މުއިއްޒުގެ އެންގުމަށް، ރައީސް އޮފީހުގެ މިނިސްޓަރ އިޤްބާލު މެދުވެރިކޮށް، އާބަންކޯގެ އެމްޑީ ފަޒުލް ވަނީ ހުޅުމާލެ ޓުއަރިޒަމް އައިލެންޑުން ބޮޑު ބައެއް ލަންކާގެ ކުންފުންޏަކަށް ދޭން ނިންމާފައެވެ. މިއީ މަޖިލިސް އިންތިހާބަށް ފައިސާ ހޯދުމަށާއި، މަޖިލީހުގައި ތިބި އެމްޑީޕީ މީހުން ގަތުމަށް، ރައީސް މުއިއްޒު ހިނގާ ކޮރަޕްޝަންގެ ބޮޅުތަކުގެ ތެރެއަށް އިތުރުވި ބޮޅެކެވެ.
މިއިން ކޮންމެ ޕްރޮޖެކްޓަކުން ސަރުކާރުން ދަނީ ސީދާ މުއިއްޒަށް ފައިދާ ވާހެން މިލިއަނުން ފައިސާ ނަގަމުންނެވެ. ލަންކާ ކުންފުންޏަށް މި ބިން ދެނީ މާލިއްޔަތު ޤާނޫނާއި ޚިލާފަށް އެއްވެސް ބިޑު ކުރުމެއް ނެތި، މާކެޓު އަގަށްވުރެ އެތައް ގުނައެއް ދަށްކޮށްކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރުން ކޮރަޕްޝަނަށް މަގުފައިވާހެން ކުރަމުންދާ މިފަދަ ކަންކަން އެންޓިކޮރަޕްޝަން ކޮމިޝަނުން ނުބަލާތީ ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މުއިއްޒުގެ 13 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުގައި އޮތް އިރު މިއިން އެއްވެސް މައްސަލަ އެއް، އޭސީސީ އިން ބަލާފައެއް ނުވެއެވެ.