ރާއްޖޭގައި މިހާރު ފެތުރެމުންދާ ފައިލޭރިއާއަކީ ރާއްޖެއަށް "އިމްޕޯޓުވި ބައްޔެއް ކަމަށާއި, އެ ބަލިޖެހޭނީ ވަރަށް ގިނަ ފަހަރު މަދިރި ހަފައިގެން ކަމުގައި ހެލްތު މިނިސްޓަރ ޑރ. އަބުދުالله ޚަލީލު ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރ ޑރ. އަބުދުالله ޚަލީލު މިހެން ވިދާޅުވީ "މުކައްބާ"ގެ ނަމުގައި އާ ސޯޝަލް މީޑިއާ ކެމްޕޭނެއް އިފްތިތާހު ކުރުމަށް މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޚަލީލު ވިދާޅުވީ ބަލިޖެހޭ މީހަކަށްވެސް ބޭސް ފޯރުކޮށްދެން ޖެހެނީވެސް އެންމެ ފަހަރަކު ކަމުގައެވެ. އެހާހިސާބުން އެމީހެއްގެ ފަރާތުން ބަލިވެސް ނުފެތުރޭނެކަމަށާއި, ރާއްޖޭގަ ބޭސްވެސް އެބަހުރި ކަމުގައެވެ.
ވަރަށް ގިނަފަހަރު ހެފުމަށްފަހުގަ ނުނީ.. ވަރަށް ގިނަ ފަހަރު ހެފުމަށްފަހުގަ ނޫނީ ފަސޭހައިން ފެތުރޭ އެއްޗެއް ނޫން އެކަކު އަނެކަކު ގަޔަށް.
ޑރ. ޚަލީލު ވިދާޅިވިއެވެ.
ފައިލޭރިއާ ބައްޔަކީ ފަސޭހައިން ފެތުރޭ ބައްޔެއް ނަމަވެސް, ރާއްޖެއިން މިހާތަނަށް ނައްތާލެވިފައިވާ ބައްޔެއް އަލުން ރާއްޖޭގައި ފެތުރެން ފަށާފައިވާތީ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ސިއްޙީ ތަޖުރިބާކާރުން ވިދާޅުވެފައިވަނީ ރާއްޖެއިން އެކީ ނައްތާލެވިފައިވާ ބައްޔެއް އަލުން ރާއްޖޭގައި ފެތުރެންފެށީ, ރާއްޖޭގެ ސިއްޙީ ނިޒާމު ދޯހަޅިވެ, ރާއްޖެއަށް އެތެރެވާ ބިދޭސީން ޓެސްޓު ނުކުރެވި އަދި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ބޭސް ނުދެވުމާއި މީހުން އެކަށީގެންވާ ގޮތުގައި ޓެސްޓު ނުކުރެވިގެން ކަމުގައެވެ.
ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 32 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ވިދާޅުވެފައެވެ.