްޑީޕީގެ ކެމްޕެއިނުގައި އިސްކޮށް ހަރާތްތެރިވި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، އޭރު މުއިއްޒުއާއި ދެކޮޅަށް އެމްޑީޕީއިން ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ދެއްވި ޕްރެސް ތަކުގައި، މާރިޔާއަށް ގުޅުއްވައި ދައްކާނެ ބައެއް ވާހަކަ ތަކާއި މެދު މަޝްވަރާ އަރުވާފައިވެއެވެ.
ހަލީލު އެރުވި މަޝްވަރާގެ ތެރޭގައި، ފަސްޓްލޭޑީ، ސާޖިދާ އަކީ "ސަޕްރައިޒް ވައިފް" ގޮތުގައި ޖޯކުޖެހުމަށް ދިން ޚިޔާލު ވެގެން ދިޔައީ، އޭރު ސާޖިދާ ކެމްޕެއިނުގައި ކުރަން ރާވާފައިވާ ބައެއް ހަރަކާތްތައް މަޑުޖައްސާލަން ޖެހުނު އެއް ސަބަބަށެވެ.
މީގެ އިތުރުން، އިބްރާހިމް ހަލީލު ވަނީ ސަން ޓީވީގެ އެހީތެރިކަމާއި އެކު، އެންޓި ކެމްޕެއިނަށް މުއިއްޒާއި ދެކޮޅު ވީޑިޔޯ ކްލިޕް ތައް ތައްޔާރު ކޮށްދީފައެވެ. އަދި އެމްޑީޕީއަށް ބޭނުން ވާ ފަންނީ އެހީތެރިކަން ފޯރު ކޮށްދީ އެތެރޭގެ ކެމްޕެއިން އެތައް މީޓިންގ ތަކެއްގައި ބައިވެރި ވެލެއްވި ކަމަށް މައުލޫމާތު ލިބެއެވެ. އެމްޑީޕީގެ މެނިފެސްޓޯއަށް މީޑިޔާ އަށް ސަރުކާރުން ބަޖެޓެއް ހަމަޖައްސައި އެ ބަޖެޓުން ހަރަދު ކުރުމުގެ ޚިޔާލު ދެއްވި މީހުންގެ ތެރޭގައި ވެސް އިބްރާހިމް ހަލީލު ހިމެނޭކަމަށް އެމްޑީޕީއިން މައުލޫމާތު ދެއެވެ.