ޚަބަރު

ސަރުކާރާއި ދެކޮޅަށް ފާޑު ކިޔާނެ ކަމަށް ބެލެވިގެން، މިދުއާމު އާއި، ނަވާޒް އާއި، ޝިފްޒާން އަދި ޕޮކަންޑި އަށް ވަޒީފާދޭން މުއިއްޒު ނިންމައިފި

ދިޔަވަރު
ސަރުކާރާއި ދެކޮޅަށް ފާޑު ކިޔާނެ ކަމަށް ބެލެވިގެން، މިދުއާމު އާއި، ނަވާޒް އާއި، ޝިފްޒާން އަދި ޕޮކަންޑި އަށް ވަޒީފާދޭން މުއިއްޒު ނިންމައިފި

ސަރުކާރުގެ ކަންތައްތައް ހުރި ގޮތުން ސަރުކާރާއި މެދު ހިތްހަމަ ނުޖެހި، ދެކޮޅަށް މާގިނަ ދުވަސްތަކެއް ނުވަނީސް ފާޑު ކިޔާނެ ކަމަށް ބެލެވިގެން، މުއިއްޒު ދެއްވި ލަފައެއްގެ މަތިން، ސޯޝަލް މީޑިޔާ އެކްޓިވިސްޓް މިދުއާމު އާއި، ވަގުތު އޮންލައިންގެ ނަވާޒް އާއި، ދިޔަރެސް އޮންލައިންގެ ޝިފްޒާން އަދި ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޕޮކަންޑި އަށް ވަޒީފާދޭން މުއިއްޒު ނިންމައިފިއެވެ.

މީގެ އެއްދުވަސް ކުރިން މުއިއްޒު ދެއްވި މި ލަފާ ފުޅާއި ގުޅިގެން މިއަދު ވަނީ މި މީހުން ރައީސް އޮފީހަށް ގެނެސް މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

ސަރުކާރުން ހަދަމުންދާ ގޯސްތައް ފޮރުވުމަށް، މީޑިޔާގެ ދައުރު ވަރުގަދަ ކުރުމަށާއި، ޕާޓީ ތެރޭ ތިބި ބަޔަކު ނުކުމެ މުއިއްޒު ހަދަމުންދާ ގޯސްތަކާއި ވައްކަމުގެ ވާހަކަތައް ދައްކަން ފަށައިފިނަމަ، ސަރުކާރު އިތުރަށް ބަލިކަށި ވާނެ ކަމަށް ބަލައި، މި މީހުންނަށް ސަރުކާރުގެ މަޤާމުތައް ދިނުމަށް ނިންމާފައިވަނީ، ދިޔަވަރު ނޫހުން ސަރުކާރުން ހިންގާ ކޮރަޕްޝަން އާންމުންނާއި ހަމައަށް ގެންނަމުން ދާތީ ކަމަށް، މި ބައްދަލުވުމުގައި ބައިވެރި ފަރާތަކުން އޭނާގެ ރައްޓެއްސަކަށް ކިޔައިދީފައިވެއެވެ. އަދި ދިޔަވަރު ނޫސް ހިންގުމުގައި މި މީހުންގެ ދައުރެއް ހިމެނޭ ކަމަށް ސަރުކާރުން ތުހުމަތު ކުރެއެވެ. އަދި މަޤާމުތައް ދިން ކަމުގައި ވީނަމަވެސް މި މީހުންނަށް ފާރަވެރިވުމަށް މުއިއްޒު ވަނީ އަންގާފައެވެ.

މިދުއާމު އަށް ވަޒީފާ ހަމަ ޖައްސާފައިވަނީ ރައީސް އޮފީހުންނެވެ. ޝިފްޒާން އަށް މަގާމު ހަމަ ޖެއްސީ ހެރިޓޭޗް މިނިސްޓްރީއިންނެވެ. ވަގުތު އޮންލައިންގެ ސީއީއޯ ނަވާޒު އަށް ވަޒީފާ ހަމަޖައްސާފައިވަނީ ޔޫތް މިނިސްޓްރީއިން ކަމަށް މައުލޫމާތު ލިބެއެވެ.

މާދަމާއިން ފެށިގެން ޕޮކަންޑި، އާބަންކޯގެ ޕީއާރު އާއި ހަވާލުވާ ގޮތަށް ހުރިހާ ކަމެއް ހަމަ ޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.