ޚަބަރު

ސަންގު ޓީވީގެ ޕްރޮގްރާމްތަކަށް އަގަކާ ނުލާ ޓީވީއެމް އެކުއިޕްމަންޓްތަކާއި ޚިދުމަތްތައް ދޫކުރަނީ

ދިޔަވަރު
ސަންގު ޓީވީގެ ޕްރޮގްރާމްތަކަށް އަގަކާ ނުލާ ޓީވީއެމް އެކުއިޕްމަންޓްތަކާއި ޚިދުމަތްތައް ދޫކުރަނީ

މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު)ގެ އަމިއްލަ ޓީވީ ޗެނަލްކަމުގައިވާ ސަންގު ޓީވީގެ ޕްރޮގްރާމްތަކަށް ދައުލަތުގެ މީޑިއާގެ އެކުއިޕްމަންޓުތައް އެއްވެސް އަގަކާނުލާ ދޫކުރަން ފަށާފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

ދައުލަތުގެ މީޑިއާ, "ޕީއެސްއެމް"ގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި ޕީއެސްއެމްގެ ޓެކްނިކަލް އެކުއިޕްމަންޓުގެ އިތުރުން ތަނުގެ އެހެނިހެން ތަކެތިވެސް ސަންގު ޓީވީގެ ބޭނުމަށް މިހާރު އާންމުކޮށް ގެންދަން ފަށާފައިވާ ކަމަށާއި, ޕީއެސްއެމްއިން ތަކެތި ދޫކުރަމުން ދަނީ ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބުރާހިމް ޚަލީލްގެ އެންގުމަށް ކަމަށެވެ.

މިގޮތުން ‏މި ޑިސެމްބަރުމަހުގެ 11 ވަނަ ދުވަހު އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި އިންޑިއާގެ މޯހަން ބަގާން ރާއްޖޭގައި ކުޅުނު މެޗް ސަންގު ޓީވީން ލައިވްކޮށްފައިވަނީ, ޓީވީއެމްގެ އިކުއިޕްމަންޓު އަގަކާނުލާ, މިނިސްޓަރ އަސްވާޑުގެ ނުފޫޒުގެ ބޭނުންކޮށްގެން އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބުރާހިމް ހަލީލު އަންގައިގެން ޓީވީއެމުން ދޫކޮށްގެން ކަމަށް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ހަމަ އެއާއެކު, ‏ސަންގު ޓީވީން މިހާރު ކުރިޔަށްދާ ސަންގު ބަހުސް ބާއްވަމުންދަނީވެސް ހަމަ އެގޮތަށް މިނިސްޓަރު އަސްވާޑު ނުފޫޒުގަ, ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލު އޯޑަރަށް ޓީވީއެމުގެ ޕޯޑިއަމްތައް ސަންގު ޓީވީއަށް ގެންގޮސްގެން ކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީއެސްއެމްގެ އޮފިޝަލް ވިދާޅުވިއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީއެސްއެމްގެ އޮފިޝަލް ވިދާޅުވީ ދައުލަތުގެ މީޑިއާއަކީ ވަކި ގާނޫނަކުން ބާރު ލިބިދީގެން ހިންގާ ކުންފުންޏަކަށް ވާއިރު, ހިލޭ އެތަނުގެ ތަކެތި އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނެ ކަމުގައެވެ. އަދި އަމުދުން ޕީއެސްއެމްއިން ފޯރުކޮށްދޭ ޓެކްނިކަލް އެކުއިޕްމަންޓާއި ޚިދުމަތަކީ އަގު ދީގެން މެނުވީ ފޯރުކޮށްދެވޭނެ ތަކެއްޗާއި ޚިދުމަތެއް ނޫންކަންވެސް އޭނާ ފާހަގަކުރިއެވެ.

ހަމައެއާއެކު ޕީއެސްއެމްއިން އިވެންޓްތައް ލައިވް ކޮށްދިނުމާއި, އަދި ފޯރުކޮށްދޭ ޓެކްނިކަލް އެސިސްޓެންޓަކީ އަގުދީގެން ފޯރުކޮށްދޭންޖެހޭ ޚިދުމަތެއްކަން ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވަނިކޮށް, ވަޒީރުންގެ ނުފޫޒުން ހިލޭ ސާބަހަށް ޕީއެސްއެމްގެ ތަކެއްޗާއި ޚިދުމަތުގެ ބޭނުން ކުރުމަކީ ހިންގާ ބޮޑު ކޮރަޕްޝަނެއްގެ ގޮތުގައިވެސް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތުދިން ޕީއެސްއެމްގެ އޮފިޝަލް ސިފަކުރެއްވިއެވެ.

ޕީއެސްއެމްއަކީ ދައުލަތުގެ މީޑިއާނަމަވެސް, މިސަރުކާރުން ޕީއެސްއެމްއަށް ނުފޫޒު ފޯރުވާކަމުގެ ޝަކުވާތައް އިތުރުވެފައިވަނިކޮށް, މާލެއަށް މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ފަސް ކެނޑިޑޭޓުންނަށް ޢަމާޒުކޮށް ޕީއެސްއެމުން އިންތިޒާމުކުރާ ބަހުސްގެ ސުވާލުތައް, ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ދުރާލާ ޕީއެސްއެމްއިން ވަނީ ފޯރުކޮށް ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެސްއެމްގެ މިހާރުގެ އެމްޑީ ޒީނާ ޒާހިރު އެ ކުންފުނި ހިންގަމުންދަނީ ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބުރާހިމް ޚަލީލް އަންގާ ގޮތުގެ މަތިންނެވެ.