ރައީސް އޮފީހުގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމެންޓް އުވާލައިފި ކަމަށް ދިޔަވަރު އަށް މައުލޫމާތު ލިބިއްޖެއެވެ. އިންޓަރނަލް އޮޑިޓް ޑިޕާޓްމެންޓް އުވާލާފައި ވަނީ ކޮން ސަބަބެއް މެދުވެރިވެގެން ކަން ސާފު ނުވި ކަމުގައި ވީނަމަވެސް، އެ ޑިޕާރޓްމެންޓް އުވާލީ މުއިއްޒުގެ އެންގުމަށް ކަމަށް މައުލޫމާތު ލިބެއެވެ. ރައީސް އޮފީހުން މި މައުލޫމާތު އާންމުންނަށް ސިއްރުކޮށްފައިވާއިރު، އިންޓަރނަލް އޮޑިޓް ޑިޕާޓްމެންޓް އުވާލުމަކީ ކޮރަޕްޝަން ފަދަ ކަންކަމަށް ރައީސް އޮފީސްތެރޭ އިތުރުވެގެން ދާނެ ކަމެކެވެ.
އިންޓާނަލް އޮޑިޓް ފަންކްޝަނެއް ނެތި، ރައީސް އޮފީހުގެ ތެރޭގައި ހިންގާ މާލީ އަދި އޮޕަރޭޝަނަލް ހަރަދުތައް ބެލެހެއްޓުމުގެ ޒިންމާ ނަގާ މިންވަރު ކުޑަވެގެން ދާނެ އެވެ. މިކަމުގެ ސަބަބުން މަކަރާއި ހީލަތް ހެދުމާއި، ދައުލަތުގެ ތަކެތި ބޭކާރުކުރުމާއި، ބާރުގެ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު ތައް ފަހިވެ، ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވުމުގެ ފުރުސަތު އޮންނާނެއެވެ.
އިންޓާނަލް އޮޑިޓްތަކުން އިޖުރާއަތްތައް ރަނގަޅުކުރެވޭނެ ދާއިރާތައް ދެނެގަނެވި، މަސައްކަތުގެ ފުރިހަމަކަން އިތުރުވެއެވެ. އަދި ޚަރަދު ކުޑަކުރަންވީ ދިމާތައް ދަނެގަނެވެއެވެ. އިންޓާނަލް އޮޑިޓް ޑިޕާޓްމެންޓް އުވާލުމުން ޚަރަދު އިތުރުވެ، ރައީސް އޮފީހުގެ މަސައްކަތުގެ ފެންވަރު އިތުރަށް ދަށަށް ދާނެއެވެ.
ދެފުށް ފެންނަ، ޖަވާބުދާރީ ވުމަށް ރައްޔިތުން ބަރޯސާވަނީ ސަރުކާރުގެ މުއައްސަސާތަކަށެވެ. އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލުމަކީ ކަންކަން ފޮރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ދެކި، ރައީސް އޮފީހާ މެދު އާންމުންގެ އިތުބާރު ގެއްލޭނެ އެވެ.
އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް ދޫކޮށްލަން ނިންމި ކަމުގެ ހަބަރު ފެތުރުމަކީ ދާހިލީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ވެސް ރައީސް އޮފީހުގެ އަގު ވައްޓޭނެ ކަމެކެވެ. ގައުމެއްގެ ރައީސް އޮފީހަކީ ޝަރަފުވެރި ތަނަކަށް ވާންޖެހޭ ތަނެކެވެ. އަދި އެއީ ޤައުމުގެ އެހެން މުއައްސަސާތައް މިސާލަކަށް ބަލާނެތަނެވެ.